ތުޅާދޫ

ރައީސް ވަޑައިގަތުމުގެ ކުރިން ތުޅާދޫ އިން ހަތަރު މީހަކު ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބ. ތުޅާދޫއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެރަށުގައި ހަމަނުޖެހުން ހިންގުމަށް ރޭވި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރައީސް ސޯލިހް މިއަދު ތުޅާދޫއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅަށް ހުރަސް އެޅޭ ފަދަ ހަރަކާތްތަކެއް ހިންގާ އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ތުޅާދޫ ޕީޕީއެމް ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ހަތަރު މީހުންނެވެ.

ޕީޕީއެމްއަށް ނިސްބަތްވާ ބަޔަކު ތުޅާދޫ އިން ހައްޔަރުކުރުމާ ގުޅިގެން ޕީޕީއެމް އިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ރައީސް ސޯލިހް ތުޅާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު 5:00 ހާއިރު އެވެ.

ރައީސްގެ މިދަތުރުފުޅުގައި މިސަރުކާރުން ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް މަޝްރޫއާއި ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުން ފާހަގަކުރާނެ އެވެ.

އެމްޑީޕީގެ ޖަލްސާ އެއްވެސް މިރޭ ތުޅާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް އެ ޕާޓީން ބުނެ އެވެ.