އިމްރާން އަބްދުﷲ

ޖަލުގައި ގައިދީންނަށް އަނިޔާ ނުކުރެވޭނެ: އިމްރާން

Sep 7, 2022

ރާއްޖޭގެ ޖަލުތަކުގައި ގައިދީންނަށް ގަސްތުގައި އެނގިހުރެ މިހާރު އަނިޔާ ނުކުރެވޭނެ ކަމަށާއި އެފަދައިން އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ވަޒީފާގައި ނުހުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް 51 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ މީގެ ކުރިން ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރުމުގެ ސިޔާސަތު އޮތް ނަމަވެސް މިހާރު އެކަން މާޒީވެ ހިނގައްޖެ ކަމަށެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ނިޒާމް ރިފޯމްކުރުން އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށާއި, އެވައުދު ފުރިހަމަކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވޭތުވެދިޔަ 50 އަހަރު އެއް ސަރުކާރަކަށް ނުކުރެވޭ ގިނަ މަސައްކަތް މިސަރުކާރުން ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ޖަލުތަކަކީ ގައިދީންނަށް އަނިޔާކުރުމާއި, ނިކަމެތި ގޮތްތަކާއި ކުރިމަތިލާން ޖެހިފައި އޮތް ތަނެއް ކަމަށާއި، މި ސަރުކާރުން އެކަން މާޒީގެ ސަފްހާތަކުގެ ތެރެއަށް ދޫކޮށްލާފައިވާ ކަމުގެ ޔަގީންކަންވެސް އިމްރާން ދެއްވެވި އެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލުކުރަން ސަރުކާރުން ކުރާ އެންމެ މުހިއްމު ކަމަކީ ގައިދީން ރިހިބިލިޓޭޓްކުރުން ކަމަށެވެ. މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ޖަލުތަކުގެ ރިހިބިލިޓޭޝަން ނިޒާމު އޮތީ ބޮޑުތަނުން ފުރިހަމަކޮށް ރަނގަޅުކުރަން ޖެހިފައި ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މުޅިން އަލަށް ކަރެކްޝަންގެ އެހެން ކޮމާންޑްތަކާ އެއް ލެވެލްއެއްގައި ރިހިބިލިޓޭޝަން ކޮމާންޑެއް އުފައްދާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބޭ ހުރިހާ ގައިދީންނަކީ ވެސް ރިހިބިލިޓޭޓްވާން ޖެހޭނެ މީހުންކަމުގައި ހެދުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަގީގަތުގައިވެސް އިމްރާން ޖަލަށް ލިޔަސް, ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ. އެއީ އެކަން އޮތްގޮތް. އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންވެގެން. ކޮންމެވެސް މައްސަލައެއް އޮވެގެން އެތަނަށް ދިޔާމާ އެތަނުގެ ތެރޭން ކޮންމެސް ޕްރޮގްރާމެއްގައި ބައިވެރިވެ ކޮންމެސް ފިލާވަޅެއް, ދަރުސެއް ލިބިގެން އަނބުރާ މުޖުތަމައުއަށް އަންނަންވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ގާތްގަނޑަކަށް 250 އެއްހާ ޖާގަ ޖަލުތަކުގައި އިތުރުކޮށްފައިވާ ކަމަށެވެ. އަދި ހުޅުމާލެ ޖަލުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެ ކޮމްޕްލެކްސް ވެގެންދާނީ ރާއްޖޭގެ ޖަލުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ޕްރޮޖެކްޓަކަށް ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ދަތިކަމާއި, އިގްތިސާދީ ދަތިކަމާއެކު ވެސް ރައީސްގެ ހާއްސަ އިސްނެންގެވުމެއްގެ ދަށުން 150 އޮފިސަރުން އަލަށް ނެގުމަށް ފުރުސަތު ދެއްވާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. މީގެތެރެއިން ގާތްގަނޑަކަށް 120 އޮފިސަރުން ރެކްރޫޓްކޮށް، ތަމްރީނުތައް ދިނުމަށް ތައްޔާރުވެފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.