ސީރިއާގެ ދާހިލީ ހަނގުރާމަ 2011 ވަނަ އަހަރު ފެށުމާއެކު އަމިއްލަ ވަޒަން ދޫކޮށް އެ ގައުމުން އެތައް ބަޔަކު ވަނީ ހިޖުރަކޮށްފަ އެވެ. ހިޖުރަކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ވަދެ ރައްކާވި ތަނަކަށް ވާނީ ތުރުކީގެ އިސްތަންބޫލެވެ. ތާރީހީ އިސްތަންބޫލްއަކީ ތުރުކީގެ އެންމެ ބޮޑު ސިޓީ އެވެ.
އިސްތަންބޫލްގެ ވެރިކަންކުރާ އަވަށް ފާތިހު ޑިސްޓްރިކްޓަކީ ސީރިއާގެ ރެފިއުޖީން އެންމެ ބައިބޯ އެއް ސަރަހައްދެވެ. މި އަވަށުގެ މަލްޓާ މާކެޓްގެ މަގު ބާރުބޮޑުވެފައި އޮންނަނީ ސީރިއާގެ މީހުނަށް ހާއްސަ ރެސްޓޯރެންޓުތަކާއި ތަފާތު އެކި ބާވަތްތަކުގެ ސާމާނުތައް ލިބޭ ފިހާރަތަކުންނެވެ. އެމީހުންގެ ކާނާ އާއި އަންނައުނާއި ޒީނާތްތެރިވުމަށް ބޭނުންކުރާ ތަފާތު ސާމާނުތަކުން މުޅި އެ ސަރަހައްދު އޮންނަނީ ފުރާލާފަ އެވެ.
އެ ސަރަހައްދު ފެނުމުން ސިފަވެގެންދާނީ ވެރިރަށް ދިމިސްކެވެ. ހަނގުރާމަ ފެށުމުގެ ކުރިން ދިމިސްކް އޮތީ ދާދި އެކަހަލަ ގޮތަކަށެވެ. ކާރޫބާރު ބޮޑަސް އުފާވެރިކަމާއި އެކުވެރިކަމުގެ ހިތްފަސޭހަ މާހައުލެއްގެ ގޮތުގަ އެވެ. ތުރުކީގައި ސީރިއާގެ ރެފިއުޖީން މި ސަރަހައްދަށް ދީފައިވާ ނަމަކީވެސް ދިމިސްކް ބާޒާރު އެވެ. އެމީހުންގެ އަމިއްލަ ފިހާރަތަކާއި ކޮފީ ހައުސްތަކާއި އަދި ބޭކަރީތައް އެ ސަރަހައްދުގައި އެބަހުއްޓެވެ. އަދި މިހާރު އެ ސަރަހައްދުގައި ވާހަކަ ދައްކައި އުޅުމަށްވެސް އެންމެ އާންމުކޮށް ބޭނުންކުރަނީ އަރަބި ބަހެވެ.
އޮމަރް ރަސަމް 25، އަކީ މީގެ ހަތް އަހަރު ކުރިން ދާހިލީ ހަނގުރާމަ ފެށުނުތަނާހެން ދިމިސްކް ދޫކޮށް ހިޖުރަކުރި މީހެކެވެ. އޭނާ އެންމެ ފުރަތަމަ ހިޖުރަކުރީ ލުބުނާނަށެވެ. އިސްތަންބޫލަށް ހިޖުރަކުރުމުގެ ކުރިން ދެ އަހަރު އޭނާ އެ ގައުމުގައި ހޭދަކުރި އެވެ. މަލްޓާ މާކެޓުގައި މިހާރު އޭނާގެ އަމިއްލަ ފިހާރައެއް އެބަހުއްޓެވެ. ދިރިއުޅުމަށް އޭނާ މިހާރު ކުރާ މަސައްކަތަކީ މޯބައިލް ފޯނު ވިއްކުމެވެ.
"ލުބުނާންގައި ދިރިއުޅުންވީ ވަރަށް ދަތި ކަމަކަށް. އެ ގައުމުގެ ސަރުކާރުންނާއި އާންމުންގެ ފަރާތުން އެއްވެސް ކަހަލަ އަޅައިލުމެއް ނުލިބޭ. ނަމަވެސް އިސްތަންބޫލްގެ މި ސަރަހައްދުގައި އުޅޭ ތުރުކީގެ މީހުންނާއި ސީރިއާގެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުވުމުން ދިރިއުޅެން ވަރަށް ފަސޭހަ. އިސްތަންބޫލްގައި ވެސް މިނޫން އެހެން ސަރަހައްދުތަކުގައި ދިިރިއުޅެމުންދާ ސީރިއާގެ ރެފިއުޖީން އަދިވެސް އުޅެމުންދަނީ ވަރަށް ހާލުގައި،" އޮމަރް ބުންޏެވެ.
