ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކ. ތުލުސްދޫއަށް ވަޑައިގަންނަވާއިރު ފުލުހުންނަށް ރަށުގެ އެއްވެސް ސަރަހައްދެއް ބަންދުކޮށް ކޯޑަން ކުރެވޭނީ ކައުންސިލުން ހުއްދަ ލިބިގެން ކަމަށް އެ ކައުންސިލުން ކަނޑައަޅައިފި އެވެ.
ތުލުސްދޫ ކައުންސިލްގެ ފަސް މެންބަރުން ސޮއިކުރައްވާފައިވާ މި ގަރާރުގައި ބުނެފައިވަނީ އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ދާއިރު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށެވެ.
އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ އެ ބާރު ކަނޑުވާލާ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ރައްޔިތުންނާއި ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާތީ އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެ ރަށެއްގެ އަމަންއަމާންކަން ބެލެހެއްޓުމާއި ރަށުގެ މަސްލަހަތު ހިޔާމަތްކޮށް ރައްކާތެރިކުރުމަކީ ކައުންސިލްތަކުން ކުރުން ލާޒިމުކުރުވާ ކަމެއް ކަމަށް މި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ތުލުސްދޫ ކައުންސިލްގެ ގަރާރުގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުން ލިބޭ ބާރުގެ ދަށުން ރަށުގެ އެއްވެސް ސަރަހައްދެއް ފުލުހުންނަށް ބަންދުކުރެވޭނީ އެ ކައުންސިލުގެ ހުއްދަ ލިބިގެން ކަމަށެވެ.
"ތުލުސްދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެއްވެސް ސަރަހައްދެއް ބަންދުކޮށް ފުލުހުންގެ ކޯޑަން ޓޭޕް ދަމާ ރައްޔިތުންނަށް ނުވަދެވޭނެހެން ހެދުމަކީ މިކައުންސިލުން ހުއްދަ ލިބިގެން ނޫނީ ފުލުހުން ކޮށްގެންވާނެ ކަމެއްނޫން،" ކަމަށް ކަނޑައަޅާ ކަމަށް މި ގަރާރުގައި ބުނެފައިވެ އެވެ.
މި ގަރާރުގައި ވަނީ ރައީސް ޔާމީން މިނިވަންކޮށް މިނިވަން ވާދަވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް ގޮވާލާފަ އެވެ.