އިންޑިއަން އައިޑޮލް

އިންޑިއަން އައިޑަލްއަށް ފަހު ކަޕިލް ޝަރުމާ ޝޯ

މިހާރު ސޮނީ ޓީވީން ދައްކަމުންދާ "އިންޑިއަން އައިޑަލް 12" އިގެ ގްރޭންޑް ފިނާލޭ އަންނަ އޮގަސްޓް 15 ގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ދުވަހުގެ މެންދުރު 12.00 އިން ފެށިގެން މެންދަމު 12.00 އަށް ގްރޭންޑް ފިނާލޭ ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

ބާރަ ގަޑިއިރަށް ދެމިގެންދާ މި މި ޝޯގައި އަލްކާ ޔަގްނިކް އާއި ކުމާރު ސާނޫ އަދި އުޑިތު ނާރަޔަން އަދި އިތުރު ލަވަކިޔުންތެރިން ޕާފޯމް ކުރާނެ އެވެ.

މި ޝޯ ނިމުމުން ޝޯ ދައްކާ ގަޑީގައި ފަށަން ހަމަޖެހިފައި ވަނީ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އާ ސީޒަނެކެވެ.

އިންޑިއަން އައިޑަލް 12 ގްރޭންޑް ފިނާލޭގައި ކުރީ ސީޒަންތަކުގެ އެއްވަނަ ހޯދި ބައެއް ލަވަކިޔުންތެރިން ވެސް ޕާފޯމް ކުރާނެ ކަމަށް ވެއެވެ.

ކުރީ ފަހަރުތަކާ ހިލާފަށް މި ފަހަރު ހަ ލަވަކިޔުންތެރިޔަކު ގްރޭންޑް ފިނާލޭގައި ޓްރޮފީ އަށް ވާދަ ކުރާނެ އެވެ. އެއީ އަރޫނީތާ އާއި ޕަވަންދީޕް އަދި ސަޔާލީ އާއި ޝަންމުކާޕްރިޔާ، މުހައްމަދު ދާނިޝް އަދި ނިހާލް ޓާރޯ އެވެ.

ކަޕިލް ޝަރުމާ ޝޯ އަލުން ފަށާއިރު ކުރީ ސީޒަންތަކުގެ ބައިވެރިންގެ ތެރެއިން ގިނަ ކޮމޭޑިއަނުން މިފަހަރުގެ ސީޒަންގައި ވެސް ބައިވެރިވާނެ އެވެ.