ފިނިޕޭޖް

"ޔޭ ރިޝްތާ"ގެ ނެއިތިކަށް ގެވެށިއަނިޔާގެ ތުހުމަތު

ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ފެށިއިރު ހީނާ ޚާން އާއެކު ލީޑް ރޯލުކުޅުނު އެކްޓަރު ކަރަން މެހެރާ ހައްޔަރުކޮށް ބެއިލް ބަހައްޓައިގެން އިއްޔެ ވަނީ މިނިވަން ވެފަ އެވެ. ކަރަން ހައްޔަރުކުރީ އޭނާގެ އަންހެނުން އަދި ޓީވީ ބަތަލާ ނިޝާ ރާވަލް ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނިޝާ ބުނެފައިވަނީ ކަރަން އޭނާއަށް އަނިޔާކުރާ ކަމަށާއި އޭނާ ވަނީ ގެވެށިއަނިޔާގެ ޝިކާރައަކަށް ވެފައި ކަމަށެވެ.

ކަރަން ހައްޔަރުކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިޝާ ބުނީ ކަރަން ކޮއްޕާލީމަ ގޮސް ތަނެއްގައި ބޯޖެހި ބޯ ވެސް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. މި އިންޓަވިއު ދިންއިން ނިޝާގެ ނިތްކުރީގެ ޒަޚަމްވެފައި ހުރި ތަނެއްގައި ހުރީ ބޭސް އަޅާފައި ހުއްޓާ ވަނީ ފެނިފަ އެވެ.

ކަރަންގެ އަނިޔާތައް އޭނާ ތަހައްމަލުކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް ނިޝާ ނޫސްވެރިން ކައިރީ ބުންޏެވެ. އޭނާ މީގެ ކުރިން ކަރަންގެ ވާޙަކަ މީހުން ކައިރީ ޚާއްސަކޮށް ނޫސްވެރިން ކައިރީ ނުދައްކަނީ ކަރަންގެ ނަން ޚަރާބު ނުކުރަން ވެގެން ކަމަށް ނިޝާ ބުންޏެވެ.

ގިނަ ބަޔަކު ކަރަން ދަންނަނީ "ޔޭ ރިޝްތާ"ގައި އޭނާ ކުޅުނު ނެއިތިކްގެ ރޯލުން ކަމަށް ވެފައި ނެއިތިކް އަކީ ވަރަށް ރަނގަޅު ކެރެކްޓާއަކަށް ވާތީ މީހުންނަށް ކަރަން އަކީ އެފަދަ މީހެއްގެ ގޮތުގައި ބެލެވިފައިވާ ކަމަށް ނިޝާ ބުންޏެވެ. އެހެންވެ އޭނާގެ ނަން ޚަރާބުކޮށް ކެރިއަރު ފުނޑުފުނޑު ކޮށް ނުލާންވެގެން އެ ވާހަކަތައް ސިއްރުކޮށްގެން ހުރީ ކަމަށް ނިޝާ ބުންޏެވެ.

ކަރަން އޭނާއަށް ބޭވަފާތެރިވާ ކަމަށާއި ސިއްރު ގުޅުމެއް ވެސް ހިންގާކަމަށް ނިޝާ ބުންޏެވެ. އަދި ޚުދް ކަރަން ވެސް އެކަމަށް އޭނާ ކައިރީ އެއްބަސްވެފައިވާ ކަމަށް ނިޝާ ބުނެ އެވެ.

ނިޝާ ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ކަރަން ހައްޔަރުކުރުމަށްފަހު ބެއިލްގެ ދަށުން މިނިވަން ވުމަށްފަހު ކަރަން ވެސް ވަނީ މިކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާޙަކަ ދައްކާފަ އެވެ. ކަރަން ބުނި ގޮތުގައި ނިޝާ އަކީ ބައޮޕޯލާ ޑިސްއޯޑާ ހުންނަ މީހެކެވެ. އެހެންވެ އޭނާގެ ރުޅިގަދަވާ ފަހަރު ފަހަރު ރުޅި ކޮންޓްރޯލް ކުރަން އުނދަގޫ ކަމަށެވެ.

ކަރަން އިތުރަށް ބުނީ އެންމެފަހުން ވީ އަރާރުމުގައި ވެސް ނިޝާ އޭނާގެ މޫނަށް ކުޅުޖެހި ކަމަށާއި ބޮލުގައި ހުރި ޒަޚަމަކީ ވެސް އޭނާ ހައްޔަރު ކުރުވަން ވެގެން އަމިއްލައަށް ދޮރުގައި ވަރަށް ބާރަށް ބޯ ޖަހައިގެން އަމިއްލައަށް ލެއްވި ޒަޚަމެއް ކަމަށެވެ.

