"މަދޫބާލާ"ގެ ލީޑް އެކްޓަރު ވިވިއަން ދަސޭނާއާ ބެހޭ ގޮތުން އިންޑިއާގެ ނޫސްތަކުގައި ފަތުރަމުންދާ ޚަބަރުތަކަށް އޭނާ ޖަވާބު ދީފި އެވެ.
ވިވިއަން ބުނި ގޮތުގައި ނޫސްތަކުން ޚަބަރުފަތުރާފައިވާ ގޮތަށް، އޭނާ އިސްލާމްވީ މިސުރުގެ ލޯބިވެރިޔާ ނޫރަން އަލީއާ ކައިވެނި ކުރުމުގެ ބޭނުމުގައެއް ނޫނެވެ. އޭނާ 2019 ވަނަ އަހަރުން ފެށިގެން އިސްލާމް ދީން ޚިޔާރު ކޮށްފައިވާ ކަމަށް ވިވިއަން ބުންޏެވެ.
"އަހަރެންގެ ހަޔާތަކަށް މިއަދު ވަކި ބޮޑު ބަދަލެއް އައިސްފައެއް ނުވޭ. އަހަރެން އުފަންވީ ނަސާރާއެއްގެ ގޮތުގައި. އަދި 2019ގައި އިސްލާމްވެ މުސްލިމެއްގެ ގޮތުގައި އަހަރެން އުޅޭތާ ތިން އަހަރު ވެއްޖެ. އަހަރެން އިސްލާމް ދީނަށް އުޅެން ފެށީ 2019 ވަނަ އަހަރު އައި ރަމަޟާން މަހުން ފެށިގެން. އަހަރެން އިސްލާމްވީ އަމިއްލައަށް ބޭނުންވެގެން. ދުވާލަކު ފަސް ވަގުތު ނަމާދުކުރުމުން އަހަރެންނަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމަކާއި އުފަލެއް އިހްސާސް ކުރެވޭ. އެހެންވީމާ އަހަރެންނޭ ކިޔައިގެން އެކި މީހުން ތަފާތު ވާހަކަތައް ދައްކަމުން ދާތީ މިކަން އޮތް ގޮތް ސާފުކޮށްދިނީ މި،" ވިވިއަން ބުންޏެވެ.
ވިވިއަން އިތުރަށް ބުނި ގޮތުގައި އޭނާ އާއި ނޫރަންގެ ކައިވެންޏަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެމީހުން ކައިވެނިކުރީ މިސުރުގައި ކަމަށާއި މިހާރު އެމީހުންގެ ހަތަރު މަހުގެ ދަރިއަކު އެބައޮތް ކަމަށްވެސް ވިވިއަން ބުންޏެވެ. ވިވިއަން އޭނާގެ ދަރިފުޅަށް ދީފައިވާ ނަމަކީ ލަޔާން އެވެ. އަދި ދަރިއަކު ލިބުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށްވެސް ވިވިއަން ބުންޏެވެ.
ކައިވެނި ކުރި ވާހަކަ އާއި ދަރިއަކު ލިބުނު ވާހަކަ މީޑިއާގައި ހާމަ ނުކުރީ ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުން ވަކިކުރަން ބޭނުންވާތީ ކަމަށާއި އާއިލާގެ ވާހަކަތައް ހާމަކުރުމަކީ ނޫރަން އާއި އޭނާ ވެސް އެދޭ ކަމެއް ނޫން ކަމަށް ވިވިއަން ބުންޏެވެ.