ނައިފަރު

ނައިފަރުގެ އިހްތިސާސްގައި ވޭވަށް ހިމަނަން ގަރާރެއް

Jan 21, 2022

ޅ. ނައިފަރުގެ އިހްތިސާސްގައި ޅ. ވޭވަށް ހިމަނައިދިނުމަށް ސަރުކާރަށް ހުށަހެޅުމަށް ނައިފަރު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

ނައިފަރުގެ ދެކުނުން އެ ރަށާ ވަރަށް ގާތުގައި އޮންނަ ވޭވަށަކީ ވަރަށް ކުޑަކުޑަ ފަޅު ރަށެކެވެ.

ނައިފަރު ކައުންސިލްގެ ގަރާރުގައި ބުނެފައިވަނީ ނައިފަރަކީ އާބާދީ ބޮޑު އަދި ބިން ކުޑަ ރަށަކަށް ވުމުން ރައްޔިތުންނަށް އިގްތިސޯދީ މަސައްކަތް ކުރުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. މީގެއިތުރުން ރައްޔިތުންގެ ހިތްހަމަޖެހުމަށް ބޭނުންކޮށްލާނެ ބީޗެއް ވެސް ނައިފަރުގައި ނެތް ކަމަށެވެ. އަދި ނައިފަރުގެ ބިން ބޭނުންކޮށްގެން ކައުންސިލަށް ވެސް އާމްދަނީ ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންވެ ގަރާރުގައި ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅުއްވާފައިވަނީ ނައިފަރު ކައުންސިލްގެ އިހްތިސާސްގައި ވީހާވެސް އަވަހަށް ވޭވަށް ހިމަނުއްވައިދީ އެ ރަށުގެ ބިމުން ނައިފަރު ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމަށް އިލްތިމާސް ކޮށްފައިވަނީ އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސްދިނުމަށެވެ.

ނައިފަރު ކައުންސިލްގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ވޭވަށް، ކައުންސިލާ ހަވާލުކޮށްފިނަމަ އެ ރަށް ހަލާކުވުމަށް ފުރުސަތު ނުދީ ރަަށް ރަނގަޅަށް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

ނައިފަރުގެ އިތުރުން ބައެއް އެހެން ރަށް ރަށުން ވެސް ގެންދަނީ އެ ރަށް ރަށުގެ ކައިރީގައި ހުރި، އެކަމަކު އިހްތިސާސް ނެތް ބައެއް ރަށްތައް ކައުންސިލްގެ އިހްތިސާސްގައި ހިމަނައިދިނުމަށް އެދެމުންނެވެ.