ޖަލުތަކުގައި ތިބޭ ގައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުސަތު ނުދީ އިސްލާހުކޮށް އަލުން އަނބުރާ މުޖުތަމައަށް ނެރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިއްމު މަސައްކަތެއް ކަމަށެވެ. ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް މިމަހުގެ ދެވަނަ ދުވަހު 32 ގައިދީއަކު އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތަކީ މުޅި މުޖުތަމައު އިސްލާހުރުމުގެ މަތިވެރި މަގުސަދުގައި ކުރާ މަސައްކަތެއް ކަމަށެވެ. މި މަސައްކަތްތަކުގެ ބޭނުމަކީ މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމާއި ކޮންމެ ރައްޔިތަކަށް ވެސް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމުގައި ވިދާޅުވި އެވެ.
"މިކަންކަން ހާސިލްކުރުމަށްޓަކައި ޖަލުތަކަކީ ގައިދީންނަށް ކިޔަވައިދީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުކުރާ ތަނަކަށް ހަދަންޖެހޭ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ދޭ ފަރުވާތަކާއި ނަފްސާނީ ފަރުވާ ދެވޭ ތަނަކަށް ވެސް ޖަލު ވާންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖަލަކީ ގައިދީންގެ ކިބައިގައި ހުންނަ މަސައްކަތުގެ ހުނަރާއި ފަންނުވެރިކަން ތަރައްގީކޮށް، މަސައްކަތުގެ އަހްލާގަށް ހާނުވައިދޭ މަރުކަޒަކަށް ވާންޖެހޭ ކަމަށެވެ. ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް ސަރުކާރުން ގެންނަ މުހިއްމު ބަދަލުތަކާ ގުޅޭ ރައީސް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދާ އެއްގޮތަށް ހެދި ޖަލުތަކުގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ހުށަހެޅުންތަކާ އެއްގޮތަށް ޖަލުތަކުގެ ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޖަލުތަކުގައި ތޮއްޖެހުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ. އދގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް ފަށައި އެ ހަމަތަކަށް ޖަލު އޮފިސަރުން އަހުލުވެރިކުރުމުގެ ތަމްރީންތައް ހިންގަމުން ގެންދާ ކަމަށްވެސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކުރާ ގައިދީންނަށް "ފަހި ފުރުސަތު"ގެ ނަމުގައި އިންޓާންޝިޕް ޕްރޮގްރާމެއް 2020 ވަނަ އަހަރު ސަރުކާރުން ފަށާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ގައިދީންގެ ނުފޫޒާއި ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދާކަން ދެނެގަނެވިފައިވާ ކަމަށެވެ. ދީނީ ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރުމަށް ކަމާގުޅުން ހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި 100 މީހުންގެ ޖާގައިގެ ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމުކޮށް، އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"ހަމަ އެހެންމެ ގައިދީން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޕެރޯލް ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުމަށް ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.