ބޮލީވުޑް

އެތައް އަހަރަކަށްފަހު ދަރުމެންދުރަ އާއި މުމްތާޒް އެކުގައި ފެނިއްޖެ

"ޖީލް ކޭ އުސްޕާރް"، "ލޯފަރް" އަދި "އާދްމީ އައުރު އިންސާނު" ފަދަ ކުރީ ޒަމާނުގެ ރީތި ފިލްމުތަކުގައި ލީޑް ރޯލު ކުޅެފައިވާ ދެ ތަރިން ކަމަށްވާ ދަރުމެންދުރަ އާއި މުމްތާޒް އަލުން ސްކްރީނުން ފެނުމަކީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ދަރުމެންދުރަ އަކީ މިހާރު ވެސް ބޮލީވުޑް ފިލްމުތަކުން ފެންނަ އެކްޓަރެއް ނަމަވެސް މުމްތާޒް އަކީ މީގެ 40 ވަރަކަށް އަހަރު ކުރިއްސުރެ ހިންދީ ސިނަމާއަށް ގެއްލިފައިވާ ކުރީގެ ވަރަށް މަޝްހޫރު ބަތަލާ އެކެވެ. ވީމާ ދަރުމެންދުރަ އާއި އޭނާ ފެނިދާނެ ކަމަކަށް އެމީހުންގެ ފޭނުން އެއްގޮތަކަށް ވެސް އުންމީދެއް ނުކުރެ އެވެ.

މި ދެ ތަރިން އެކުގައި އަތާ އަތް ގުޅާލައިގެން ރިއަލިޓީ ޝޯއެއްގައި ދާދިފަހުން ބައިވެރިވެފައި ވެއެވެ. ސޮނީ ޓީވީން ދައްކާ ސިގިން ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް 13"ގެ އެޕިސޯޑެއްގަ އެވެ.

މިއީ މުމްތާޒް އާއި ދަރުމެންދުރަގެ ފޭނުން ވަރަށް އުފާވި އެމީހުންނަށް ވަރަށް ހާއްސަ ފެނިލުމަކަށް ވެފައި ވެއެވެ.
މުމްތާޒު ބުނި ގޮތުގައި ދަރުމެންދުރަ އަކީ އޭނާގެ ރައްޓެއްސެކެވެ. ދޭތެރެއަކުން އެމީހުން ބައްދަލުވިޔަސް އެކުގައި ޝޫޓިންގް އެއްގައި ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.

ދަރުމެންދުރަ ބުނި ގޮތުގައި މުމްތާޒު އަކީ ހިންދީ ފިލްމު އިންޑަސްޓްރީގެ ފުރާނަ އެވެ. ޖަވާބުގައި މުމްތާޒު ބުނީ ދަރުމެންދުރަ އަކީ އޭނާއަށް ދޫނުކުރާ ވަރުގެ އެކްޓަރެއް ކަމަށާއި ޝޫޓިންގް އަކަށް ދަރުމެންދުރަ އަންނައިރަށް އެންމެންތައް އޭނާ ދެކޭ ހިތުން އުތުރު އަރަން ފަށާ ކަމަށެވެ.

މުމްތާޒު ފިލްމީ ދުނިޔެއާ ދުރަށް ދިޔަތާ ގިނަ ޒަމާންތަކެއް ވެފައިވާއިރު އަދިވެސް އެނބުރި އައުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތެވެ. ނަމަވެސް ދަރުމެންދުރަ އަދިވެސް ފިލްމުތަކުގައި ބައިވެރިވެ އެވެ. އެގޮތުން އޭނާ އެންމެ ފަހުން ކުޅެފައިވާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" މިހާރުވަނީ ޝޫޓީންގް ނިމި ރިލީޒްކުރުމުގެ މަރުހަލާގަ އެވެ.

އާލިއާ ބަޓް އާއި ރަންވީރު ސިންގް ޒުވާން ޖޯޑެއްގެ ރޯލު ކުޅޭ މި ފިލްމުގައި ދަރުމެންދުރަ އާއި ޖާޔާ ބައްޗަން އާއި ޝަބާނާ އަޒްމީ ހަރަކާތްތެރިވެއެވެ.