ދިރާސާތަކުން ދައްކާ ގޮތުގައި ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުން އެމީހުންގެ ފިރިން ކައިރިން ދުރަށްދާން މަސައްކަތް ކުރުމުން ވަރަށް ގިނަފަހަރު އެމީހުންގެ ދަރިންނާއި ޚުދު އެމީހުންގެ އަމިއްލަ ނަފްސަށް ބޮޑެތި އަނިޔާތައް އެ ފިރިހެނުން ދެއެވެ. އަދި ބައެއް ފަހަރު ފިރިހެން މީހާގެ އަތުން އަންހެން މީހާ މަރުވެފައި ވެސް އެބަހުއްޓެވެ.
ގެވެށި އަނިޔާ ލިބެމުންދާ މީހަކު ފެނުމުން އޭނާ އެފަދަ ގުޅުމެއްގައި ދެމި ހުންނަނީ ކީއްވެތޯ ވަރަށް ގިނަ މީހުންގެ ހިތަށް އަރާނެ އެވެ. ތިމާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ދޭނަމަ އެ ގުޅުމެއް ކަނޑާލުމަށް ވުރެ މޮޅު ގޮތެއް ނެތް ކަމަށް އެންމެން ވެސް ގަބޫލުކުރާތީ އެވެ.
ނަމަވެސް ކޮންމެ މީހަކަށްވެސް މިކަމުގައި ހުރި އުނދަގުލާއި މައްސަލަތައް އިހްސާސް ކުރެވޭނީ މިފަދަ ކަމެއް ތަހައްމަލުކުރަން ޖެހުމުންނެވެ. އަނިޔާ ލިބޭ މީހާގެ ހާލަތެއް އެކަކަށް ނުވެސް ނުވިސްނޭނެ އެވެ. އޭނާ އެހެން އެހުންނަނީ ކީއްވެގެން ކަން ވެސް އެ މަންޒަރު ފެންނަ މީހުންނަކަށް ހަގީގަތުގައި ނޭނގޭނެ އެވެ.
ކިތަންމެ އަނިޔާކުރިޔަސް އެމީހަކާ އެކު އުޅެން އަންހެނުން ނިންމާ ކިތަންމެ ސަބަބެއް ހުންނާނެ އެވެ. މިސާލަކަށް ދަރިންނަށް ވާނެ ގޮތަކާ މެދު އޭނާ ވިސްނާނެ އެވެ. މާލީ ހާލަތަށް ވެސް ވިސްނާނެ އެވެ. އަދި އެނޫނަސް އެފަދަ މީހަކު ވިސްނަން ޖެހިދާނެ ވަރަށް ގިނަ ކަންތައްތައް އަހަރެމެންނަށް ނޭނގުނަސް ހުރެދާނެ އެވެ.
މިއީ އެފަދަ އަންހެނެއްގެ ވާހަކަ އެވެ. އިންޑިޔާގެ ރަށެއްގައި ދިރިއުޅޭ ނީތާ ނަމަކަށް ކިޔާ އަންހެނެއްގެ ވާހަކަ އެވެ. ނީތާ އަކީ ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހެކެވެ. އަނިޔާވެރި ފިރިއެއްގެ ކިބައިން ސަލާމަތްވެ އެކަނިމާއެކަނި ނީތާ ދިރިއުޅުން ބިނާ ކުރި ގޮތުގެ ވާހަކަ އެވެ. މިއީ ނީތާ ފަދަ އަނިޔާ ލިބިފައިވާ އަންހެނުންނަށް ވަރަށް އިބުރަތްތެރި ވާހަކަ އެކެވެ.
ނީތާ އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދީފައިވަނީ "ހިއުމަންސް އޮފް ބޮމްބޭ"ގައި ޝެއާކޮށްފައިވާ ވީޑީއޯ އެއްގަ އެވެ. ނީތާ ބުނި ގޮތުގައި އޭނާއަކީ ވަރަށް ކުޑައިރުއްސުރެ އަނިޔާ ތަހައްމަލުކުރަމުންދިޔަ މީހެކެވެ.
ކުޑައިރު އޭނާއަށް އަނިޔާކުރީ މަންމަ އެވެ. ބައްޕައަކީ އަބަދު މަސްތުގެ ހާލަތުގައި އުޅޭ މީހަކަށް ވާތީ ކުޑަ ކުޑަ ނީތާ އުޅޭ ނޫޅޭއެއް ބައްޕައެއް ނުބަލަ އެވެ. އޭނާއަކާ އެއްގޮތަކަށް ވެސް އަޅައެއް ނުލަ އެވެ.
ނީތާއަށް ހަ އަހަރުގައި އޭނާގެ މަންމަ އަމިއްލައަށް މަރުވުމުން ވެސް ނީތާގެ ބައްޕަ އޭނާއަކަށް އަޅައެއް ނުލި އެވެ. އެވަގުތު ނީތާ ގެންދިޔައީ އޭނާގެ މަންމަ ފަރާތު މާމަ އާއި ކާފަ އެވެ. އެމީހުން ނީތާ ގެންގުޅުނީ ވަރަށް ލޯބިންނެވެ.
