ލައިފްސްޓައިލް

ޓީވީން ނުފެންނަނީ ރަނގަޅު ރޯލުތައް ނުލިބޭތީ: އެރިކާ

"ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ"ގެ ބަތަލާ އެރިކާ ފެނާންޑިސް މިހާރު އެއްގޮތަކަށް ވެސް ޓީވީ ޝޯއަކުން ނުފެންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެހެންވެ އޭނާ އެކްޓިން އަށް އަލްވަދާއު ކީތޯ ފޭނުން ދަނީ ސުވާލު ކުރަމުންނެވެ.

މި ސުވާލުގެ ޖަވާބު އެރިކާ ދީފައި ވެއެވެ. އޭނާ ބުނީ ކުރިން އޭނާ ކުޅެފައިވާ ރޯލުތަކާ ތަފާތު ރޯލެއް ކުޅެން ލިބިއްޖެނަމަ އަލުން އެނބުރި އަންނަން އޭނާ ތައްޔާރެވެ. ނަމަވެސް ކުރިން ކުޅުނު ކަހަލަ ރޯލުތައް ކުޅެން ދެން އިތުރަށް ބޭނުން ނުވާ ކަމަށެވެ.

އަދި އެކްޓިން އިން ބްރޭކެއް ނެގީ ވެސް އަބަދު އެއް ފާޑެއްގެ ރޯލުތަކެއް ކުޅެ ކުޅެ ފޫހިވެގެން ކަމަށް އޭނާ ބުންޏެވެ.

އެރިކާ އެންމެ ފަހުން ފެނިފައިވަނީ "ކަސޯޓީ ޒިންދަގީ ކޭ 2" ގެ ލީޑް ރޯލުންނެވެ. އަދި މި ސިލްސިލާގައި އޭނާ ކުޅުނު ކަހަލަ ރޯލުތައް މިހާރު ވެސް ލިބެމުންދާ ކަމަށާއި ނަމަވެސް އެފަދަ ރޯލެއް އަނެއްކާވެސް ކުޅެން ހިތްހަމަނުޖެހޭ ކަމަށް އެރިކާ ބުންޏެވެ.

"އަހަރެންގެ ސިފަ ބަދަލުކޮށްގެން އެހެން ސިފަ އެއް ޖެހިގެން ނަމަވެސް ތަފާތު ރޯލެއް ކުޅެން ލިބޭނަމަ އެ ރޯލެއް ގަބޫލުކުރަން ތައްޔާރު. ނަމަވެސް ކުރިން ކުޅެފައި ހުރި ރޯލުތައް އަނެއްކާ ކުޅޭކަށް ބޭނުމެއް ނޫން،" އެރިކާ ބުންޏެވެ.

ޓީވީ ޝޯތައް ކުޅުން ހުއްޓާލުމަށްފަހު އެރިކާ މިހާރު ވަނީ ޑުބާއީ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ނަމަވެސް ރަނގަޅު ރޯލެއް ލިބިއްޖެނަމަ އެ ރޯލެއް ކުޅެން އޭނާ މުމްބައި އަށް ބަދަލުވާނެކަމަށް އެރިކާ ބުންޏެވެ.