ހަބަރު

ކުރީގެ ފިރިމީހާ މަރާލި ނަޒާހާއަށް އައި އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތެއް ނުވި

May 31, 2015

ކުރީގެ ފިރިމީހާ މަރާލި މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން 2011 ގައި ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ޖޫން 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ސާބިތުވުމުންނެވެ.

އެ މައްސަލަ ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ނަމަވެސް ނަޒާހާގެ ކިބައިން މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށް ޝާހިދު ގިނަ ވާރިސުން ބުނެފައިވާތީ ތައުޒީރީ ގޮތުން ނަޒާހާއަށް ކަނޑައަޅާފައިވާ އުމުރަށް ޖަލަށްލުމުގެ އަދަބު ލުއިކޮށްދިނުމަށް ކަނޑައެޅިފައި އޮންނަ އުސޫލުގެ ދަށުން ހުށަހެޅުމުގެ ފުރުސަތު ނަޒާހާއަށް އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އަދަބަށް ލުއިދޭން ނަޒާހާގެ ފަރާތުން ހުށަހަޅަންޖެހޭނީ ކްލެމެންސީ ބޯޑަށެވެ. ނަމަވެސް އެ ބޯޑަށް ހުށަހެޅޭނީ އިސްތިއުނާފް ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު އެވެ. އަދި ހުކުމުގެ ތިން ބައި ކުޅަ އެއްބައި މަދުވެގެން ތަންފީޒުކޮށްފައި އޮންނަން ވެސް ޖެހޭނެ އެވެ.

ހުކުމްކޮށްގެން ކޯޓު ރޫމުން ނިކުމެ ނަޒާހާގެ މަންމަ ވަނީ ރޮމުން ނަޒާހާގެ ގައިގައި ބައްދާލައިފަ އެވެ. ނަޒާހާގެ ފަރާތުން ވެސް ހިތާމައިގެ އަސަރު ފެނިގެންދިޔަ ނަމަވެސް އޭނާ ރުއިތަނެއް ފެނިފައެއް ނުވެއެވެ. ނަޒާހާގެ ވަކީލަކީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.

އެ ހަމަލާއަކީ ޝާހިދު މަރާލުމުގެ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށް ނަޒާހާގެ ފަރާތުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ އެ ހަމަލާ ދިނުމަށް ނަޒާހާ ބޭނުންކޮށްފައިވަނީ ތޫނު އެއްޗެއްކަން އެނގެން އޮތުމާއި ވަޅި ހަރާފައިވަނީ ޝާހިދުގެ ފަހަތުން ކަމުން އެ ހަމަލާއަކީ ގަސްދު ނެތި ކޮށްފައިވާ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ޝާހިދަކީ ކުރިން ނަޒާހާއަށް އަނިޔާކުރާ މީހެއް ކަމަށް ނަޒާހާގެ ފަރާތުން ބުނި ނަމަވެސް ހަމަލާދިން ކަމަށް ބުނާ ދުވަހު ނަޒާހާއަށް އެއްވެސް ހަމަލާއެއް ދޭން ޝާހިދު މަސައްކަތްކޮށްފައިވާކަން އެނގެން ނެތް ކަމަށާއި އެފަދަ ކަމަކަށް ޝާހިދަށް ވަގުތު ލިބިފައިވާކަން އެނގެން ނެތް ކަމަށް ފަނޑިޔާރު ޝުއައިބު ވިދާޅުވި އެވެ. އަދި އެކަމަކީ ގަސްދެއް ނެތި ކުރި ކަމެއްކަން ސާބިތުކުރަން ޝާހިދު މަންމަ މަރިޔަމް ހަފީޒާ ހާޒިރުކޮށްދޭން ނަޒާހާގެ ފަރާތުން އެދުނު ނަމަވެސް ހަފީޒާއަކީ ނަޒާހާގެ ކިބައިގައި ޝާހިދު މަރާލުމުގެ ގަސްދު ނެތްކަން ސާބިތުކޮށްދެވޭ ފަދަ މީހަކަށް ނުވާތީ އޭނާ ހާޒިރު ނުކުރީ ކަމަށް ވެސް ފަނޑިޔާރު ޝުއައިބު ވިދާޅުވި އެވެ.