"މި ސަރަހައްދުގައި ދިރިއުޅުމަށް ތުރުކީގެ ސަރުކާރުންދޭ ހުއްދަ އަހަރެންގެ އަތުގައި މިހާރު އެބަ އޮތް. އެކަމަކު އަހަރެން މިހާރު ބޭނުންވަނީ ތުރުކީގެ ރައްޔިތެއްގެ ގޮތުގައި ރަށްވެހިވާން. އަހަންނަށް އަހަރެންގެ އާއިލާ އާއި އަހަރެން އިންނަން އުޅޭ ކުއްޖާ މި ގައުމަށް ގެނެވެން އޮތީ އޭރުން. އެއީ މިހާރު ސީރިއާގެ މީހުންނަށް ތުރުކީއަށް އެތެރެވާން ވިޒާ ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީ،" އޮމަރް ބުންޏެވެ.
ރެފިއުޖީން ރަށްވެހިކަމަށް ފެންބޮވައިގެންފައި
މިދިޔަ އަހަރު ހެދި ދިރާސާއަކުން ހާމަވި ގޮތުގައި ތުރުކީގައި ދިރިއުޅެމުން އަންނަ ރެފިއުޖީންގެ ތެރެއިން 74 ޕަސެންޓް މީހުން ތުރުކީގެ ރައްޔިތެއްގެ ގޮތުގައި ރަށްވެހިވާން ބޭނުންވެ އެވެ. އެ ގައުމުގައި މިހާރު 3.5 މިލިއަނަށްވުރެ ގިނަ ސީރިއާގެ ރެފިއުޖީން ދިރިއުޅެމުން އެބަދެ އެވެ.
އޮމަރް އެކޭ އެއްގޮތަށް އަލީ ނަޖީބު ވެސް އެންމެ ބޭނުންވެފައި ހުރީ ތުރުކީގެ ރަށްވެސްއަކަށް ވާށެވެ. ނަޖީބް 32، އަކީ މަލްޓާ މާކެޓުގައި ފޮނި ކާއެއްޗެހި ވިއްކާ ފިހާރައެއް ހިންގާ މީހެކެވެ. އެ ރަށުގައި އޭނާ ދިރިއުޅެމުން އަންނަތާ މިހާރު ފަސް އަހަރުވެއްޖެ އެވެ. އޭނާ ބުނާ ގޮތުން މިހާރު އެ ރަށަކީ އޭނާގެ އަމިއްލަ އުފަން ބިންފަދަ ތަނެކެވެ.
"އަހަންނަށް އިސްތަންބޫލް ވަރަށް ކަމުދޭ. އަދި އެންމެ ހިތްހަމަޖެހެނީ މި ތަނަކީ މީހެއްގެ އުނދަގުލެއް ނުވާ، އަމާންތަނަކަށް ވީމަ. އަހަރެން މިހާރު އެންމެ ބޭނުންވަނީ އަހަރެންގެ އާއިލާ މި ތަނަށް ގެނައުމަށް. އެކަމަކު އެކަންކުރުމަށް އަހަންނަށް އެބަ ބޭނުންވޭ ތުރުކީގެ ރަށްވެހިކަން،" ނަޖީބު ބުންޏެވެ.
ދާހިލީ ހަނގުރާމަ ފެށުމާއެކު ސީރީއާގެ ސަރުކާރުން ގެންގުޅުނު އުސޫލުތަކާއި އެންމެ ފާޅުގައި ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި ތުރުކީ ހިމެނެ އެވެ. އަދި އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި ގައުމަކީ ވެސް ތުރުކީ އެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ތުރުކީން ވަނީ ހަނގުރާމާގައި ހާލުގައިޖެހި އެހީތެރިކަމަށް ބޭނުންވި އެތަށް ސީރިއާގެ ރެފިއުޖީންނަކަށް އެ ގައުމުގެ ބޯޑަރު ހުޅުވާލަދީ އެހީތެރިވެފަ އެވެ.
ވައިގެ މަގުންނާއި ކަނޑުގެ މަގުން ސީރިއާގެ މީހުން ތުރުކީއަށް ވަނުން މަނާކުރި އިރުގައި އެ ގައުމުން ވަނީ ބޯޑަރު ހުރަސްކޮށް ސީރިއާގެ މީހުންނަށް އެ ގައުމަށް ވަދެވޭނެ ގޮތް ހަދާފަ އެވެ. ތުރުކީގެ ވެރިރަށް އަންކާރާއަށް 2016 ވަނަ އަހަރާއި ހަމައަށް އެއްވެސް ހުރަހެއް ނެތި ރެފިއުޖީންނަށް ވަދެވުނެވެ.
ނަމަވެސް އެ އަހަރު ތުރުކީއަށް ބޯޑަރު ބަންދުކުރުމަށް މަޖުބޫރުވި އެވެ. ބޯޑަރު ބަންދުކުރަން އެ ގައުމުން ނިންމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދުނިޔޭގެ ބައެއް ޖަމިއްޔާތަކުން ސީރިއާގެ ރެފިއުޖީން އަނބުރާ ފޮނުވާލާ ކަމަށާއި އަދި ބަޑިޖަހާއި މަރާކަމަށް ބުނެ ތުހުމަތުތަކެއް ކުރުމާއި ގުޅިގެންނެވެ. އެ ތުހުމަތުތަކަށް އެ ގައުމުން ވަނީ އިންކާރުކޮށްފަ އެވެ.