ހަބަރު

ދެ ފަނޑިޔާރުންނާއި ނިހާން އަދި މުހުތާޒު ގެއަށް ބަދަލުކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާން އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ގެއަށް ބަދަލުކޮށްފި އެވެ. އެ ހަތަރު ބޭފުޅުން ވެސް ތިއްބެވީ މާފުށީ ޖަލުގަ އެވެ.

ހަތަރު ބޭފުޅުން ގެއަށް ބަދަލުކޮށްފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ސިޔާސީ ކުށްވެރިން ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިހާރު ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަކީ ހަމައެކަނި އެ ހަތަރު ބޭފުޅުންނެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި މުހުތާޒާއި ނިހާންގެ މައްޗަށް ކުރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވާފައިވާއިރު އެ ދެ ބޭފުޅުންގެ މައްސަލަ ވެސް މިހާރު އޮތީ ހައިކޯޓުގަ އެވެ. އިސްތިއުނާފު މައްސަލާގެ އަޑުއެހުންތައް ވެސް ނިންމާލާފަ އެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ތިން ހުކުމެއް ކުރިމިނަލް ކޯޓުން ވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން ދެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. އަލީ ހަމީދުގެ މައްޗަށް ވެސް ދެ ހުކުމް ކޮށްފައިވާއިރު އެއް ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. އެ ދެ ބޭފުޅުންގެ ފަނޑިޔާރު ކަމުގެ މަގާމު ގެއްލުނީ އެހެންވެ އެވެ.

ފޯނު ނުދެއްވި މައްސަލާގައި ރައީސް މައުމޫން އަބްދުލްގައްޔޫމްއާއެކު އަންދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ މިހާރު ހައިކޯޓުގައި ކުރިއަށްދެ އެވެ. އެ މައްސަލާގައި ރައީސް މައުމޫންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.