އާދަމް ޝަރީފު އުމަރު

ރައީސް ސޯލިހް ބަލިކުރަން ރައީސް ޔާމީނަށް ވަރަށް ފަސޭހަވާނެ

އަންނަ 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލި ކުރައްވަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ފަސޭހަވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ކޯލިޝަނަކާއެކު ނުކުމެ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ. މިއީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން މިހާ ސާފު ޖަވާބެއް އެމަނިކުފާނު ދެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރު ވިދާޅުވީ 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކުރަން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ފަސޭހަވާނެ ކަމަށެވެ. އެއީ މި ސަރުކާރު ސްލޯ -- ލަސްވުން -- ވުމާއި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ގިނަވުން ކަމަށެވެ. އަދި މި ސަރުކާރުން ވައުދީ މަރުތަކަށް އިންސާފު ނުލިބުމާއި މިހާތަނަށް އުފެދުނު އެންމެ މަތިބަރު ސަރުކާރަށް ވެ ނަމަވެސް ހިދުމަތް ނުލިބިވާތީ ކަމަށެވެ.

"ރައީސް ޔާމީނަކީ ތަރައްގީގެ ބްރޭންޑެއް،" ރައީސް ޔާމީނަށް ކާމިޔާބު ލިބޭނެކަން ހާމަކުރައްވާ ޝަރީފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި އަވަސް އިން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށެވެ.

އޭގެ ފަހަށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށާ އެމްޑީޕީން އަމަލު ކުރާނީ އަސާސީ ގަވާއިދުގައި އޮތް ގޮތަށް ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެމްޑީޕީގެ ކޮންގްރެސް އިން ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް ވިދާޅުވީ 2023 ގެ އިންތިހާބުވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އޮތް ޔަގީން ކަމަކީ ކޯލިޝަނަކާއެކު ނިކުންނަވާ 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް މިއަދު ވިދާޅުވިއެވެ.