ލައިފްސްޓައިލް

އާއިލާ އާއެކު ރޯދަމަސް ހޭދަކުރަން ލިބުމުން މުހްސިން އުފަލުން

ސްޓާ ޕްލަސްގެ މަޝްހޫރު ޝޯ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގައި ކާތިކް ގޮއެންކާގެ ރޯލު އަދާކުރި މުހްސިން ޚާން އަށް މި ރޯދަ މަސް ވަރަށް ތަފާތެވެ. ސަބަބަކީ ފާއިތުވީ ހަތް އަހަރު އޭނާ މި ސިލްސިލާގެ ޝޫޓިންގްގައި ބިޒީކޮށް އުޅެން ޖެހުމުން އާއިލާ އާއެކު ވަގުތު ހޭދަކުރަން ނުލިބި އޮވެފައި މިފަހަރު އެ ފުރުސަތު ލިބިފައި ވާތީ އެވެ.

އާއިލާ ކައިރިއަށް ރޯދަ ހިފަން ނުދެވުނަސް ކޮންމެ އަހަރަކު ވެސް މުހްސިން އާއި އޭނާއާއެކު "ޔޭ ރިޝްތާ"ގެ ސެޓުގައި މަސައްކަތްކުރި މުސްލިމް ކޯސްޓަރުންނާއި ކުރޫން ރޯދަ މަހު ރޯދަ ހިފައި އަޅުކަންތައް ކޮށް އުޅެ އެވެ. އަދި ރޯދަ ވީއްލާ ހަދަނީ ވެސް އެންމެން އެކުގަ އެވެ.

"ގޭގައި އާއިލާއާއެކު ރޯދަ ހިފުނު ދުވަހެއް ހަނދާނެއް ވެސް ނެތް. ވަރަށް ދުވަސް ވެއްޖެ ޝޫޓިންގްގައި އުޅެމުން ރޯދަ ހިފާތާ. ކޯސްޓާރުންނާއި ޓެކްނީޝަނުން އަދި އަހަރެންގެ ޓީމުގައި ހިމެނޭ ސްޓާފުން އެކުގައި ރޯދަ މަހު ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރިން. އެންމެން އެކުގައި ރޯދަ ހިފައި ރޯދަ ވީއްލުން ވީ ވަރަށް އުފާވެރި ތަޖުރިބާއަކަށް،" މުހްސިން ބުންޏެވެ.

އާއިލާއާއި އެންމެ ލޯބިވާ މީހުންނާއެކު މިފަހަރުގެ ރޯދަ މަސް މުހްސިން ހޭދަކުރަމުންދާއިރު އެންމެ އުފާވަނީ ހާރުކާން ހޭލައި ނަމާދަށް ދިއުމާއި ކަންކަން ހަމަޖެހިލައިގެން ކޮށްލަން ލިބުނީމަ ކަމަށް މުހްސިން ބުންޏެވެ.

"ކުޑައިރުގެ ހަނދާންތައް މިފަހަރު އާވަނީ. އާއިލާގެ އެންމެން އެކުގައި ރޯދަ މަހު ހޭދަ ކުރި އުފާވެރި ދުވަސްތައް ވަރަށް ހަނދާންވޭ،" މުހްސިން ބުންޏެވެ.

މުހްސިން އާއެކު ކިތަންމެ ގިނަ މުސްލިމް ނޫން މީހުން އުޅުނަސް އޭނާ އަކީ އަބަދުވެސް ގަވާއިދުން ނަމާދުކޮށް ރޯދަ ހިފާ ދީނީ އަޅުކަންތަކަށް ވަރަށް ސަމާލުކަން ދޭ މީހެއް ކަމަށް މުހްސިން ބުންޏެވެ.