އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަން އަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަ ކޮށްލެވުނު ސީޒަނެކެވެ. މި ސީޒަންގައި ބައިވެރިވި ގިނަ ލަވަކިޔުންތެރިން ހުނަރުގެ ގޮތުން މޮޅުވެފައި އެ މީހުންނަށް ބެލުންތެރިންގެ ފަރާތުން ލިބުނު މަގްބޫލުކަން ބޮޑުކަމުންނެވެ. އިންޑިއާގެ ފަރުބަދަމަތީގެ ކުޑަ ކުޑަ ރަށަކުން އައިސް ޝޯގައި ބައިވެރިވި ޕަވަންދީޕަކީ ޝޯ ފެށުނީއްސުރެ ވެސް ގިނަ ބައެއްގެ ފޭވަރިޓަށް ވިއެވެ. އޭނާގެ އޮމާން އަދި ޖާދޫއެއް ފަދަ ރީތި އަޑުގެ ސަބަބުންނެވެ. ޝޯ ވަރަށް ފަސޭހައިން އޭނާއަށް ކާމިޔާބު ކުރެވުނީ މި ސަބަބާ ހުރެ ނަމަވެސް އޭނާ އާއި ރަނަރަޕް އަރުނީތާ ކާންޖީލާލްގެ ލޯބީގެ ވާހަކަ ތަކަކީ ވެސް ޝޯގެ ފޭނުން ގިނަ ވާން މެދުވެރިވީ ސަބަބަކަށް ވިއެވެ.
ޝޯ ފެށުނީއްސުރެ ޕަވަންދީޕް އާއި އަރުނީތާ އަޅުވާކިއުމުގެ އޮއިވަރެއް ފެށުނެވެ. އަދި ޝޯ ނިމިގެން އެތައް މަހެއް ފާއިތުވީއިރު ވެސް މި ވާހަކަ އަށް ނިމުމެއް ނައެވެ. ގިނަ ފަހަރަށް މިގޮތަށް ޝޯތަކުގައި އެކަކު އަނެކަކާ އަޅުވާ ކިޔަނީ އެ ޝޯއެއްގެ ޓީއާރުޕީ މަތިކުރަން ވެގެންނެވެ. އަރުނީތާ އާއި ޕަވަންދީޕްގެ ލޯބީގެ ވާހަކަތައް ވެސް ފުރަތަމަ ފެށުނީ އެކަހަލަ ގޮތަކަށް ކަމަށް ވުން އެކަށީގެން ވެއެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުގައި މި ދެ ލަވަކިޔުންތެރިންނަށް ވަނީ އިހުގެ މުސްކުޅި ހަރުބަހެއްގައި ބުނާ ފަދައިން އަޅުވާ ކިއުމަކީ ހަމަ ރަނގަޅަށް ވެސް އިސްތިރިއަކަށް ވެފަ އެވެ.
ޕަވަންދީޕް އާއި އަރުނީތާއަށް ހަގީގަތުގައި ވެސް ލޯބިވެވިއްޖެ ކަމަށް މިހާރު ގިނަ ބަޔަކަށް ގަބޫލު ކުރެވެނީ ދާދިފަހުން އޮތް ޕަވަންދީޕްގެ ކޮއްކޮ ޗާންދްނީ ރާޖަންގެ ކައިވެނީގެ އެކި ރަސްމިއްޔާތުތަކުގައި ވެސް އަރުނީތާ ބައިވެރިވެފައިވާތީ އެވެ. އަދި މި ރަސްމިއްޔާތުގައި އަރުނިތާ އުޅެފައިވަނީ އާއިލާގެ މެންބަރެއްގެ ގޮތަށް ކަމަށް ވެފައި ހުރިހާ ރަސްމުތަކެއް ފުރިހަމަ ކުރުމުގައި ވެސް އޭނާ އެންމެ އިސްކޮށް ނަގާ ކިޔާ އުޅުނީމަ އެވެ. އަދި ޕަވަންދީޕް އާއި އޭނާ މި ކައިވެނީގެ ހަފުލާގައި ކިޔާފައިވާ ބައެއް ލަވަތަކުގެ ކްލިޕްތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ކްލިޕްތަކުން ވެސް ދެ މީހުންގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ހާމަވާ ކަމަށް އެމީހުންގެ ފޭނުން މިހާރު ގަބޫލު ކުރެ އެވެ.
މި ދެ މީހުން އަޅުވާ ކިޔަން ފެށިތާ ކުރީކޮޅު އެމީހުން ބުނަމުން ދިޔައީ އެމީހުންގެ މެދުގައި އޮންނަނީ ގާތް އެކުވެރިކަން ކަމަށެވެ.