ކިނބުލަކީ ދުނިޔޭގައި ދިރިއުޅޭ ޖަނަވާރުތަކުގެ ތެރެއިން އެންމެ ބިރުވެރި އެއް ޖަނަވާރެވެ. އިންސާނުންނާއި ޖަނަވާރުން ޝިކާރަ ކުރާ މި ބިޔަ ބޮޑެތި ޖަނަވާރު ފެނުމުން މީހުން ބިރުން ފިތްކަނޑައިގެން ދެއެވެ. ނަމަވެސް ބުރުކީނަ ފާސޯގެ ކުޑަ ކުޑަ އަވަށެއްގައި ދިރިއުޅޭ މީހުންނަށް ކިނބުލަކީ އެމީހުން އެ ޖަނަވާރަށް އަޅުކަންކުރާ ވަރަށް ލޯބިވާ އެއްޗެކެވެ.
އެ އަވަށުގެ ގޭގޭގެ ފެންޑާމަތީގަޔާއި މަގުމަތީގައި ބޮޑެތި ކިނބޫތައް އުޅޭއިރު އަވަށުގެ މީހުން އެ ދެކެ އެއްވެސް ބިރެއް ނުގަނެ އެވެ. އަދި ބައެއް މީހުން އޭގެ މައްޗަށް އަރާ އިށީނދެގެން ތިބެ އެވެ. އަދި ބިރުކުޑަ މީހުން އޭގެ މަތީ އޮށޯވެގެން ވެސް އޮވެ އެވެ.
ބުރުކީނަ ފާސޯގައި ދިރިއުޅޭ ކިނބުލަކީ ނީލަކޯރާއި އެނޫންވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އޮންނަ ކޯރުތަކުގައި ދިރިއުޅޭ ކިނބުލަށް ވުރެ އިންސާނުންނާ މާ ރައްޓެހި މާ އޮޅު ޖަނަވާރުތަކެކެވެ.
ބުރުކީނަ ފާސޯގެ ވެރިރަށާއި 30 ކިލޯމީޓަރު ދުރުގައި އޮންނަ ބަޒޫލޭ ކިޔާ ކުޑަކުޑަ އަވަށުގައި އޮންނަ ފެންގަނޑު ހިއްސާ ކުރަނީ ވެސް އެ އަވަށުގެ މީހުންނާއި އެމީހުންނާއެކު ދިރިއުޅޭ އެތައް ސަތޭކަ ކިނބުލެކެވެ. އެ އަވަށުގެ ބޮޑެތި މީހުންނާއި ކުޑަކުދިން ފެންވަރާ ބޯ ފެން ނަގާ ހަދާއިރު އެ ފެންގަނޑުގައި 100 އަށް ވުރެ ގިނަ ކިނބޫ ވެސް އެސޮރު މެން އެ އުޅޭ ގޮތަށް އުޅެމުން ދެއެވެ. ކުޑަ ކުއްޖަކަށް ވެސް ބޮޑު މީހަކަށް ވެސް އެންމެ ފަހަރަކުވެސް މީގެން ކިނބުލަކު ހަމަލަ ދީފައެއް ނުވެ އެވެ.
އަވަށުގައި ދިރިއުޅޭ ޕިއެރޭ ކިބޯރޭ ކިޔާ ޒުވާނަކު ބުނި ގޮތުގައި އެމީހުން އެންމެ ކުޑައިރުއްސުރެ ކިނބޫތަކާއެކު ކޯރުގައި ފަތާ އުޅެ އެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައިރު ވެސް ވަރަށް ކައިރީގައި ބޮޑު ކިނބުލެއް އެ އަވަށުގެ މީހުން އެސޮރަށް ދިން ކުކުޅެއް ކާލަ ކާލަ އޮތެވެ.
ޕިއެރޭ ބުނި ގޮތުގައި ކިނބޫ މައްޗަށް އަރާ އިށީނަސް އަދި ހިތްވަރު ހުރިއްޔާ އޮށޯތަސް މައްސަލައެއް ނެތެވެ. އެ އަވަށުގެ މީހުންނަށް ކިނބުލަކީ ވަރަށް މުގައްދަސް އެއްޗެއް ކަމަށާއި އެސޮރުމެން އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެ ޒުވާނާ ބުންޏެވެ.
