"އިންޑިއަން އައިޑަލް 12" އިގެ އެއްވަނަ ޕަވަންދީޕް ރާޖަން އާއި ރަނަރަޕް އަރުނީތާ ސޮނީ ޓީވީގެ "ބަޅޭ އައްޗޭ ލަގް ތޭ ހޭ 2" ގެ ޚާއްސަ އެޕިސޯޑެއްގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ނަކުލް މެހެތާ އާއި ދިޝާ ޕަރްމާރް ލީޑް ރޯލް ކުޅޭ މި ސިލްސިލާގައި ޕަވަންދީޕް އާއި އަރުނީތާ ބައިވެރިވަނީ ރާމް އާއި ޕްރިޔާގެ ކައިވެނީގެ ރަސްމިއްޔާތުތަކުގެ ތެރެއިން ސަންގީތުގަ އެވެ. މިއީ ލަވަކިޔުމާއި ނެށުމުގެ ހަފުލާ އެކެވެ.
ގިނަ ބައެއްގެ މަގްބޫލުކަން މިހާރު ލިބެން ފަށާފައިވާ މި ޝޯއަކީ 2011 ގައި ސޮނީ ޓީވީން ދެއްކި "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަން އެކެވެ. ފުރަތަމަ ސީޒަންގައި ލީޑް ރޯލު ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތާންވަރް އެވެ.
ފުރަތަމަ ސީޒަންގައި ރާމް އާއި ސާކްޝީ ކުޅުނީ މެދު އުމުރުގެ ދެ މީހަކު ލޯބިނުވެ ކައިވެނިކޮށްގެން އެމީހުންގެ ކައިވެނީގެ ހަޔާތުގައި ދިމާވާ ކަންތައްތަކެވެ. އަދި މަޑުމަޑުން ދެ މީހުންނަށް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވެވޭ ގޮތާއި އާއިލާގެ ފަރާތުން އެ ލޯތްބަށް ކުރިމަތިވާ ހުރަސް ތަކެވެ.
މި ޝޯގެ ފުރަތަމަ ސީޒަން ވަރަށް ކާމިޔާބެވެ. ޖުމްލަ 600 އެޕިސޯޑު ދެއްކި ފުރަތަމަ ސީޒަން ނިންމާލީ ޖުލައި 2014 ގައެވެ. ބާލާޖީ ޓެލެފިލްމްސް އިން އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ޝޯގެ ދެ ވަނަ ސީޒަނެއް ފަށަމުން އެކްތާ ބުނެފައި ވަނީ މިހާރުގެ ޖެނެރޭޝަންގެ ގިނަ ބަޔަކަށް ފުރަތަމަ ސީޒަން ފެނިފައި ނުވާ ކަމަށެވެ. އެހެންވެ ދެ ވަނަ ސީޒަނެއްގައި މުޅިން އާ ވާހަކައެއް ހަމަ ކުރީގެ ވެސް ރަހަތަކާއެކު ތައްޔާރުކުރަން އޭނާ ގަސްތުކުރީ އެވެ.
މިފަހަރުގެ ޝޯގައި ވެސް ދައްކަނީ ރާމް އާއި ޕްރިޔާ ކިޔާ ދެ މީހެއްގެ ވާހަކަ އެވެ. ރާމް އާއި ޕްރިޔާގެ ވެސް މާޒީއެއް އޮވެ އެވެ. ރާމް ވެސް ކުރިން ވަރަށް ގަދަޔަށް މީހަކު ދެކެ ލޯބިވެގެން އުޅެ އެމީހާ ލަނޑު ދިނުމުން ކައިވެނި ކުރާ ހިތް ނެތިފައި ހުރެ އެވެ. އަދި ޕްރިޔާ އަށް ވެސް ޖެހިފައިވަނީ ހަމަ މިފަދަ ހާލެކެވެ.
މި ސީރީޒްގައި ވެސް ދައްކާނީ ކުރީގެ ސީރީޒްގައި ދެއްކި ގޮތަށް ލޯބިނުވާ ދެމީހަކު ކައިވެނިކޮށްގެން އެކުގައި ކުރާ ދަތުރެވެ. އަދި އެ ދަތުރުގައި ދެ މީހުންނަށް މަޑުމަޑުން ނޭނގި ތިބެ ލޯބި ވެވޭ ގޮތާއި އޭގެ ފަހުން އެމީހުންގެ ހަޔާތަށް ކުރިމަތިވާ އެކި ކަހަލަ އިމްތިހާނު ތަކެވެ.