ޕާކިސްތާނު ޗެނަލަކުން މިހާރު ދައްކާ ޑްރާމާއެއް ކަމަށްވާ "ތޭރޭ ބިން" އިންޑިޔާގައި ވެސް އެއްވަނަ ދަރަޖައިގައި ޓްރެންޑް ވާން ފަށައިފި އެވެ.
ޔޫޓިއުބުން މި ޑްރާމާ ބަލާ އެތައް މިލިއަން މީހުންނަކީ އިންޑިޔާ މީހުންނަށް ވާއިރު ޑްރާމާގެ ތަރިން ވެސް އިންޑިޔާގައި ވަރަށް މަޝްހޫރެވެ.
މި ޑްރާމާގައި ލީޑް ރޯލު ކުޅެނީ ވަހާޖް އަލީ އާއި ޔުމުނާ ޒައިދީ އެވެ. އިންޑިޔާގެ މަޝްހޫރު ޕްރޮޑީއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ދާދި ފަހުން ވަނީ ވަހާޖް އިންސްޓަގްރާމްގައި ޝެއާ ކުރި އޭނާގެ ބައެއް ފޮޓޯތަކަށް ލައިކް ވެސް ދީފަ އެވެ. އެއާއެކު ކަރަން އަށް ވެސް ވަހާޖް ވަރަށް ކަމުގޮސްފި ކަމަށް ބުނެ ޕާކިސްތާނު މީހުން އެ ވާހަކަ ވަރަށް ގަދަޔަށް ދައްކަމުން އެބަދެ އެވެ.
ޕާކިސްތާނު މީހުން ބުނަނީ އެ ގައުމުގެ އެކްޓަރުންނަށް އިންޑިޔާގެ އެންޓަޓައިންމަންޓް އިންޑަސްޓްރީގައި މަސައްކަތް ކުރުން މަނާކޮށްފައި ނުވާނަމަ ވަހާޖް އަށް ބޮލީވުޑް ފިލްމުތައް ކުޅުމުގެ ފުރުސަތު ކަރަން ދިނީސް ކަން ޔަގީންވާ ކަމަށެވެ.
ހިންދީ ޑްރާމާ ތަކާ ޚިލާފަށް ޕާކިސްތާނު ޑްރާމާތަކުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ މީހުންނެއް ނޫޅެ އެވެ. އަދި ގައިގޯޅި މަންޒަރުތަކެއް ވެސް ނުދައްކަ އެވެ. މީގެ އިތުރުން އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމުގެ ބަދަލުގައި އިސްލާމް ދީނަށް އުޅޭ މީހުން މި ޑްރާމާތަކުގައި ދައްކަ އެވެ.
ޕާކިސްތާނު ޑްރާމާތަކުގައި ހުންނަ އެންމެ އަޅައިގަންނަ އެއް ސިފައަކީ އުރުދޫ ބަހުން ތައްޔާރުކޮށްފައިވާ ލަވަތަކުގައި ހުންނަ ފަށުވި ކަމާއި ރީތިކަމެވެ. އަދި ޑްރާމާތަކުގެ ޑައިލޯގްތައް ވެސް ވަރަށް ފަށުވި ވެފައި ޝައުގުވެރި ގޮތްތަކެއް ހުރުމެވެ.
"ތޭރީ ބިން" އަކީ ދެބެންގެ ދެ ދަރި ދެބެން ގަދަކަމުން ކައިވެނި ކުރުވުމުން އެމީހުންގެ ހިތުގައި އުފެދޭ ރުޅިވެރިކަމުގައި ބަދަލުހިފުމުގެ ގޮތުން އެކަކު އަނެކަކަށް ކުރާ ކަންތައްތަކެއް ފެންނަ ޑްރާމާ އެކެވެ.
މި ޑްރާމާގެ އޮރިޖިނަލް ސައުންޑްޓްރެކް ވެސް މިހާރު ވަރަށް މަގްބޫލު ވެފައި ވެއެވެ. މި ޑްރާމާގައި މައިގަނޑު ގޮތެއްގައި ހިނގާނެ ހާދިސާތައް މި ސައުންޑްޓްރެކް ބަލާލުމުން ވަޒަންކުރެވެ އެވެ.