އެ އަވަށުގެ މީހުން ކިޔާ ބޯދާ ވާހަކަތަކުގައި ބުނާ ގޮތުގައި ކިނބުލާއި އަވަށުގެ މީހުންގެ ގާތް ގުޅުން ފެށިފައިވަނީ 15 ވަނަ ގަރުނުގަ އެވެ. އެ ޒަމާނުގައި މި އަވަށަށް ވަރަށް ބޮޑު ހަނަފަސްކަމެއް ވެރިވެފައިވަނިކޮށް އަވަށުގެ އަންހެނުން ތަކަކަށް ފެން ވަޅެއް ދެއްކީ ކިނބޫތައް ކަމަށް މި އަވަށުގެ ދުވަސްވީ މީހުން ކިޔާ އުޅޭ އެވެ. އަދި އޭގެ ފަހުން އެ އަވަށުގެ އާބާދީ ދިރިއުޅެނީ އެ ވަޅުން ފެން ނަގައިގެން ބޮއިގެން ކަމަށް ވެއެވެ.
ފެން ވަޅު ދެއްކުމުން ކިނބުލަށް ޝުކުރު އަދާކުރުމުގެ ގޮތުން އެ ޒަމާނުގައި އަވަށުގައި ވަރަށް ބޮޑު ޕާޓީއެއް ވެސް ބޭއްވި ކަމަށް އެމީހުން ބުނެ އުޅެ އެވެ. އަދި 'ކޫމް ލެކްރޭ"ގެ ނަން ދީފައިވާ މި މުނާސަބަތު މިއަދާ ހަމައަށް ވެސް ކޮންމެ އަހަރަކުވެސް އެ އަވަށުގެ މީހުން ވަރަށް ކުލަގަދަކޮށް ފާހަގަކުރެ އެވެ. އަދި އެމީހުންނަށް ފުރިހަމަ ސިއްހަތާއި މާލީ ތަނަވަސްކަން އަދި ދަނޑުގޮވާން ތިޔާގި ވުމަށް އެދެނީ ވެސް ކިނބޫތައް ކައިރިންނެވެ.
ކޮންމެ ގޮތެއް ވިޔަސް އެންމެންވެސް ގަބޫލުކުރާ އެއްކަމެއް އޮވެ އެވެ. އެއީ މި އަވަށުގެ މީހުންނާއި ކިނބުލާ އޮންނަ އަޖައިބެއް ފަދަ ގާތް ގުޅުމެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ކިނބޫތަކުގައިވާ ފުރާނައަކީ އެ އަވަށުގެ މީހުންގެ ކާބަފައިންގެ ފުރާނަ ތަކެވެ. އެހެންވެ އޭގެން ކިނބުލެއް މަރުވެއްޖެނަމަ ޖަނާޒާގެ ކަންތައް ވެސް ބާއްވަނީ އިންސާނަކު މަރުވުމުން ބާއްވާ ގޮތަށެވެ. ކިނބުލެއް މަރުވިޔަސް ސަންދޯކަށް ލައިގެން ގެންގޮސް ވަޅުލާނެ އެވެ.
އަވަށުގައި ދިރިއުޅޭ ކިނބޫތަކުން ކިނބުލެއް ރޯ އަޑު އިވިއްޖެނަމަ އެ އަވަށުގެ ދުވަސްވީ މީހުން ވަރަށް ހާސްވެ އެވެ. އެމީހުންނަށް ހީވާ ގޮތުގައި ކިނބޫ ރުއިމަކީ އަވަށަށް ބޮޑު މުސީބާތެއް ކުރިމަތިވާން ކައިރިވެއްޖެ ކަމުގެ އަލާމާތެކެވެ. އެހިސާބުން އެމީހުން އެ މުސީބާތަކުން ސަލާމަތްވޭތޯ އެދެނީ ވެސް ކިނބޫގެ ކިބައިންނެވެ.
މި އަވަށަކީ ޓޫރިސްޓް އެޓްރެކްޝަނަކަށް ވެފައިވަނީ ވެސް އަވަށުގައި ކިނބޫތައް ދިރިއުޅޭތީ އެވެ. އަވަށަށް ޒިޔާރަތްކުރާ މީހުން ކިނބުލާއެކު ފޮޓޯ ނަގަން ބޭނުން ވުމުން ދަނޑިއެއްގެ ކުރީގައި ކުކުޅެއް އެލުވާފައި ކޯރާ ދިމާލަށް ދިއްކޮށްލުމުން ކިނބޫ ކޯރުން އަރައިގެން އާދެ އެވެ. އަދި އެއާއެކު ފޮޓޯނަގާނެ ފުރުސަތު ޓޫރިސްޓުންނަށް ލިބެ އެވެ.
މި އަވަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދުނިޔެ ހޫނުވުމެވެ. އަހަރަކަށް ވުރެ އަހަރެއް ވާރޭ ވެހޭ މިންވަރު މަދުވަމުން ދިއުމުގެ ސަބަބުން ކޯރު ވަނީ ވަރަށް ބޮޑަށް ހިކެން ފަށާފަ އެވެ.