އުމުރުން 14 އަހަރުގައި ނީތާގެ ކައިވެނި ފުލުސް އޮފިސަރަކާ ކުރުވި އެވެ. މި މީހާ އަކީ އަބަދު ރާބޮއިގެން މަސްތުވެފައި ހުންނަ އަނިޔާވެރި މީހެކެވެ. ނަމަވެސް އެމީހާއާ އެކު ދިރިއުޅެވޭތޯ ނީތާ ވަރަށް މަސައްކަތް ކުރި އެވެ. މި ކައިވެންޏަށް ތިން ދަރިން ލިބިފައި ވެއެވެ. ދެމަފިރިން ތިން ދަރިން ގޮވައިގެން ދިރިއުޅެމުންދިޔައީ ބޮމްބޭގެ އެންމެ ފަގީރު ހިސާބުގަނޑުގައި ހުންނަ ޖިފުޓިގަނޑެއްގަ އެވެ. ފައިސާ ނެތިގެން ދަރިންނަށް ކާން ދޭން ވެސް ނީތާއަކަށް ނުލިބެ އެވެ.
ނީތާގެ ފިރިމީހާ ފައިސާ ނުހޯދާ ތާނގައި ނީތާ މަސައްކަތެއް ކުރަން އުޅުނަސް މަލާމާތްކޮށް އޭނާއަކަށް އެއްކަމެއް ވެސް ނުވާނޭ ބުނެ އެވެ. ނަމަވެސް ނީތާ ވަރަށް މަސައްކަތުން ސްކޫޓަރާއި ކާރު އަދި ވޭން ފަދަ އުޅަނދުތައް ދުއްވަން ދަސްކުރި އެވެ. ފިރިމީހާ "ނުވާނޭ" ބުނާ ކޮންމެ ފަހަރަކު ނީތާ އަށް އިތުރު ހިތްވަރެއް ލިބި އިތުރަށް އެކަން ވާނެކަން ދައްކަން މަސައްކަތް ކުރި އެވެ.
ސްކޫޓަރާއި ވޭން އަދި ކާރު ފަދަ ތަކެތީގައި ޓެކްސީ ކުރުމަކީ އާއްމުކޮށް ފިރިހެނުން ކުރާ މަސައްކަތެކެވެ. އެހެންވެ ނީތާގެ ފިރިމީހާ ވެސް އޭނާ އެކަން ކުރުމާ ދެކޮޅުވެރިވި އެވެ. އެންމެ ފަހުން މަރުގެ އިންޒާރު ދޭން ފެށުމުން ދެން އިތުރަށް އެމީހާ އާއެކު ނޫޅެވޭނެކަން ނީތާ އަށް ޔަގީންވި އެވެ.
އުމުރުން 34 އަހަރުގައި ނީތާ އެންމެ ފަހުން ފިރިމީހާ އާ ވަކިވި އެވެ. އަދި ދަރިންނާއެކު ކިޔަވައި އޭނާވެސް ތަޢުލީމު ފުރިހަމަ ކުރި އެވެ. ކުއްޔަށް ވެހިކަލެއް ހޯދައިގެން ޓެކްސީ ކޮށްގެން ފައިސާ ހޯދައިގެންނެވެ. އަދި މި މުއްދަތުގެ ތެރޭގައި ނީތާގެ ޓެކްސީ ވިޔަފާރި ފުޅާވެ އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބެން ފެށި އެވެ. އަދި އަމިއްލަ ވެހިކަލްތައް ގަންނަން ފެށި އެވެ. މި ތަކެތި ކުއްޔަށް ދީގެން ރަނގަޅު އާމްދަނީއެއް ލިބެން ފެށި އެވެ.
މި ވީޑީއޯ ކްލިޕްގައި ނީތާ ބުނެފައިވާ ގޮތުގައި މިހާރު އޭނާގެ އަތުގައި 13 ބަސް އެބައޮތެވެ. މި ހުރިހާ ވެހިކަލްތަކުން ރަނގަޅު އާމްދަނީ އެއް ލިބި އޭނާގެ ހަޔާތަށް އުފާވެރިކަން ލިބިފައިވާ ކަމަށް ނީތާ ބުންޏެވެ.
އިންސްޓަގްރާމްގައި ނީތާ އޭނާގެ ވާހަކަ ހިއްސާ ކުރުމުން ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި ނީތާ ޑްރައިވަރަކަށް އިނދެ ދުއްވި ވެހިކަލްތަކުގައި އެމީހުން ވަރަށް ގިނަ ދަތުރުތައް ކޮށްފައި ވެއެވެ. އަދި އަންހެން ޑްރައިވަރަކާ އެކު ދަތުރު ކުރެވެމުން އެމީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ރައްކާތެރިކަމެއް އިހްސާސްވިކަމަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައި ވެއެވެ.
އެހެން މީހަކު ބުނި ގޮތުގައި ނީތާގެ ވެހިކަލްގައި ވަރަށް ގިނައިން އޭނާ ދަތުރުކޮށްފައި ވެއެވެ. ނަމަވެސް ނީތާގެ ހަޔާތުގެ ވާހަކައަކީ ކިހާ އިބުރަތްތެރި ވާހަކައެއް ކަމެއް އޭރަކު އޭނާއަކަށް ނޭނގެ އެވެ.