ބޮލީވުޑް

އިންޑިއަން އައިޑަލް 13ގެ ޓޮޕް 15

މަޝްހޫރު ސިންގިން ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް"ގެ 13 ވަނަ ސީޒަން ފަށާފައިވާއިރު ޝޯގެ ޓޮޕް 15 އަށް ހޮވުނު ލަވަކިޔުންތެރިންގެ ނަންތައް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

މި ހަފުތާ ބަންދުގައި މި 15 ލަވަކިޔުންތެރިންގެ ހުވަފެނީ ތައާރަފްވުމެއް (ޑްރީމް ޑެބިއު) އޮންނާނެ އެވެ.

ހަފުތާ ބަންދުގައި ދައްކާ "ޑްރީމް ޑެބިއު" ދެ އެޕިސޯޑުގައި ހިންދީ މިއުޒިކް އިންޑަސްޓްރީގެ ފުންނާބު އުސް ގިނަ ފަންނާނުންތަކެއް ބައިވެރިވާނެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ފެށި އާ ސީޒަންގެ ޖަޖުންނަކީ މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ވިޝާލް ދަދްލާނީ އާއި ހިމޭޝް ރޭޝަމްޔާ އަދި ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އެވެ. ހޯސްޓަކީ އަދިތުޔާ ނާރަޔަން އެވެ.

ޓޮޕް 15 އަށް ހޮވުނު ލަވަކިޔުންތެރިންނަކީ ވިނީތު ސިންގް، ސަންޗާރީ ސެންގުޕްތާ، ރިޝީ ސިންގް، ބިދިޕްތާ ޗަކްރަބަތީ، ޝިވަމް ސިންގް، ސޮނާކްޝީ ކާރް، ނަވްދީޕް ވަޑާލީ، ސެންޖޫތީ ދާސް، ޗިރާގް ކޯޓްވާލް، ކާވްޔާ ލިމާޔޭ، އަނުޝްކާ ޕަޓްރާ، ރޫޕަމް ބާނާހިއާ، ޕްރީތަމް ރޯއީ، ދޭބޯސްމީތާ ރޯއީ އަދި ޝަގުން ޕާތަކް އެވެ.

ޓޮޕް 15 އަށް ހޮވިފައިވާ ގިނަ ލަވަކިޔުންތެރިންނަކީ ޒީ-ޓީވީގެ ސާރޭގާމާޕާގައި ބައިވެރިވެ މަތީ ވަނަތައް ހާސިލުކުރުމުގެ ސަބަބުން މިހާރު ވެސް ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ކުޅަދާނަ ލަވަކިޔުންތެރިން ތަކެކެވެ.

އެހެންކަމުން މިފަހަރުގެ ޝޯއަކީ ވެސް މޮޅު ލަވަކިޔުންތެރިންގެ ހުނަރު ފެނިގެންދާނެ ޝޯ އަކަށް ވާނެ ކަމަށް ޖަޖުން ބުނެފައި ވެއެވެ. ނަމަވެސް ޖަޖުން ޓޮޕް 15 ހޮވި ގޮތާ މެދު ހިތްހަމަނުޖެހިގެން މި ޝޯ ބޮއިކޮޓްކުރަން ގޮވާ ބަޔަކު ވެސް އެބަ އުޅެ އެވެ.