ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ކުއްލި ހާލަތުގައި މުއާމަލާތް ކުރަންވީ އީމެއިލް އެޑްރެސްއެއް ދިނުމަށްފަހު ރައީސް އޮފީހުން އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ގެއަށް ފޮނުވާލައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާކުރާ ކަމަށް ބުނެ އިދިކޮޅު ލީޑަޝިޕުން ރައީސް ސޯލިހްއާ ބައްދަލުކުރުމަށް ރައީސް އޮފީހަށް ވަޑައިގެންނެވީ މިއަދު މެންދުރު 12:45ގަ އެވެ. ރައީސް ސޯލިހްއާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުންނަށް ސިފައިން ހުރަސް އެޅުމަށްފަހު ފަހުން ވަނީ ރައީސް އޮފީހަށް ވަނުމުގެ ފުރުސަތު ދީފަ އެވެ.
ރައީސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ކަންބޮޑުވުންތައް ރައީސް ސޯލިހްއާ ހިއްސާކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވުމުން އެ އޮފީހުން ދެއްވީ އީމެއިލް އެޑްރެސްއެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސް ސޯލިހްއާ ބައްދަލުކުރެއްވުމަށް އިދިކޮޅު ލީޑަޝިޕުން ތިއްބަ ރައީސް ސޯލިހް ރައީސް އޮފީހުން ވަޑައިގެންނެވި ކަމަށެވެ.
ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ޝިޔާމް ވިދާޅުވީ ޝަރުއީ ނިޒާމު ހިނގަމުންދަނީ ރައީސް ސޯލިހް ބޭނުންފުޅުވާ ގޮތަށް ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެދުވެރިކޮށް ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
"ޖޭއެސްސީން ފަނޑިޔާރުން ބިރު ގަންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަކަށް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ހިނގަމުންދަނީ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް "ތަޅުއަޅުވާފައިވާތީ" މުއައްސަސާތައް ޒިންމާދާރު ކުރެވޭނެ ގޮތެއް ނެތްކަމަށާއި ރައީސް އޮފީހަށް ވަޑައިގެންނެވީ އެގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސް ސޯލިހަށް ދެންނެވުމަށް ކަމަށެވެ.
"ގާނޫނީ އިމުން ބޭރުން މިހާރު ކަންކަން އެ ކުރައްވަނީ،" ޝިޔާމް ވިދާޅުވި އެވެ.
ރައީސް ސޯލިހްއާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޤައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.