ބޮލީވުޑް

ފަވާދު ޚާން އާއި މާހިރާގެ ރީތި ޑްރާމާ "ހަމްސަފަރް"އަށް 10 އަހަރު

ޕާކިސްތާން ޓީވީ ޑްރާމާތަކުގައި އެންމެ ވިދާ އެންމެ މަޝްހޫރު ދެ ތަރިން ކަމަށްވާ ފަވާދު ޚާނާއި މާހިރާ ޚާންގެ "ހަމްސަފަރް" ރިލިޒްކުރިތާ 10 އަހަރު ފުރުން އެ ޑްރާމާ އާއި މި ދެ ތަރިންގެ ފޭނުން ކުލަގަދަކޮށް ފާހަގަކުރަމުން އެބަދެ އެވެ.

މިއީ 2011 ގައި ރިލީޒްކުރި ވަރަށް ރޮމެންޓިކް ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި ޑްރާމާ އެކެވެ. ގަދަކަމުން ކައިވެނިކުރި ނުވެސް ދަންނަ ދެ މީހެއްގެ ހަޔާތުގެ ވާހަކަ އަދި މި މީހުންނަށް އެންމެ ފަހުން ލޯބި ވެވޭ ގޮތް މި ޑްރާމާގައި ދައްކަ އެވެ.

"ހަމްސަފަރް"ގައި މާހިރާ ކުޅެނީ ޚިރަދް ނަމަކަށް ކިޔާ ފަގީރު އަންހެން ކުއްޖެއްގެ ރޯލެވެ. ފަވާދު ކުޅެފައިވަނީ އާޝަރް ކިޔާ މުއްސަނދި މީހެއްގެ ރޯލެވެ. ޚިރަދް އާއި އާޝަރް އަކީ ދެބެންގެ ދެ ދަރި ދެބެންނެވެ. އެހެންނަމަވެސް ދެ މީހުންގެ މުއްސަނދިކަމާއި ދިރިއުޅުން އުޑާ ބިމާހާ ތަފާތެވެ.

މި ސިލްސިލާ ރިލީޒްކުރިތާ 10 އަހަރު ފުރިފައި ވިޔަސް ސިލްސިލާގެ ފޭނުން މިހާ ކުލަގަދަކޮށް މި ދުވަސް ފާހަގަކުރަނީ ފާއިތުވީ 10 އަހަރު ވެސް ސިލްސިލާ މަތިން ހަނދާން ނައްތާ ނުލެވިފައި ވާތީ އެވެ.

ސިލްސިލާގެ ބައެއް މަންޒަރުތަކާއި ފޮޓޯތައް އެޑިޓްކޮށްގެން ޓުވިޓާ އާއި އިންސްޓަގްރާމްގައި ފޭނުން ދަނީ ޝެއާ ކުރަމުންނެވެ.

ތޭވީސް އެޕިސޯޑު ހިމެނޭ މި ޑްރާމާ 2014 ގައި އިންޑިއާގެ ޓީވީ ޗެނަލަކުން ވެސް ދައްކާފައިވެ އެވެ. އަދި އެ ގައުމުގައި މި ޑްރާމާ ވަރަށް ބޮޑަށް މަޝްހޫރުވެ ގިނަ ބައެއްގެ މަގްބޫލުކަން ފަވާދު ޚާނާއި މާހިރާ އަށް ލިބުނެވެ.

ފަވާދަށް ބޮލީވުޑް ފިލްމުތައް ކުޅެން ފުރުސަތު ލިބެން ފެށީ އިންޑިޔާ މީހުންނަށް މި ޑްރާމާ އާއި ފަވާދު ރީތިވެގެންނެވެ.