ރައީސް އޮފީސް

ރަޝީދުގެ ހުކުމުން 20 ދުވަސް މާފުކޮށްދީފި

Mar 10, 2022

ޅ. ނައިފަރަށް ނިސްބަތްވާ އިބްރާހިމް ރަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކުން ތަންފީޒު ނުވެ އޮތް 23 ދުވަހުގެ ޖަލު ހުކުމުން 20 ދުވަސް މާފުކޮށްދެއްވާފައިވާކަން އޭނާއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގައިފި އެވެ.

އިބްރާހިމް ރަޝީދުގެ މައްސަލަ އާންމުންގެ ސަމާލު ކަމަށް އައީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ފަރުވާއަށް ބަދަލުކޮށް އޭނާގެ އުޅުމަށް އައި ހެޔޮ ބަދަލުތަކާއެކު މިނިވަންކުރިތާ ހަތް އަހަރު ދުވަސް ފަހުން އެހެން މައްސަލައެއްގައި އޭނާ ތަންފީޒު ކުރަން ޖެހޭ 23 ދުވަހުގެ ޖަލު ހުކުމެއް އޮތްކަން ހާމަވުމުންނެވެ. އެކަން ހާމަވީއިރު އޭނާއަކީ ނައިފަރު މިސްކިތު މަސައްކަތުގެ މީހެއްގެ ވަޒީފާ އަދާކުރަމުން އައި މީހެކެވެ.

އޭނާއަށް ވަޒީފާ ލިބިފައި ވަނިކޮށް އެ މަގާމަށް ދާއިމީ މީހަކު ހޯދަން އިއުލާނު ކުރުމުން ރަޝީދުގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ ތެރޭގައި 23 ދުވަހުގެ ޖަލު ހުކުމެއް އޮތްކަން އެނގުނީ އެވެ. އޭރު ރަޝީދު ގެންދިޔައީ އަރަބި ޓީޗިން ހަދަމުންނެވެ. އަދި އޭނާއަށް އައި ހެޔޮ ބަދަލުގެ ސަބަބުން އަލުން ޖަލު ބަންދަށް ނުގެންދަން އެތައް ބަޔަކު ދިޔައީ އެދެމުންނެވެ.

އަދި އެ ހުކުމަށް ލުއި ދެއްވުމަށް ރައީސް ސޯލިހު އަރިހުގައި ރަޝީދު ވަނީ އެދިފައެވެ.

އިބްރާހިމް ރަޝީދު މިއަދު ބުނީ އޭނާ ތަންފީޒު ކުރަން ޖެހޭ 23 ދުވަހުގެ ޖަލު ހުކުމުން 20 ދުވަސް ރައީސުލްޖުމްހޫރިއްޔާ މާފުކޮށްދެއްވާފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގާފައިވާ ކަމަށެވެ. އަދި ބާކީ ތިން ދުވަސް ގޭ ބަންދުގައި ހުރުމަށް އެދިފައިވާނެ ކަމަށެވެ.

އޭނާގެ މައްޗަށް ފުރަތަމަ ޖަލު ހުކުމެއް އައީ މަސްތުވާތަކެތީގެ މައްސަލާގައެވެ. ނަމަވެސް މިހާރު ތަންފީޒު ނުވެ އޮތީ ވައްކަމުގެ މައްސަލައަކާ ގުޅިގެން އިއްވާފައިވާ އޮތް ހުކުމެއްގެ މުއްދަތެވެ.