ސޮނީ ޓީވީގެ މަޝްހޫރު ޝޯ "އިންޑިއަން އައިޑަލް 12"ގެ ގްރޭންޑް ފިނާލޭ އަންނަ އޮގަސްޓް 15 ގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ. މިފަހަރުގެ ސީޒަނުގެ އެއްވަނަ ހޯދަނީ ކޮން ލަވަކިޔުންތެރިއެއްކަން އެނގޭނީ ގްރޭންޑް ފިނާލޭގެ އެންމެ ފަހު ވަގުތުކޮޅު އެވެ.
އަޝީޝް ކުލްކަރްނީ ކެޓުމަށްފަހު ޓޮޕް 6ގައި އެއްވަނަ އަށް ވާދަކުރަން ތިބީ ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކާންޖީލާލް، ޝަންމުކާޕްރިޔާ، މުހައްމަދު ދާނިޝް އަދި ސާއިލީ ކަމްބްލީ އާއި ނިހާލް ޓައުރޯ އެވެ.
ގްރޭންޑް ފިނާލޭގެ ކުރިން މިތަނުން އެއް ލަވަކިޔުންތެރިއަކު އަދި ކަޓާނެ އެވެ. ފައިނަލަށް ދާނީ ޓޮޕް 5 ލަވަކިޔުންތެރިންނެވެ.
މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ ވަރަށް ގިނަ މީހުންގެ ފޭވަރިޓް ލަވަކިޔުންތެރިޔާ ޕަވަންދީޕް ޓޮޕް 5 އަށް ނުގޮސް ކަޓާފާނެ ހެއްޔެވެ؟ މިފަދަ ސުވާލެއް އުފެދުނީ އެންމެ ފަހުން ދެއްކި ދަރުމެންދުރަ އާއި އަނީތާ ރާޖް ބައިވެރިވި އެޕިސޯޑުގައި ޕަވަންދީޕް އަށް ލިރިކްސް ހަނދާންނެތި މައްސަލަތަކެއް ދިމާވީމަ އެވެ.
އޭރު އޭނާ ކިޔަމުން ދިޔައީ ޣަޒަލްގެ ރަސްގެފާނު، ޖަގްޖީތު ސިންގްގެ ވަރަށް އަސަރުގަދަ ލަވައެއް ކަމަށްވާ "ހޯޓޯން ސޭ ޗޫލޯ ތުމް" އެވެ. މިއީ 1981ގައި ރިލިޒްކުރި "ޕްރޭމް ގީތު"ގެ ލަވަ އެކެވެ. މި ލަވައިގައި ހަރަކާތްތެރިވަނީ ރާޖް ބައްބަރް އާއި އަނީތާ ރާޖް އެވެ.
ލަވައިގެ މައިގަނޑު ވަރަށް ފުރިހަމައަށް ޕަވަންދީޕް ކިޔާލި އެވެ. އޭނާ ލަވަ ކީލެއް އަސަރުގަދަކަމުން ޖަޖުންނާއި ޝޯގެ ބައިވެރިން އަދި ހާޒިރުވެ ތިބި ގިނަ ބައެއްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހުނެވެ. ނަމަވެސް ފުރަތަމަ ކަޑި ފެށިތަނާ އޭނާއަށް ލިރިކްސް ހަނދާން ނެތި ލަވަކިޔުން ހުއްޓާލި އެވެ. އެ ވަގުތު އޭނާއަށް އެހީތެރިވީ ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ސާއިލީ އެވެ. ޕަވަންދީޕް ހަނދާން ނެތުނު ތަންކޮޅު ސައިލީ ކިޔައިދިނުމުން އަނެއްކާވެސް ޕަވަންދީޕް ލަވަކިޔަން ފަށައި ލަވަ ފުރިހަމަ ކުރި އެވެ.
މި ކަމާ ހެދި ޕަވަންދީޕް ކަޓުވާލަފާނެ ކަމުގެ ބިރު އޭނާގެ ފޭނުންނަށް ވަރަށް ބޮޑުވެގެން ސޯޝަލް މީޑިއާގައި އެ އަޑު ވަނީ ވަރަށް ގަދަވެފަ އެވެ. ޕަވަންދީޕަށް ލިރިކްސް ހަނދާންނެތުމު މަންޒަރު ފެންނަ ޔޫޓިއުބު ވީޑީއޯއަށް މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ހިޓްސް ލިބިފައިވާއިރު ލައްކައަކަށް ވުރެ ގިނަ މީހުން ވީޑިއޯއަށް ކޮމެންޓް ކޮށްފައި ވެއެވެ. މި އެންމެންގެ ވެސް އޮތީ އެންމެ ބިރެކެވެ. ޕަވަންދީޕް ޓޮޕް 5 އަށް ނުގެންގޮސް ކަޓުވާލަފާނެ ކަމުގެ ބިރެވެ.
ސަވާއީ ބަޓް ކެޓި ފަހަރު ވެސް ޕަވަންދީޕް އެންމެ ފުލަށް ދިޔަ ދެ ބައިވެރިންގެ ތެރޭގައި ހިމެނިފައިވާތީ މިފަހަރު އޭނާއަށް ލަނޑު ލިބިދާނެކަމުގެ ބިރު އޭނާގެ ފޭނުންނަށް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެހެންވެ އޭނާ ސަލާމަތްކުރަން ހުރިހާ އެންމެން ވީހާވެސް ގިނައިން ވޯޓު ދިނުމަށް ޕަވަންދީޕްގެ ފޭނުން ދަނީ އެދެމުންނެވެ.
އިންޑިޔާގެ އޮންލައިން ނޫހެއްކަމަށްވާ ބޮލީވުޑްލައިފްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ފަހަރު ޓޮޕް 3 ގައި ހިމެނޭނީ ސައިލީ އާއި އަރުނިތާ އަދި ޝަމްމުކާ ކަމަށް ގިނަ ފޭނުން ގަބޫލުކުރެ އެވެ. އަދި މީގެ މާނައަކީ ޕަވަންދީޕް ކެޓުމުގެ ޗާންސް ބޮޑުވުން ކަމަށް ގަބޫލުކުރާ މީހުން ވެސް ގިނަ އެވެ.