ޕޮލިޓިކްސް

ފައްޔާޒު ވޯޓަކީ ޑްރާމާއެއް: ޝިޔާމް

Aug 13, 2020

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހަށް ވައްދަން އޭނާ ނިސްބަތްވާ އެމްޑީޕީ މެންބަރުން ކުރާ މަސައްކަތަކީ ސިޔާސީ "ޑްރާމާ" އެއް ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ސިފަ ކުރައްވައިފި އެވެ.

ފަހަކަށް އައިސް އިދިކޮޅު ދެ ޕާޓީގެ ތެރެއިންނާއި މަޖިލިސް ތަމްސީލު ކުރެއްވުމުގައި އެންމެ އަޑު ހަރުކޮށް ފެންނަނަ ޝިޔާމް ވިދާޅުވީ "މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން އުޅޭ ކަމަށް ދައްކަނީ" ކަމަށެވެ.

އަދި ވިދާޅުވީ އެއީ މި ސަރުކާރުގެ ނާގާބިލުވެފައި ވުމުގެ ނާޖާއިޒު ފައިދާ ނަގައި ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކަމަށެވެ. އޭނާ މިވާހަކަ ވިދާޅުވެފައި ވަނީ ޓްވީޓެއް ކުރައްވައިގެނެވެ. އެ ޓްވީޓްގައި ވިދާޅުވާ ބައެއް ވާހަކަ އެހާ ސާފެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ މިސްރާބު އޮތީ ނުކިއްސަރަށް ކަމަށާއި ރައްޔިތުން ހޭލައި ތިބެން އޭނާ އެދި ވަޑައިގެންފައި ވެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓް

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެއް ކަމަށް ވޯޓް ނަގަން މަސައްކަތް ކުރައްވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންންވައިގެނެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓްގެ ގަރާރެއް ވައްދަން ބޭނުންވަނީ 10 މެންބަރުންގެ ސޮޔެވެ. ނަމަވެސް ފައްޔާޒު ވޯޓަށް މިހާރު 21 މެންބަރެއްގެ ސޮއި ދެއްވާފައިވާ ކަމަށް ވެއެވެ.

ފައްޔާޒުގެ އިތުބާރުގެ މައްސަލައެއް ވައްދަން ރައީސް ނަޝީދުގެ ފަރާތްޕުޅުން މަސައްކަތް ކުރައްވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ފައްޔާޒު ދިފާއު ކުރުމުގެ މަސައްކަތް ވެސް ވަނީ ފައްޓަވަފަ އެވެ. މިހާރު ވެސް 12 މެންބަރަކު ވަނީ ފައްޔާޒަށް އިތުބާރު އެބައޮތް ކަމަށް ވިދާޅުގެ ސްޓޭންޑް އާންމު ކުރައްވާފަ އެވެ.

ފައްޔާޒުގެ މައްޗަށް މި ވޯޓް ނަގައިފިނަމަ އެކަން ވާނީ މި ސަރުކާރުގައި ނަގާ އެފަދަ ފުރަތަމަ ވޯޓަށެވެ. އަދި ބޮޑު ސުޕަމެޖޯރިޓީއެއްގެ ތެރެއިން އަންނަ އެފަދަ ފުރަތަމަ ވޯޓަށް ވެސް އެކަން ވާނެ އެވެ.