އަހުމަދު ޝިޔާމް

"އިންތިގާލީ އިންސާފުގެ ބިލު ތަސްދީގު ކުރުމަކީ ކައްވަޅު ކޮނުން"

އިންތިގާލީ އިންސާފުގެ ބިލު ތަސްދީގު ކުރުމަކީ "ކައްވަޅު ކޮނުން ކަހަލަ" ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑުވިދާޅު ވެއްޖެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރުވައި، އެ މީހުންގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތު ކުރުން ހިމެނެއެވެ.

ބިލްގައި މިހެން އޮތް ނަމަވެސް މިއީ ވަކި މައްސަލަތަކެއް ބެލުމަށް އަމާޒުކޮށް އަދި ބަދަލު ހިފުމުގެ ގޮތުން ފާސްކުރި ބިލެއް ކަަމަށް އިދިކޮޅު މެންބަރުން ދެކެއެވެ. އެ ބިލް އިއްޔެ ރައީސް ސޯލިހް ވަނީ ތަސްދީގު ކުރައްވާފައެވެ. އަދި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލު ތަސްދީގު ކުރުމަކީ "ކައްވަޅު ކޮނުން ކަހަލަ" ކަމެއް ކަމަށެވެ. އަދި އެއީ ފިތުނަ ފަސާދަ އުފެދި އިޖްތިމާއީ ހަމަޖެހުން ގެއްލިދާނެ ބިލެއް ކަމަށްވެސް ވިދާޅުވިއެވެ.

"މި ސަރުކާރުން މަޖިލީހަށް ފޮނުވި 45 އިންސައްތަ ބިލް ގާނޫނު އަސާސީއާ ތައާރުޒުވޭ. އަދި ގިނަ ބިލްތަކުގައި ވަނީ ބަދަލު ހިފުމުގެ ރޫހު،" ޝިޔާމް ވިދާޅުވިއެވެ.

އިންތިގާލީ އަދުލްގެ ބިލް ތަސްދީގު ކުރުމަކީ 'ކަށްވަޅު ކޮނުން ކަހަލަ ކަމެއް'. އެއީ ފިތުނަ ފަސާދަ އުފެދި އިޖްތިމާއީ ހަމަޖެހުން ގެއްލިދާނެ ބިލެއް
އަހުމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު

އިންތިގާލީ އިންސާފުގެ ބިލަކީ، ހުސްވި ނޮވެންބަރު މަހުގެ 29 ވި އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.