މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ހުކުމް ތަންފީޒު ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަމީނުލް އިސްލާމް (29 އަހަރު) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ހެނދުނުގެ ސައިގެ ވަގުތު ޖެހިގެން ދިޔައިރުވެސް އޭނާ ނުތެދުވާތީ ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންދެވުނު ކަމަށެވެ.

އަމީނުލް ނިޔާވި ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ މިއަދު މެންދުރުފަހު 2:10 ހާއިރު ކަމަށާއި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ހެލްތުން ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.

އަމީނުލް އިސްލާމް އަކީ ބަދްއަހްލާގީ އަމަލު ހިންގުމާ ގުޅިގެން ހަތް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ. މީނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ނޫން ކަމަށް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތުދެ އެވެ.

އަމީނުލް އިސްލާމު މާފުށި ހެލްތް ސެންޓަރަށް ގެންދިއުމާ ގުޅިގެން އެ މައުލޫމާތު އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނެ ކަމަށްވެސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވެ އެވެ.