ދެ މީހުންގެ މެދުގައި ފާއިތުވީ އަހަރެއްހާ ދުވަހު މައްސަލަ ބޮޑުވެ ވަރިފަށަށް އަރާފައިވާ ކަމަށާއި ވަރީގެ ކަންތައް ކުރިޔަށް ނުގެންދެވިގެން އުޅެނީ ވަރިކުރާއިރު މާ ގިނަ އަދަދެއްގެ ފައިސާ ދޭން ނިޝާ ކުރަމުންދާ ޑިމާންޑްގެ ސަބަބުން ކަމަށް ކަރަން ބުންޏެވެ.

ނިޝާ އާއި ކަރަންގެ ހަތަރު އަހަރުގެ ފިރިހެންކުއްޖެއް އެބަހުއްޓެވެ. ނިޝާ ބުނަނީ ވަރިކުރާއިރު ގިނަ ފައިސާ އަށް ޑިމާންޑްކުރަނީ ދަރިފުޅަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދޭން ކަމަށެވެ.

ކަރަން އާއި ނިޝާ ކައިވެނިކުރީ މިގެ ނުވަ ވަރަކަށް އަހަރު ކުރިންނެވެ. އެމީހުންގެ ލޯތްބަކީ ފެއަރީޓޭލް ރޮމޭންސެއް ގޮތަށް ކުރިން ގިނަ ބަޔަކު ސިފަ ކުރި އެވެ.

ކަރަން އާއި ނިޝާ ފުރަތަމަ ބައްދަލުވީ ނިޝާ ބަތަލާގެ ބައި ކުޅުނު "ހަސްތޭ ހަސްތޭ" ކިޔާ ފިލްމެއްގެ ސެޓުންނެވެ. ކަރަން އެ ފިލްމުގައި މަސައްކަތްކުރީ އެކްޓަރުންގެ ސްޓައިލިސްޓެއްގެ ގޮތުގަ އެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ކަރަންގެ ލޮލުގައި ނިޝާ އަޅައިގަނެ އޭނާއަށް ހިތް ދެވުނެވެ. ނަމަވެސް ނިޝާ އަށް ކަރަން އާ ގަޔާ ވެވުނީ އޭގެ ގިނަ ދުވަސް ތަކެއް ފަހުންނެވެ.

ރައްޓެހިވުމުގެ ކުރިން ދެ މީހުން އެކުވެރިންގެ ގޮތުގައި ވެސް އެތައް ދުވަހަކު އުޅުނެވެ. ކަރަން އާއި ނިޝާ 2012 ގައި ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ހައެއްކަ އަހަރު ފަހުންނެވެ.

ކަރަންގެ ވަރަށް ކުރީގެ އިންޓަވިއު އެއްގައި ބުނެފައިވަނީ ނިޝާ އަކީ އޭނާގެ ފުރަތަމަ ލޯބި ކަމަށެވެ. ނިޝާގެ ކުރިން އެހެން އެއްވެސް އަންހެންކުއްޖަކާ ރައްޓެހިނުވާ ކަމަށް ވެސް ކަރަން ބުންޏެވެ.

ނަމަވެސް މިހާ ގިނަ ދުވަހު ލޯބިވެގެން އުޅެފައި މިހާ ލޯބިން ކައިވެނިކުރި މި ދެ އެކްޓަރުންގެ ކައިވެންޏަށް މިހާރު ވަނީ ހިތި ނިމުމެއް އައިސްފަ އެވެ. އެކަކު އަނެކަކަށް އިނގިލި ދިއްކޮށް މީޑިއާގައި ދެ މީހުންގެ ގޯސް ވާހަކަ ދައްކަމުންދާއިރު ދެ މީހުން ކުރެ ރަނގަޅީ ކާކުކަމެއް އެމީހުންގެ އާއިލާގެ މީހުންނަށް ވެސް އަދި އެކުވެރިންނަށް ވެސް ބުނާކަށް ނޭނގެ އެވެ.

ނިޝާގެ އެކުވެރިން ބުނަނީ ރަނގަޅީ އޭނާ ކަމަށެވެ. ކަރަންގެ އެކުވެރިން ޖެހެނީ ކަރަން ކޮޅަށެވެ.