އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަން އަކީ އެންމެ ގިނަ ބަޔެއްގެ މަގްބޫލުކަން ލިބުނު ސީޒަނެވެ. މި ސީޒަން އެހާ ބޮޑަށް ހާއްސަވީ މިފަހަރުގެ ބައިވެރިންގެ ލަވަކިއުމަށް މޮޅުވުމުގެ އިތުރުން މި ޝޯ ކާމިޔާބުކުރި ޕަވަންދީޕް ރާޖަން އާއި ދެވަނަ އަށް ދިޔަ އަރުނީތާ ކާންޖީލާލްގެ ކެމިސްޓްރީންނެވެ.
ދާދިފަހުން ލަންޑަންގައި މި ދެ ލަވަކިޔުންތެރިން އަތުގުޅާލައިގެން ދަނިކޮށް ނަގާފައިވާ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.
މިއީ ޕަވަންދީޕްގެ މިއުޒިކް ވީޑީއޯ "ޔާދު" ޝޫޓް ކުރަން ގޮސް ލަވައިގެ ސެޓުގެ ބޭރުން އެ މީހުން އަތުގުޅާލައިގެން ތިއްބާ ބަޔަކު ނަގާފައިވާ ވީޑިއޯ ކްލިޕެކެވެ.
ވީޑިއޯ ވައިރަލް ވުމާއެކު ފޭނުން ވަނީ ދެ މީހުންގެ މެދުގައި އޮތް ގާތް ގުޅުން ފެނި ވަރަށް އުފާވާ ކަމަށް ބުނެފަ އެވެ.
ފޭނުން ބުނަނީ ލޯބިވަންޏާ ކޮންމެހެން ބިރުން އުޅޭނެ ކަމެއް ނެތް ކަމަށެވެ.
ޕަވަންދީޕްގެ މިއުޒިކް ވީޑީއޯއެއް ނުކުޅެން އަރުނީތާ މިދިޔަ އަހަރު ނިންމުން ފޭނުން ވަރަށް ދެރަވެގެން ވެސް އޭރު އުޅުނެވެ. "ފުރުސަތު"ނަމަކަށް ކިޔާ މި ވީޑީއޯގައި ހަރަކާތްތެރިވީ ޗިތުރާ ޝުކްލާ އެވެ.
އަރުނީތާ އޭރު މިއުޒިކް ވީޑީއޯ ކުޅެން ދެކޮޅު ހެދީ އޭނާ އާއި ޕަވަންދީޕްއާ އަޅުވާ ކިޔާތީ އޭނާގެ މައިންބަފައިން ހިތްހަމަނުޖެހިގެން ކަމަށް ބައެއް ހަބަރުތަކުގައި ބުނެފައި ވެއެވެ. ނަމަވެސް ޕަވަންދީޕްގެ ކޮއްކޮގެ ކައިވެނީގެ ހަފުލާގައި ވެސް ދާދިފަހުން އަރުނީތާ ވަނީ އާއިލާގެ މެންބަރެއް ގޮތަށް ބައިވެރިވެފަ އެވެ. އަދި ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ހަގީގަތުގައި ވެސް އޮތް ކަން ފޭނުން ގަބޫލުކުރީ މި ފޮޓޯތައް ފެނުމުންނެވެ.