ސާޖިދާ މުހައްމަދު

ސަގާފަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭ: ސާޖިދާ

ދިވެހިންގެ ސަގާފަތަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކ. މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ރަސްމީ ގޮތުން ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅު ގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ މިއަދުގެ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ދިވެހިންގެ ރީތި ސަގާފަތް ހެދުމުން ކުރާނެ ފައިދާތަކެއް ހުންނާނެ ކަމަށެވެ. ރައީސް ޑރ. މުއިއްޒު، ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ސިޔާސަތެއް އެކުލަވާލެއްވުމަކީ އޭގައި މުހިއްމު މަގުސަދުތަކެއް، މާނަތަކެއް އަދި މަންފާތަކެއް އެކުލެވޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ ދިވެހިންގެ އިހުގެ ސަގާފަތަށް އެނބުރި ބަލައިލުމުން ފެންނަނީ އިޖުތިމާޢީ ބަލިމަޑުކަމެއް ނެތް ފުދުންތެރި ފަހުރުވެރި ދިވެހިރާއްޖެއެއް ކަމަށެވެ. ދިވެހި ސަގާފަތާއި ދިވެހިންގެ ތަރިކައިގެ މައްޗަށް ވާހަކަދައްކަވަމުން އެކަމަނާ ވަނީ ދިވެހި މުޖުތަމައުގައި ހުރި ކަންބޮޑުވާ މައްސަލަތަކަށް ހައްލު ލިބެން އޮތީ ދިވެހި ގައުމިއްޔަތު އިއާދަކުރެވިގެން ކަމުގައި ވިދާޅުވެފަ އެވެ.

މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ ދިވެހި ސަގާފީ ގޯއްޗަކީ ސަގާފީ ގޯއްޗެއްގެ ތެރެއިން އަދި ދިވެހިންގެ އިހުގެ ދިރިއުޅުމާ އާދަކާދައިގެ ތެރެއިން ފެންނަ ވަރަށް ގިނަ ކަންތައްތައް ހިމެނޭ ގޮތަށް ހަދާފައިވާ ތަނެކެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައީދިން ރިހެބިލިޓޭޓް ކުރުމުގައި ދިވެހި ސަގާފީ ގޯތީގެ ތެރެއިން ފެންނަން ހުރި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ އެކި މަސައްކަތްތައް އެމީހުންނަށް ދަސްކޮށްދީ މަސައްކަތްތެރި ބަޔަކަށް އެމީހުން ހެދުންވެސް ހިމެނެ އެވެ.