މިހާރު ނެޓްފްލިކްސްގައި އެންމެ ހިނގާ ސީރީޒްއަކީ އިންޑިއާގެ "ސްކްރެޑް ގޭމްސް" އެވެ. މި ސީރީޒްއަކީ ނެޓްފްލިކްސްގެ ފުރަތަމަ އިންޑިއަން އޮރިޖިނަލް ސީރީޒެވެ. މިހާރު 200 އަށްވުރެ ގިނަ ގައުމުތަކުގައި މި ސީރީޒް ސްޓްރީމް ކުރެވޭއިރު، މިހާތަނަށް 130 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ސަބްސްކުރައިބްކޮށްފަ އެވެ.
"ސެކްރެޑް ގޭމްސް" އަކީ 2006 ވަނަ އަހަރު ވިކްރަމް ޗަންދުރަ ލިޔުނު ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން ކްރައިމް ތުރިލާ ސީރީޒެކެވެ. ސައިފް އަލީ ޚާން އާއި ނަވާޒުއްދީން ސިއްދިގީ އަދި ރާދިކާ އާޕްތީ ލީޑުން ފެނިގެންދާ މި ސީރީޒް ކޯ-ޑައިރެކްޓުކުރީ ވިކްރަމައަދިއްތުޔަ މުތުވާނީ އަދި އަނޫރާގް ކަޝްޔަޕް އެވެ.
ރިވިއުކުރާ ފަރާތްތަކުންނާއި ދުނިޔޭގެ ބޮޑެތި އެކި މީޑިއާތަކުން މި ސީރީޒްއަށް އަންނަނީ ގިނަ ތައުރީފުތަކެއް ކުރަމުންނެވެ. ރޮޓެން ޓޮމާޓޯގައި 11 ރިވިއުއާއެކު މި ސީރީޒަށް ވަނީ 91 ފަސެންޓުގެ ރޭޓިން ލިބިފަ އެވެ. މި ރިވިއުތަކުގެ ތެރެއިން ނެގެޓީވް ރިވިއުއެއް ދީފައި ވަނީ އެންމެ މީހެކެވެ.
ނުރައްކާތެރި ގޭންގު ސްޓާރެއްގެ ކިބައިން އިންޑިއާގެ މުމްބާއި ސަލަމާތް ކުރަން އުޅޭ ފުލުސް އޮފިސަރެއްގެ ވާހަކަ ގެނެސްދޭ މި ސީރީޒް މީޑިއާތަކުން ވަނީ، ނެޓްފްލިކްސްއިން މީގެ ކުރިން ގެނެސްދިން ހަމަ މި ޖޯންރާގެ އެންމެ ކާމިޔާބު ސީރީޒްތައް ކަމުގައިވާ "ނާކޯސް" އާއި "ދި އެމެރިކަންސް" އަޅާ ކިޔާފަ އެވެ.
"ނެޓްފްލިކްސްއިން އަނެއްކާވެސް މި އިހުތިޔާރު ކުރީ މީގެ ކުރިން އެމީހުނަށް އެންމެ ތަރުހީބު ލިބުނު ޖޯންރާގެ ސީރީޒްތައް ކަމަށްވާ 'ނާކޯސް' އާއި 'ދި އެމެރިކަންސް' ސްޓައިލުގެ ސީރީޒްތައް އުފައްދާ ކަހަލަ ޕްރޮޑަކްޝަނެއް،" ނިއު ޔޯކް ޓައިމްސް ބުނެފައިވެ އެވެ.
"މި ސީރީޒްގެ ވާހަކައަކީ އެމެރިކާގައި އެންމެ ގިނައިން ވިކޭ މި ސްޓައިލުގެ ވާހަކަތައް ހުންނަ ސްޓައިލުގެ ވާހަކައެއް. މި ސީރީޒްގައި ވާހަކަ ގެނެސްދީފައިވާ މުއްސަނދި ގޮތާއި އެކި ރަހަތަށް ހިމަނާފައިވާ ގޮތަކީ އެމެރިކާގެ ބެލުންތެރިންނަށް ވެސް ކްރައިމް ސީރީޒެއްގައި މުޅިން ތަފާތު ގޮތްތަކެއް."
"ބައެއް ފަހަރު ނެޓްފްލިކްސްގެ ސީރީޒްތައް ބަލާ މީހުނަށް އެކި ބަސް ބަހުން ހުންނަ ސީރީޒްތައް ބަލާއިރު، ސީރީޒްގައި ހިމެނޭ ބައެއް މަންޒަރުތަކަކީ އެމީހުންނާއި އެހާ ގާތް ނޫން ބީރައްޓެހި މަންޒަރުތަކަކަށް ވުމުން ފޫހިވާ ގޮތްވާ ފަހަރު އާދެ. އެކަމަކު 'ސެކްރެޑް ގޭމްސް' ގައި އެކި ކެރެކްޓަރުންތަކުގެ ވާހަކަތައް ގެނެސްދީފައި ހުރި މޮޅުކަމުން އެކަން އެހާ ބޮޑަކަށް ފާހަގައެއް ނުވޭ." ހޮލީވުޑް ރިޕޯޓާގައި ބުނެފައިވެ އެވެ.
