ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުންވެސް މަގާމުން ދުރުކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ނަޝީދަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ވިދާޅުވެ އިތުބާރު ނެތް ކަމަށް ނަގަން މަސައްކަތް ކުރަމުން ދަނިކޮށެވެ.
މެންބަރު ޝިޔާމް ވިދާޅުވި ގޮތުގައި ދެ ރައީސުންވެސް މަގާމުން ދުރު ކުރަން ޖެހެ އެވެ. އަދި ރައީސް ނަޝީދާއި ރައީސް ސޯލިހަށް ރައްޔިތުން އިތުރަށް ކުރާނެ އިތުބާރެއް ނެތް ކަމަށެވެ. މިހާރު ދިމާވެގެން އުޅޭ ހާލަތުގެ ކުތީން އިތުބާރު ގެއްލިއްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެމްޑީޕީ ވެެރިކަމަށް ގެނައީ އިންޑިއާ އިން ކަމަށް ރައީސް ނަޝީދު ފާޅުގައި ވަނީ ވިދާޅުވެފައި. މިހާރުވެސް ކަން އެކުރަނީ އެގޮތަށް. މި ގައުމުގެ ކަންކަން ނިންމަނީ އިންޑިއާ އިން،" ދެ ރައީސުން މަގާމުން ދުރުކުރަން ޖެހޭ އިތުރު ސަބަބެއްގެ ގޮތުގައި ޝިޔާމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ ނަޝީދުގެ މި ތުހުމަތު ފެންމަތި ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖްތަކެއްގައެވެ. ނަޝީދު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެ ގައުމަށް ވަޑައިގެންނެވުމާއެކު މީހަކު ފޮޓޯތަކެއް ފޮނުވާފައިވާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި އައްސަވަން ޖެހިފައި އޮތް ސުވާލެއް އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ބަރަހަނާ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށް ނާޒިމް ސައްތާރު އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަދު އަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށާ އެ ފޮޓޯތައް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުއްވަންވީ ވީތޯ ސުވާލު ކުރައްވާފައިވެއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސްގެ ބަރަހަނާ ހަތަރު ފޮޓޯގަނޑެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތެވެ. އެއީ މީހަކު އެމަނިކުފާނަށް ފޮނުއްވާފައިވާ ފޮޓޯތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެ [ރައީސް ސޯލިހްގެ ފޮޓޯތައް] ޕޮލިހަށް ފޮނުވަންވީތޯ،" ނަޝީދު އަލުން ސުވާލު ކުރައްވާފައިވެއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ގޮތުން ގާތް އަދި ވަރަށް އެކުވެރި ބޭފުޅެއްގެ ދަރިއެއް ކަމަށެވެ. އެ އަންހެން ކުއްޖާގެ ހާލަތާމެދު ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ވާހަކަތައް ނަޝީދު ފެއްޓެވީ ބަންގްލަދޭޝްގެ އަލަމްގިރި ކައިރިއަށް އައްޑޫ މީދޫ ދާއިރާގެ މެެންބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒް ވަޑައިގެންނެވި ކަމަށް ބުނެ މީހަކު ޓްވީޓާގައި ލިޔެފައިވާ ވާހަކަތަކެއް ހިއްސާ ކުރައްވަމުންނެވެ. އެެއީ ތެދެއްތޯ ރޮޒައިނާ އާއި ނާޒިމް ކުރެން އައްސަވާފައިވެއެވެ.
ރައީސްގެ މައްޗަށް ބޮޑު ތުހުމަތެއް ނަޝީދު ކުރައްވާފައި މިވަނީ ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ބަންގްލަދޭޝްގެ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ ވީޑިއޯއެއް އާންމުވެ އެ މައްސަލާގައި އޭނާ ހައްޔަރު ކޮށްފައި ވަނިކޮށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ނަޝީދުގެ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ތުހުމަތު ކުރައްވާ ނަޝީދު ދެއްކެވި ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށް ވިދާޅުވިއެވެ.
މަބުރޫކް ވިދާޅުވީ ރައީސާއި ގުޅޭގޮތުން އެފަދަ ވާހަކަތަކެއް ނަޝީދު ދައްކަވަން ޖެހިވަޑައިގަތް ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.