ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް މަޖިލީހުގެ ތަޅުމުގައި އަނިޔާ ކުރި މައްސަލަ މަޖިލީހުން ބަލައި ދިނުމަށް އެދި ޕީޕީއެމާއި ކޮންގްރެސް ޕާޓީން ސިޓީއެއް ފޮނުވުމުން އެ ސިޓީއަށް ޖަވާބެއް ނުދޭ ކަމަށް އެ ދެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމާއި ކޮންގްރެސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ ދެވަނަ ދުވަހު ދަންވަރު ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ޝިޔާމާމެދު ހިންގި މާރަމާރީއާ ގުޅިގެން އެ އަމަލުގައި ބައިވެރިވި ހުރިހާ ފަރާތްތައް ބަލައި އެކަން ތަހުގީގު ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އާއި ސުލޫކީ ކޮމިޓީއަށް މައްސަލަ ފޮނުވައިދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ސިޓީއަށް ޖަވާބު ލިބިފައި ނުވާ ކަމަށް ވެސް އެ ދެ ޕާޓީން ބުންޏެވެ.
ރައްޔިތުން މަޖިލީހުގައި ހިނގައިދިޔަ އެ މާރަމާރީއާ ގުޅިގެން ފުލުހުންގެ އިދާރާ އާއި، ޕީޖީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް އިންސާފުވެރިކަމާއި މިނިވަންކަމާއެކު ވީހާވެސް އަވަހަށް ތަހުގީގު ކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މަޖިލީހުގައި ހިނގި މާރަމާރީއަށް ފަހު އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވާން ނިންމައިފަ އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް ދަންވަރު ގަޑީ ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގި މާރަމާރީއަށް ފަހު ޝިޔާމްގެ މައިބަދައަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.