އިންޑިއާގެ ޓީވީ ސީރީޒްތަކުގެ ތާރީހަށް މިއީ ހަމަ ރަންގަނޑެކެވެ. ކްރައިމް އަދި އެކްޝަން ސީންތަކަށް މި ސީރީޒްގައި ދީފައިވާ ހާއްސަ އިސްކަމާއި ގެނެސްދީފައިވާލެއް މޮޅުކަމަކީ މީގެ ކުރިން އިންޑިއާގެ ސީރީޒެއްގައި އަދި ފިލްމެއްގައިވެސް ނުފެންނަފަދަ މަންޒަރުތަކެކެވެ. އިންޓަނޭޝަނަލް ވިއުއާސްއަށް އެންމެ އަޅައިގަތް ތަންކޮޅަކީވެސް މި އެވެ. އިންޑިއާގެ ފިލްމުތަކާއި ސީރީޒްތައް މަޝްހޫރުވެފައި އޮންނަނީ ލޯބީގެ މެލޮޑްރާމާ އާއި މަސާލާ ލަވަތަކަށެވެ. އިންޑިއާގެ އެކްޝަން ފިލްމުތަކުގައިވެސް އެބައި ނުހިމަނަ ނުދާނެ އެވެ.
"ވައިލެންޓް" ނުވަތަ އަނިޔާވެރިކަމުގެ އިންތިހާއަށް ބަލާނަމަ، މި ސީރީޒްއަކީ މިހާރު އެންމެ އަނިޔާވެރި މަންޒަރުތައް ފެންނަ ސީރީޒްތައް ކަމަށްވާ "ގޭމް އޮފް ތުރޯންސް" އާއި "ޑެއާޑެވިލް" އަށް ދޫކުރާނެ ސީރީޒްއެއް ނޫނެވެ. އެކްޝަން، ކްރައިމް އަދި ތުރިލާ ސީރީޒްތަކަށް ލޯބިކުރާ މީހުނަށް މި ސީރީޒްއަކީ މަރެކެވެ. ޑައިރެކްޝަނާއި ސިނެމަޓޯގުރާފީ ވަރަށްވެސް ފުރިހަމަ އެވެ.
ސައިފް، ނަވާޒުއްދީން އަދި ރާދިކާއަށް ބޮޑު ކާމިޔާބީއެއް
ސައިފްގެ އަޑި އަޅާލާފައިވާ ފިލްމީ ކެރިއަރުގައި ކުރިއަށް ދިއުމަށް އާ މަގެއް ކޮށުމަށް މި ސީރީޒްއަކީ އެނާއަށް ލިބުނު ރަނުގެ ފުރުސަތެއްކަން މިހާރު ކަށަވަރެވެ. މިފަހުން ނިކުތް އޭނާގެ ހުރިހާ ފިލްމުތަކެއްހެން ވަނީ ބޮކްސް އޮފީހުގައި ހިނގައިގަތުމަށް ނުކުޅެދިފަ އެވެ. ގިނަ ފިލްމުތައްވީ ބޮޑު ފުލޮޕަކަށެވެ.
މި ސީރީޒްގެ މައިގަނޑު ކެރެކްޓަރު އަދި ފުލުސް އޮފިސަރުގެ ރޯލު ކުޅުނީ ސައިފް އެވެ. އެކްޝަން ފިލްމުތަކަށް ލޯބިކުރާ ސައިފްއަށް މި ރޯލަކީ އޭނާ އަބަދުވެސް ކުޅެން ބޭނުންވި ކަހަލަ ރޯލެކެވެ. އޭނާގެ ރޯލު ވަރަށް ފުރިހަމައަށް އަދާކޮށްފައިވެސްވެ އެވެ.
އެންމެ ގިނަ ތައުރީފު އޮހުނު މި ސީރީޒްގެ އެކްޓަރަކަށް ވާނީ ނަވާޒުއްދީން އެވެ. ކޮންމެ ފިލްމެއްގައިވެސް ކުޅަދާނަ އެކްޓިންއެއް ދައްކަމުން އަންނަ ނަވާޒުއްދީން އަނެއްކާވެސް މި ވަނީ އޭނާގެ ހުނަރުން އެތައް ބަޔަކު ހައިރާންކޮށްފަ އެވެ. އޭނާ ކުޅެނީ ނުރައްކާތެރި ގޭން ސްޓާރެއްގެ ރޯލެވެ. މި ސީރީޒްގައި ހިނގާ ހުރިހާ ނުބައެއްގެ އަޑީގައި ހުންނަނީ އޭނާ އެވެ.
ރާދިކާއަކީ މިހާރު އިންޑިއާގެ ނެޓްފްލިކްސްގެ ރާނީ އެވެ. މިއީ އޭނާ ފެނިގެންދިޔަ ނެޓްފްލިކްސްގެ ދެ ވަނަ ސީރީޒް އެވެ. އަދި ފުރަތަމަ ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް އެވެ. ރާދިކާގެ އިތުރު ނެޓްފްލިކްސް އޮރިޖިނަލް ސީރީޒެއް އަންނަ މަހުވެސް ނިކުންނާނެ އެވެ. މި ސީރީޒްގައި ރާދިކާ ކުޅެނީ ޖާސޫސްކުރާ މީހެއް ރޯލެވެ. އިންޑިއާގެ ފިލްމެއް ނުވަތަ ސީރީޒެއްގައިވެސް އަންހެނަކަށް މިހާ ވަރުގަދަ ކެރެކްޓާއެއް ކުޅެލަން ލިބެނީ މަދު ފަހަރަކު އެވެ.