ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަނިކުރެވޭނެ ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފުޅާކޮށް ބޮޑުކޮށްފަައިވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހުރިހާ ހަރަކާތްތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކަށް އަންގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގަރާރެއް ނެރުއްވުމާއި ގުޅިގެންނެވެ. އިންޑިއާއާ ވަރަށް ބޮޑު ގުޅުމެއް އޮތް މި ސަރުކާރުން މިފަދަ ގަރާރެއް ނެރެފައިވަނީ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑައެޅުމަށް ފަހު ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަނިކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ހުއްޓުވޭނެ ކަމެއް ކަންކަން ނޫން ކަމަށް ވިދާޅުވިއެވެ.
ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަނިކުރެވޭނެ އަދި ހުއްޓުވޭނެ ކަންކަމެއް ނޫންއަލީ ހުސައިން | ކެންދޫ ދާއިރާގެ މެންބަރު
އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން ފުލުހުން ނިކުމެ ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބޮޑު ބެނާ ވަނީ ނަގާފައެވެ. އަދި ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބެނާވެސް ވަނީ މިހާރު ނަގާފައެވެ.
އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި މިއަދު ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.
އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.
އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ.
މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ނަގައިލައި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި އަދި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ފާހަގަކުރެއްވޭ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.
އަދި މި ކެމްޕޭނު ނުހުއްޓެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެ ކަމަށް މި ގަރާރުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
"ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއްކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނުފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވޭ،" ރައީސް ނެރުއްވާފައިވާ ރިޔާސީ ގަރާރުގައި ބަޔާންކުރައްވާފައިވެ އެވެ.
އެހެންކަމުން މިފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް ރައީސްގެ ގަރާރުގައި ވަނީ އަންގަވައިފަ އެވެ.