ހަބަރު

ނައިފަރު ކައުންސިލާ ރައީސް ބައްދަލު ކުރައްވައިފި

ޅ. ނައިފަރު ކައުންސިލްގެ މެންބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ނައިފަރު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސާ ހިއްސާ ކުރެއްވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ނައިފަރު ކައުންސިލްގެ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު ކުރިއަށްދާލެއް ލަސްވަމުންދާތީވެ ދިމާވާ ދަތިތައް ހިމެނެ އެވެ. ނައިފަރުގައި ޔޫތު ސެންޓަރެއް ގާއިމް ކުރެވިފައި ނެތުމުގެ ސަބަބުން ދިމާވާ އިޖުތިމާޢީ މައްސަލަތައް ކައުންސިލުން ރައީސަށް ހިއްސާ ކުރެއްވި އެވެ.

ނައިފަރުގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ބިމުގެ ދަތިކަމާއި ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ އިތުރުން ސްކޫލަށާއި ނައިފަރުގައި ޖެންޑާ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ރައީސް އާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނައިފަރު ކައުންސިލްގެ މެންބަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާ ގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރައްވައިގެން އެ ކަންކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ވަނީ ވަރަށް ގިނަ ރަށުގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުންތަކުގައި ރަށްރަށުގެ ކައުންސިލްގެ ފަރާތުން އެ ރަށަކަށް ބޭނުންވާ ކަންކަން ރައީސަށް ހިއްސާކުރައްވާފައި ވެ އެވެ.