އަހުމަދު ޝިޔާމް

"ކުރެއްވިހާވެސް ކަމަކީ ފަސާދަކޮށް ފަނާކުރުން"

އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވެވި ހިތާބުން ވެރިކަމުގެ ފުރަތަމަ ދެ އަހަރު ކުރެއްވިހާވެސް ކަމަކީ ގައުމު ފަނާކޮށް ފަސާދަކުރުން ކަމަށް އެމަނިކުފާނަށް އަމިއްލަފުޅަށް ވިސްނިވަޑައިގެންފަވާ ކަމަށް ނައިފަރު ދާއިރާގެ މަޖިލީސް މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

2021 ވަނަ އަހަރާ ސަރުކާރުން ކުރިމަތިލީ ގައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި އަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ މި ފެށުނު އައު އަހަރާ ސަރުކާރުން ކުރިމަތިލަނީ އަސާސީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް އެތައް ގުނައެއް ހަލުވިކުރުމުގެ އަޒުމާ އެކުގައި ކަމަށެވެ.

ރައީސްގެ އެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ ވެރިކަމުގެ ފުރަތަަމަ ދެ އަހަރު ކުރެއްވިހާވެސް ކަމަކީ ގައުމު ފަސާދަކޮށް ފަނާކުރުން ކަން އަމިއްލަށްފުޅަށް ވިސްނިވަޑައިގެން އާ އަހަރަށް ގައުމު ބިނާކޮށް އާރާސް ކުރެއްވުމުގެ ވަރުގަދަ އަޒުމު ކަނޑައެޅުއްވީތީ އުފާ ކުރައްވާ ކަމަށެވެ.

ވެރިކަމުގެ ފުރަތަަމަ ދެ އަހަރު ކުރެއްވިހާވެސް ކަމަކީ ގައުމު ފަސާދަކޮށް ފަނާކުރުން ކަން އަމިއްލަށްފުޅަށް ވިސްނިވަޑައިގެން އާ އަހަރަށް ގައުމު ބިނާކޮށް އާރާސް ކުރެއްވުމުގެ ވަރުގަދަ އަޒުމު ކަނޑައެޅުއްވީތީ އުފާ ކުރަން
އަހުމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު

ރައީސް ވިދާޅުވީ ފާއިތުވި 2020 ވަނަ އަހަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ ފުރަބަންދުކުރަން ޖެހި، އަދި އިގްތިސާދީ ގޮތުން ނާޒުކު ހާލަތާ ކުރިމަތިކުރުވި އަހަރެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މި ހުސްވި އަހަރު ސިފަކުރެއްވީ އަސާސީ ހިދުމަތްތައް ފުރިހަމަ ނުކުރެވި، ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަންޖެހުނު އަދި ގިނަ ހައްގުތަކެއް ގެންލިގެންދިޔަ އަހަރެއްގެ ގޮތުގައެވެ. އަދި، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު ސާފުވެގެންދިޔަ އަހަރެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ފެށުނު އައު އަހަރާ ސަރުކާރުން ކުރިމަތިލަނީ އަސާސީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް އެތައް ގުނައެއް ހަލުވިކުރުމުގެ އަޒުމާ އެކުގައި ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ފަތުރުވެރި ކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، އިގްތިސާދު ސިންދަފާތު ކުރުމުގެ އަމާޒާ އެކުގައި ކަމަށެވެ. މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތައް ތިމާވެއްޓާ އެއްކީލިކޮށް، އިޖްތިމާއީ މައްސަލަތައް ވެސް ހައްލު ކުރެވި، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ އަޒުމުގަައި ކަމަށެވެ.

އަދި އިގްތިސާދު އާރާސްތުކޮށް، މުޖުތަމައަށް ކުރިމަތިވެފައިވާ އެކިއެކި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އާއިލީ އަދި ފަރުދީ ފެންވަރުގައި ބައިވެރިވެ، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.