ވިޔަފާރި

ރާއްޖެ ސުޕާރީއަށް ޖެހިއްޖެ!

Jul 16, 2018
4

ޕާކިސްތާނުން ސުޕާރީ ބޭރު ކުރުން މަދު ކުރުމާއެކު، ރާއްޖެ އެތެރެކުރާ ސުޕާރީ މަދުވެ، ގިނަ ފިހާރަ ތަކުން ސުޕާރީ ހުސް ވެއްޖެ އެވެ.

ހަށިގަނޑަށް ގެއްލުން ބޮޑު، ނަމަވެސް ދިވެހިންގެ ގިނަ ބަޔަކު ދުފަން ބޭނުންކުރާ ސުޕާރީގެ ގިނަ ބާވަތްތައް މިހާރު މާލޭގެ ގިނަ ފިހާރަތަކުން ނުލިބެ އެވެ. ސުޕާރީ ލިބުން ދަތިވީއިރު، ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ސުޕާރީގެ ބާވަތްތައް ކަމަށްވާ "ރަސްލީ" ގެ އަގު ވެސް ދާދި ފަހުން ވަނީ ބޮޑުވެފަ އެވެ. ކުރިން ރުފިޔާ އަކަށް ހަތަރު ސުޕާރީ ލިބުނުނަމަވެސް މިހާރު ސުޕާރީއެއް ލިބޭނީ ރުފިޔާ އަކަށެވެ.

ރާއްޖެ އަށް އެންމެ ގިނައިން ސުޕާރީ އެތެރެކުރާ ކުންފުނިން "އަވަސް" އަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ސުޕާރީ ލިބުން ދަތިވެގެން އުޅެނީ ޕާކިސްތާނުން ސުޕާރީ ލިބުން ދަތިވެފައިވާތީ ކަމަށެވެ.

"ޕާކިސްތާނުން އެރެކްނެޓް އިމްޕޯޓް ބޭން އެއް އުޅެނީ. އެހެންވެ، ހަމައެކަނި އުފައްދަނީ ޕާކިސްތާނަށް ބޭނުންވާ ވަރަށް. އެހެންވެ ހުސްވެގެން އުޅެނީ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އެހެން ކުންފުންޏަކުން ބުނީ ރާއްޖެއަށް ސުޕާރީ އެންމެ ގިނައިން އެތެރެކުރާ ޕާކިސްތާނުން މިހާރު ސުޕާރީ ނުލިބޭ ކަަށެވެ. ސަބަބަކީ އެ ގައުމުން ބޭރުކުރާ މިންވަރު މަދުކޮށްފައިވުން ކަމަށެވެ.

"އެކަމަކު ހީވަނީ ކޮންމެވެސް ވަރަކަށް ލިބޭނެހެން. އަގަށް ބަދަލު އަންނާނެ މީގެ ސަބަބުން،" ނަން ނުޖެހުމަށް އެދި ބުންޏެވެ.