ހަބަރު

މުއްރަތު މެރުމަށް ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

May 31, 2015

ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރާލުމުގެ ކުށުގައި މ. މަސްރޫރާ އަހުމަދު މުއްރަތު މެރުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

މިއީ ފަހުގެ ތާރީޚެއްގައި ދަށު ކޯޓުން އިއްވި މަރުގެ ހުކުމަކަށް ހައި ކޯޓުން ތާއީދުކުރި ފުރަތަމަ ފަހަރެވެ. އެހެން މަރުގެ ހުކުމްތައް ހައި ކޯޓުގައި ހުރީ އަދިވެސް ނުނިމި އެވެ.

ޖޫން، 2012 ގައި މ. މަސްރޫރާ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި ނަޖީބް ބަނުމަށް ފަހު އޭނާގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި ކަމަށް އެއްބަސްވެފައިވާ މުއްރަތު މެރުމަށް ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކުރީ އެ މައްސަލަ މުއްރަތުގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.

މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހުކުމް އިއްވަވަމުން ވިދާޅުވީ މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ޖުލައި، 2012 ގައި ކުރި ހުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެލި ހައި ކޯޓުގެ ފަސް ފަނޑިޔާރުންނަށް އެއްވެސް ޚިލާފެއް ނެތި އެއްބަސްވެވޭ ކަމަށެވެ.

ފަނޑިޔާރު އަބްދުލްޣަނީ ވިދާޅުވީ ނަޖީބް މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގަޔާއި ދަށު ކޯޓުގެ ޝަރީއަތުގަޔާއި ހައި ކޯޓުގެ ޝަރީއަތުގައި ވެސް މުއްރަތު އެއްބަސްވެފައިވާ ކަމަށެވެ. އަދި މުއްރަތު ދަށު ކޯޓުގައި ވެފައިވާ އިއުތިރާފަށް ބާރު ލިބޭ އެތަކެއް ހެއްކާއި ގަރީނާ ހުރިއިރު އެއިން އެއްވެސް ހެއްކަކަށް އިންކާރު ނުކުރާ ކަމަށް ދަށު ކޯޓުގައި މުއްރަތު ބުނެފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު އަބްދުލްޣަނީ ވިދާޅުވީ ނަޖީބް މަރާލި ކަމަށް މުއްރަތު އެއްބަސްވެފައިވާއިރު އިއުތިރާފަކީ އިސްލާމީ ޝަރީއަތުގައި ކުށް ސާބިތު ކުރުމުގެ އެންމެ ހަރުދަނާ ވަސީލަތް ކަމަށާއި އެކަމާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވާ ކަމަށެވެ. އަދި އެހެން މީހެއްގެ ހައްގެއް އެކުލެވޭ ކުށަކަށް އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެނެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ކަމަށް ވެސް ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.

ދަށު ކޯޓުގައި އެއްބަސްވީ މަސްތުވާތަކެތި ބޭނުންކުރާތީ އެކަމަށް ދެވި ހިފާފައިވުމުގެ ސަބަބުން އަވަހަށް ސަލާމަތްވާން ކަމަށް މުއްރަތު ބުނި ނަމަވެސް މުއްރަތުގެ ވާހަކަތަކަށް ބަލާއިރު އޭނާ ދަށު ކޯޓުގައި އެއްބަސްވީ ވާނުވާ ނޭނގޭ ހާލަތުގައި ހުރެގެން ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ. އެގޮތުން ދަށު ކޯޓުގެ ޝަރީއަތުގައި، ނަޖީބް މަރާލުމަށް ކަރުގައި ސްޓާކީނާއި ޓީޝާޓް އޮޅާފައިވާ ކަމަށް ދައުލަތުން ބުނުމުން އެކަން ހިނގީ އެގޮތަށް ނޫން ކަމަށާއި ޓީޝާޓާއި ސްޓާކީނު ބޭނުންކުރީ ލޭމަނާ ކުރަން ކަމަށް މުއްރަތު ބުނެފައިވުމުން އެ ވާހަކަތައް ދެއްކީ ވާނުވާ ނޭނގޭ ހާލުގައި ހުރެގެން ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން މުއްރަތު ދަށު ކޯޓާއި ހައި ކޯޓުގައި ވެފައިވާ އިއުތިރާފަކީ އިއުތިރާފުގައި ފުރިހަމަވާން ޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެފައިވާ އަދި އެ މަރަކީ ވެސް ގަސްދު މަރުގައި ފުރިހަމަވާންޖެހޭ ހުރިހާ ރުކުނެއް ފުރިހަމަވެފައިވާ މަރެއް ކަމަށް ވެސް ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.

އެކަންކަން ފާހަގަކޮށް ފަނޑިޔާރު ޣަނީ ވިދާޅުވީ ނަޖީބް މަރާލި ކަމަށް "މުއްރަތު ވެފައިވާ އިއުތިރާފުން އޭނާއަށް ރުޖޫއު ވެވޭނެ އެއްވެސް މަގެއް ފެންނަން ނެތް" ކަމަށެވެ. އަދި ނަޖީބްގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެ މައްސަލައިގައި "ގިސާސް ހިފުން ނޫން ގޮތެއް ނެތް" ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ޣަނީ ރިޔާސަތު ބެލެހެއްޓެވި އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު އަލީ ސަމީރެވެ.

ނަޖީބް މަރާލި މައްސަލައިގައި މުއްރަތުގެ އޭރުގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް ފާތިމަތު ހަނާ މެރުމަށް ވެސް ދަށު ކޯޓުން ހުކުމްކޮށްފައިވާއިރު އެ މައްސަލަ ވެސް އޮތީ އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުގަ އެވެ. އެ މައްސަލައިގެ ދެން އޮތީ އެންމެ ފަހުން އަޑުއެހުމެވެ.

މުއްރަތު މަރަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރި ނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް 60 ދުވަހުގެ މުއްދަތެއް މުއްރަތަށް ލިބޭނެ އެވެ. މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު ބުނާގޮތުން މަރުގެ އަދަބެއް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް އިއްވުމުން ނުވަތަ ދަށު ކޯޓު ނުވަތަ ހައި ކޯޓުން އިއްވާފައިވާ މަރުގެ ހުކުމެއް ސުޕްރީމް ކޯޓުން ދެމެހެއްޓުމުންނެވެ.