ޝާހިދަށް އެ ދިން ހަމަލާއަކީ ޝާހިދުގެ ފަރާތުން ނަޒާހާއަށް އަނިޔާއެއް ލިބެން އުޅުމުން އޭގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށް ނަޒާހާގެ ފަރާތުން ބުނި ބުނުމަށް ރައްދު ދެއްވައި ފަނޑިޔާރު ޝުއައިބު ވިދާޅުވީ ޝާހިދަށް ނަޒާހާ ހަމަލާދިނީ ޝާހިދު ބައިކެނޑިގެއަށް ވަތް ތާ 15 ވަރަކަށް ސިކުންތުގެ ތެރޭގައި ކަމަށް ހެކިން ބުނެފައިވާއިރު އެދުވަހު ޝާހިދުގެ ފަރާތުން ނަޒާހާއަށް އެއްވެސް އަނިޔާއެއް ލިބުނުކަން ނުވަތަ ދޭން އުޅުނުކަން އެނގެން ނެތް ކަމަށެވެ. އަދި ނަފްސުގެ ދިފާއުގައި ކުރިކަމެއް ކަން ސާބިތުކޮށްދިނުމަކީ ނަޒާހާގެ ފަރާތުން ކުރަންޖެހޭ ކަމެއް ނަމަވެސް އެކަން ސާބިތުކޮށް ދީފައިނުވާ ކަމަށް ފަނޑިޔާރު ޝުއައިބު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ނަފްސުގެ ދިފާއުގައި ހަމަލާއެއް ދެވޭ ނަމަވެސް އަނެކާ މަރާ ނުލެވޭނެ ކަމަށް ގާނޫނުލް އުގޫބާތުގައި އޮތުމުން ނަފްސުގެ ދިފާއުގައި މީހުން މެރުން ރާއްޖޭގައި ހުއްދަ ނުވާކަން އެނގެ އެވެ. އެހެންވެ ނަޒާހާގެ އެ އަމަލަކީ ނަފްސުގެ ދިފާއުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށް ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން ފަނޑިޔާރު ޝުއައިބު ވިދާޅުވި އެވެ.

ނަޒާހާގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވަނީ އެ ހަމަލާއަކީ ޝާހިދުގެ ފަރާތުން ނަޒާހާއަށް ކުރިން ލިބިފައި ހުރި އަނިޔާތަކެއްގެ ސަބަބުން ނަޒާހާއަށް ކޮށްފައިވާ ނަފްސާނީ އަސަރުތަކެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ. އަދި ފިރިމީހާގެ އަނިޔާތަކުގެ ސަބަބުން ނަފްސާނީ އަސަރުތަކެއް ކޮށްގެން ފިރިމީހާ އަންދާލި އިނގިރޭސިވިލާތުގެ އަންހެނަކު ވެސް ކުށްވެރި ނުވާ ކަމަށް އެ ގައުމުގެ ކޯޓަކުން ކުރިން ކޮށްފައިވާ ހުކުމެއް ވެސް ނަޒާހާގެ ފަރާތުން ދިފާއުގައި ހުށަހެޅި އެވެ.

އެ ނުކުތާއާ ގުޅިގެން ފަނޑިޔާރު ޝުއައިބު ވިދާޅުވީ ޝާހިދާއި ނަޒާހާއާ ދެމެދު ކުރިން ހަމަނުޖެހުން ހިނގާފައި އޮތްކަން އެނގެން އޮންނަ ކަމަށާއި އެހެންވެ އެކަންކަމުގެ ސަބަބުން ނަފްސާނީ ގޮތުން ނަޒާހާއަށް އަސަރުތަކެއް ކޮށްފައި އޮވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް ނަފްސާނީ ހާލަތެއް ދިމާވުމަކީ އަނެކާ މަރާލުން ހުއްދަވާނެ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ކުށެއް ކުރުމަށް ފަހު އެކަމުން ބަރީއަވާނެ ކަމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

އެހަމަލާ ދިނުމަށް ފަހު ނަޒާހާ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ވެސް އެކަން އެނގޭކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެގޮތުން އެ ހަމަލާ ދިނުމަށް ފަހު ފުލުހުންނަށް ގުޅީ ނަޒާހާ އަމިއްލައަށް ކަމަށްވުމާއި ފުލުހުން އައުމުން ވަޅި އޮތްތަން ފުލުހުންނަށް ދެއްކީ ވެސް ނަޒާހާ ކަމަށްވާތީ ޝާހިދަށް ނަޒާހާ ހަމަލާދިނީ އެ ކުރެވެނީ ކުށެއްކަން ނޭނގޭ ފަދަ ނުވަތަ ނުވިސްނޭ ފަދަ ހާލަތެއްގައި ހުރެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ފަނޑިޔާރު ޝުއައިބު ވިދާޅުވި އެވެ.