އިންޑިއަން އައިޑަލް 12ގައި ބައިވެރިވެ ކިޔައިދިން ރީތި ލަވަތަކުން އެތައް މިލިއަން ބައެއްގެ ހިތް އަތުލާފައިވާ ޒުވާން ދެ ލަވަކިޔުންތެރިން ކަމަށްވާ ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކާންޖީލާލްގެ ފުރަތަމަ މިއުޒިކް ވީޑިއޯ "މަންޒޫރު ދިލް" ރިލިޒްކޮށްފި އެވެ. ޕަވަންދީޕާއި އަރުނީތާގެ އަސަރުގަދަ އަޑުން ވިރުވާ އަޅާދީފައިވާ މި ލޯބީގެ ލަވަ ބެލި ގިނަ ބަޔަކު ބުނެފައިވަނީ ލަވަ ރީތިވެފައި ދެ ލަވަކިޔުންތެރިންގެ ކެމިސްޓްރީ ވެސް ވަރަށް ފުރިހަމަ ކަމަށެވެ.
މި ރޮމެންޓިކް ލަވަ ރިލީޒްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 11 ޖެހިއިރު އެވެ. މި ލަވަ ކިޔައިދިނުމުގެ އިތުރުން މި ލަވަ ކޮމްޕޯސް ކޮށްފައިވަނީ ވެސް ޕަވަންދީޕް އާއި އިންޑިއަން އައިޑަލް 12ގެ އެހެން ބައިވެރިއެއް ކަމަށްވާ އަޝީޝް ކުލްކަރްނީ އެވެ.
މި ލަވަ ރިލީޒްކުރުމާ ދިމާކޮށް ޕަވަންދީޕް ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ލަވަ އަކީ އޭނާގެ ހިތާ ގުޅިފައިވާ ލަވައެއް ކަމަށެވެ. އެއީ، މި ލަވައަކީ އަރުނީތާ އާއެކު އޭނާ ކުޅެފައިވާ މިއުޒިކް ވީޑިއޯގެ އިތުރުން މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ ކޮށްފައިވާ ފުރަތަމަ މަސައްކަތަށް ވާތީ ކަމަށް ޕަވަން ބުނެފައި ވެއެވެ.
"އިންޑިއަން އައިޑަލް 12"ގެ އެއްވަނަ އަށް ލިބުނު ފައިސާގެ އިނާމާއި ޓްރޮފީ ހާސިލުކުރީ ޕަވަންދީޕެވެ. އޭނާއާ އެންމެ ކައިރިން ވާދަކޮށް ރަނަރަޕްގެ މަގާމު ލިބުނީ އަރުނީތާ އަށެވެ. ޝޯ ފެށުނީއްސުރެ މި ދެ ލަވަކިޔުންތެރިން އަޅުވާކިޔުމުގެ ސިލްސިލާއެއް ފެށުނެވެ. އަދި މި ދެ ލަވަކިޔުންތެރިން ލޯބީގެ ގޮތުން ގުޅުމަކީ އެމީހުންގެ ފޭނުން ވެސް ވަރަށް ބޭނުންވާ ކަމެއްކަމަށް ސޯޝަލް މީޑިއާގައި މީހުން ކުރާ ކޮމެންޓުތަކުން ހާމަވެ އެވެ.
މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމްޔާގެ މިއުޒިކް އަލްބަމް އަކަށްވެސް ޕަވަންދީޕް އާއި އަރުނީތާ ލަވަ ކިޔައިދީފައި ވެއެވެ. އަދި 2022ގެ މާޗް މަހު އެމެރިކާގެ އެތައް ސްޓޭޓެއްގައި ޝޯ ތަކެއް ދޭން މި ދެ ތަރިން އެ ގައުމަށް ދަތުރުކުރަން ވަނީ ހަމަޖެހިފަ އެވެ. މިއީ މި ދެ ލަވަކިޔުންތެރިންގެ ފުރަތަމަ އިންޓަނޭޝަނަލް ޓުއާ އެވެ. މި ޓުއާގައި އިންޑިއަން އައިޑަލް 12ގެ އިތުރު ދެ ލަވަކިޔުންތެރިން ކަމަށްވާ ސާއިލީ ކަމްބްލޭ އާއި މުހައްމަދު ދާނިޝް ވެސް ބައިވެރިވާނެ އެވެ.