ބޮލީވުޑް

ރާހޫލްގެ އުފަން ދުވަސް ފާހަގަކުރަން ދިޝާ އާއެކު ރާއްޖެއަށް

ޓީވީ އިންޑަސްޓްރީގެ އެންމެ ލޯބި އެއް ޖޯޑު ކަމަށް ގިނަ ބަޔަކު ދެކޭ ރާހުލް ވައިދްޔާ އާއި ދިޝާ ޕަރްމާރް މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އިންޑިއަން އައިޑަލް ފުރަތަމަ ސީޒަންގެ ދެ ވަނަ އަށް ދިޔަ ލަވަކިޔުންތެރިޔާ ރާހޫލް އާއި ޓީވީ ބަތަލާ ދިޝާ ކައިވެނި ކުރީ ދަދި ފަހުންނެވެ. ނަމަވެސް އެމީހުން ރާއްޖެއަށް ކުރި ދަތުރަކީ ރާހޫލްގެ 34 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ކުރި ދަތުރެއް ކަމަށް ވެއެވެ.
ދިޝާ މިހާރު ކުޅެމުންދަނީ ސޮނި ޓީވީގެ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގެ ލީޑް ރޯލެވެ. ރާހޫލް ވަނީ "ބިގް ބޮސް"ގެ އެންމެ ފަހުން ދެއްކި ސީޒަންގައި ވެސް ބައިވެރިވެފަ އެވެ.

ދިޝާ އަށް އޭނާ ޕްރޮޕޯސް ކުރީ ވެސް ބިގް ބޮސްގެ ގޭގައި ހުރެގެން ނެޝަނަލް ޓީވީގަ އެވެ. އޭގެ ފަހުން ރާހޫލް ވަނީ ކަލާޒްގެ ރިއަލިޓީ ޝޯ "ހަތުރޯންކީ ކިލާޅީ"ގައި ބައިވެރިވެ އެ ޝޯގެ ފައިނަލަށް ވެސް ދަތުރުކޮށް ފައިނަލްގައި ބަލިވެފަ އެވެ.

ރާއްޖޭގައި ދެމަފިރިން ނަގާފައިވާ ފޮޓޮއަކާއެކު ދިޝާ ޝެއާ ކުރި ޕޯސްޓެއްގައި ރާހޫލް އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައި ވެއެވެ. އަދި އޭނާ ކަހަލަ ރަނގަޅު ފިރިއަކު ލިބުނީ ނަސީބު ރަނގަޅުކަމުން ކަމަށް ދިޝާ ބުނެފައި ވެއެވެ.

ދިޝާ ޓީވީއަށް ތައާރަފްވީ ސްޓާ ޕްލަސްގެ ވަރަށް މަޝްހޫރު ޝޯއެއް ކަމަށްވާ "ޕިޔާރް ކާ ދަރްދް ހޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ"ގެ ލީޑް ރޯލުން 2012 ވަނަ އަހަރު އެވެ. އެ ސީރީޒް ކުޅުނުއިރު ދިޝާގެ އުމުރުން 17 އަހަރެވެ.

"ޕިޔާރް ކާ ދަރްދް ހޭ"ގައި ވެސް ދިޝާ އާއެކު ބަތަލުގެ ބައި ކުޅުނީ އޭނާ މިހާރު ކުޅެމުންދާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ސީރީޒްގެ ވެސް ބަތަލު ނަކުލް މެހެތާ އެވެ. މި ޝޯ ދެ އަހަރެއްހާ ދުވަހު ދެއްކުމަށްފަހު ނިންމާލީ 2014 ގައެވެ.