ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީއާ ވާދަކޮށްލެވޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް: ރައީސް ސޯލިހް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމް ނޫން ބަޔަކަށް ތާއީދެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ށ. ފުނަދޫއަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ބައެއް ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކަމުގެ އަޑުތައް އިވިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ ބޭފުޅުންނަށް ތާއީދެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން ހަމަ ވާދަކުރާނީ އެމްޑީޕީ އާއި ޕީޕީއެމް، އެނޫން ބަޔަކަށް އެބުނާ ވަރުގެ ތާއީދެއް އޮތްތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ރައީސް ސޯލިހު ރައްދު ދެއްވަނީ އެމްޑީޕީން ވަކިވި މެންބަރުންތަކެއް އުފެއްދެވި ދަ ޑިމޮކްރެޓްސް އަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތެއް ނިންމާއިރު 2018ގެ ކުރީގެ ހާލަތަށް ދާނީތޯ ނުވަތަ ތަރައްގީގެ މަޝްރޫއުތަކާއެކު ކުރިއަށްދާނީތޯ ވިސްނަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ތަޖުރިބާކޮށްފިން ފަސް އަހަރެއް. އެ ފަސް އަހަރު ރައްޔިތުންނާ ކުރިމަތިވި ދަތި އުނދަގުލާއި ތަހައްމަލު ކުރަންޖެހުނު ހާލަތު އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ރައްޔިތުންގެ ނިންމުމަކީ ރާއްޖޭގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ.