ރިޕޯޓް

ލަންޑަން: ތިޔަ ހީކުރާ ކަހަލަ ސިޓީއެއް ނޫން!

Nov 14, 2018
10
ލަންޑަން 8، ނޮވެމްބަރު 2018: ލަންޑަންގެ ރޭލްއެއްގައި މީހުން މަޑުކޮށްލައިގެން- ފޮޓޯ: މުހައްމަދު އަފްރާހު | އަވަސް
6.3%
56.3%
37.5%

އިނގިރޭސިވިލާތަކީ ދިވެހިންނަށް އެންމެ އެތެރެވެވޭ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެ ގައުމަށް ދިވެހިންނަށް ވިސާ ބޭނުމެއް "ނުވެއެވެ". މިތަނަށް އަންނަ ދިވެހިންނަށް ފަސޭހަކަމާއެކު އޮން އެރައިވަލް ވިސާ ލިބޭނެ އެވެ. މި ވިސާއިން މަސް ދުވަހު މިތަނުގައި މަޑުކޮށްލެވޭނެ އެވެ. އަދި ވެރިރަށް ލަންޑަން ފަދަ ސިޓީތަކަށް ދަތުރުކުރާ ދިވެހިންނަށް ބޯޑަރު ބަލަހައްޓާ ފަރާތްތަކުން ހާއްސަ ކަމެއްދޭކަން ފާހަގަ ކުރެވެ އެވެ. "މޯލްޑިވްސް" އޭ ބުނާއިރަށް "އާ ތިއީ ވަރަށް ރީތި ގައުމޭ ބުނެ" ގިނަ ފަހަރު ދޫކޮށްލަ އެވެ. ނަމަވެސް ވެރިރަށް މި ލަންޑަންއަކީ ތިޔަ ހީކުރާ ކަހަލަ ތަނެއް ނޫނެވެ.

ލަންޑަނަށް ދިޔުމުގެ ކުރިން މި ސުވާލުތަކުގެ ޖަވާބު ހޯދުން މުހިންމެވެ؛ ލަންޑަން އަށް ޗުއްޓީ ހޭދަކޮށްލަން ދާނަމަ އެންމެ ރަނގަޅު ދުވަސް ވަރަކީ ކޮބައި ހެއްޔެވެ؟ އަދި ދާން އެންމެ ކުރު އަދި އަގު ހެޔޮ ގޮތަކީ ކޮބައި ހެއްޔެވެ ؟ ރާއްޖެ އާއި ލަންޑަންގެ ހީތްރޯ އެއާޕޯޓާ ދެމެދު މިހާރު ސީދާ ދަތުރު ތަކެއް ނުކުރެ އެވެ. ނަމަވެސް ބްރިޓިޝް އެއާވޭސް އިން ފިނި މޫސުމުމާ ދިމާކޮށް އެ ދަތުރުތައް ފެށުމުން އެ ފުރުސަތު ވެސް ލިބޭނެ އެވެ. އެހެންނޫނީ އާއްމު ގޮތެއްގައި ދާން ޖެހޭނީ ޓްރާންސިޓް ކޮށްފަ އެވެ. މާލެ/ ލަންޑަން/ އަބޫދާބީ ނުވަތަ މާލެ/ ސްރީލަންކާ/ މަގުންނެވެ. މީގެ ކޮންމެ މަގެއް ހިޔާރު ކުރިއަސް އަގު އުޅޭނީ ގާތްގަނޑަކަށް ދެކޮޅަށް 23،130ރ. އާއި 27،756ރ. އާ ދެމެދުގަ އެވެ. އާއްމު ގޮތެއްގައި ރާއްޖެ އިން ލަންޑަނަށް ކުރާ ދަތުރަށް ހަތް ގަޑިއިރު ވަރު ހޭދަވާނެ އެވެ.

ހީތްރޯ؛ އެންމެ ބިޒީ އެއާޕޯޓް

ލަންޑަން ހީތްރޯ އެއާޕޯޓަށް ދާނަމަ ވިސްނަން ޖެހެނީ މިއީ ދުނިޔޭގެ އެންމެ ބިޒީ އެއް އެއާޕޯޓުކަމެވެ. ބޯޓު ޖައްސަން އަންއިރު ވެސް ވަށައިގެން ބޯޓު ފަަހަރު ދުއްވާތަން ފެނެ އެވެ. މިތަނަށް ގަޑިއަކު 16 ބޯޓު ޖައްސައި ނަގާ ކަމަށްވެ އެވެ. މި އެއާޕޯޓު ކިތަންމެ ރަނގަޅަކަށް އިންތިޒާމުތައް ހުރިނަމަވެސް ކިޔޫގައި މަޑުކޮށްލަން ޖެހޭނެ އެވެ. އެހެންވެ ކެތްތެރިކަން އިސްކޮށްލަން ވާނެ އެވެ. ހީތްރޯގައި ފަސް ޓާމިނަލްއެއް ހުންނާނެ އެވެ. ހީތްރޯ އަށް ފައިބައިގެން ދާއިރު ދިމާވާނެ އެންމެ ބޮޑު އެއް ކިޔޫއަކީ އިމިގްރޭޝަން އެވެ. އެ ތަނުގައި ދެ ކިޔޫއެއް އޮންނާނެ އެވެ. އެއް ކިޔޫ ހާއްސަވަނީ ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމު ތަކަށެވެ. އެންމެ ދިގު ކިޔޫއެއް އޮންނާނީ އީޔޫގައި ނުހިމެނޭ ގައުމުތަކުގެ މީހުން އެތެރެވާއިރު ޖެހޭ ކިޔޫ އެވެ. މި ތަނުގައި އެވްރެޖު ގޮތެއްގައި ގަޑިއެއްހާއިރު މަޑުކޮށްލަން ޖެހިދާނެ އެވެ. އެތަނަށް ދާއިރު ބޯޑާ ކޮންޓްރޯލުގެ ކާޑު ފުރައިގެން ދިއުމަން ހަނދާން ކުރަން ވާނެ އެވެ.

ލަންޑަން 8، ނޮވެމްބަރު 2018: ލަންޑަންގެ ރޭލްއެއްގައި މީހުން މަޑުކޮށްލައިގެން- ފޮޓޯ: މުހައްމަދު އަފްރާހު | އަވަސް

އިމިގްރޭޝަން ނިމިގެން ދާއިރު ފަރުވާތެރިކަމާއެކު ދެން ބަލަން ޖެހޭނީ "ލަގެޖް" ބެލްޓަށެވެ. ބޮޑު އެއާޕޯޓަަކަށްވުމުން ފަހަރުގައި ހޯދަން ދަތިވެދާނެ އެވެ. ލަޖެޖު ނަގައިގެން ނުކުންނަ މަގުމަތީގައި ފައިސާ މާރުކުރާ ތަންތަނާއި މޮބައިލް ސިމް ނެގޭނެ ގޮތް ވެސް ހުންނާނެ އެވެ.

ޒަމާނީ، ފަސޭހަ ވަސީލަތްތައް

ހީތްރޯ އިން ނުކުންނަތަނުގައި އިންތިޒާމުތައް ރާވާފައިވާ ގޮތުން ވަރަށް ފަސޭހައިން މޮބައިލް ސިމް ނެގޭނެ އެވެ. އެރަވައިވަލް ޓާމިނަލްގައި ސިމް ނެގޭނެ "ސިމްކާޑް – ވެންޑް ޕޮއިންޓް" މެޝިން ހުންނާނެ އެވެ. މީގެ އިތުރުން ކައުންޓަރަށް ގޮސް ވެސް ސިމް ނެގޭނެ ގޮތް ހުންނެ އެވެ. އެތަންތަނުގައި ތިބޭ މީހުން ވަރަށް ބޮޑަށް އެހީތެރިވެދާނެ އެވެ. އަދި އެ ސަރަހައްދުގައި ޓެކްސީ ލިބޭނެ ގޮތް ވެސް ހުންނާނެ އެވެ. ލަންޑަން ޓެކްސީތަކުގައި ގިނައިން މަސައްކަތް ކުރާނީ އޭޝިއާ ސަރަހައްދުން އެ ގައުމަށް ހިޖުރަކޮށްގެން ތިބި މީހުންނެވެ. ހާއްސަކޮށް ޕާކިސްތާނު މީހުންނާއި ބަންގަލަދޭޝަން މީހުންނެވެ.

ލަންޑަން 8، ނޮވެމްބަރު 2018: ބިމު އަޑީގެ ޓްރެއިންއަށް އަރަން މީހުން ފައިބަނީ- ފޮޓޯ: މުހައްމަދު އަފްރާހު | އަވަސް

އެއާޕޯޓުން ނުކުތުމުގެ ކުރިން ދެން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެއް ކަމަކީ ދެވުނު ދުވަސްވަރު މޫސުމެވެ. އަހަރުގެ ފަހުކޮޅު ދެވިއްޖެނަމަ ފިނި ގަދަވާނެ އެވެ. އެހެންވެ، ފިނީގެ ސަބަބުން ކުރިމަތިވެދާނެ އުނދަގުލަކަށް ފިނި ހެދުން އަތުގައި ގެންދަން ހަނދާން ކުރަންވާނެ އެވެ.

އެންމެ މުސްކުޅި ދަތުރުފަތު ނިޒާމު

ލަންޑަން 8، ނޮވެމްބަރު 2018: ލަންޑަންގެ ރޭލް ދަތުރު ކުރާ މަގެއް- ފޮޓޯ: މުހައްމަދު އަފްރާހު | އަވަސް

ލަންޑަން ޓްރާންސްޕޯޓް ވިއުގައަކީ ދުނިޔޭގައި އޮތް އެންމެ ޒަމާންވީ އެއް ނިޒާމެވެ. ލަންޑަންގެ އެތެރޭގައި ދަތުރުފަތުރުގެ ހިދުމަތް 1829 ވަނަ އަހަރު ފުރަތަމަ ފެށީ އަސް ބޭނުންކޮށްގެންނެވެ. އޭގެ ފަހުން 1902 ގެ އަހަރުތަކުގައި ފުރަތަމަ ފަހަރަށް އިންޖީނުލީ އުޅަނދެއް ބޭނުން ކުރަން ފެށި އެވެ. މިއީ މި ޒަމާނުގެ ގޮތުންނަމަ ބަހުގެ ހިދުމަތޭ ވެސް ބުނެވިދާނެ އެވެ. އަދި ލަންޑަންގެ އެތެރޭގައި ދަތުރު ކުރުމަށް ބޭނުންކުރާ ނިޒާމަކީ ބިމުގެ އަޑިން "ޓިއުބް" ލައިނެއްގެ ގޮތުގައި ދުނިޔޭގައި ފެށި ފުރަތަމަ ހިދުމަތެވެ. ނަމަވެސް ޒަމާނީ ބަދަލުތައް ގެނެސް ކޮންމެވެސް ވަރަކަށް ބަދަލު ކުރިނަމަވެސް މިހާރު ވެސް އެ ނިޒާމު އޮތީ ގާތްގަނޑަކަށް އެގޮތަށެވެ. ލަންޑަންގެ އެތެރޭގައި ދަތުރު ކުރުމަށް ވިޒިޓާސް އަށް އެންމެ ރަނގަޅު ވާނީ "ޑޭ ޓްރެވަލް ކާޑެއް" ނުވަތަ "އޮއިސްޓާ ކާޑެއް" ހޯދުމެވެ.

ޓްރެވަލް ކާޑު ހޯދާނީ ކިހިނެއް؟

ލަންޑަން 8، ނޮވެމްބަރު 2018: ދަތުރު ކުރަން ބޭނުންކުރާ އެއް ފާސް- ފޮޓޯ: މުހައްމަދު އަފްރާހު | އަވަސް

"އޮއިސްޓަ ކާޑު" ހޯދާނީ ކިހިނެއް؟ މި ކާޑު ދޫކުރުމަށް ހާއްސަ މެޝިން ބަހައްޓާފައި ހުރެ އެވެ. ހާއްސަކޮށް އެއާޕޯޓުން ނުކުންނަތަނާއި ޓްރެއިން ސްޓޭޝަން ސަރަހައްދުގައި އޮއިސްޓަ ކާޑް ނެގެން ހުންނާނެ އެވެ. ގާތްގަނޑަކަށް 15 ޕައުންޑު ހޭދަކޮށްލައިގެން މީގެ ކާޑެއް ނެގުމުން ދަތުރު ކުރުމުގެ އެ ބޮލުގެ ރިހުން ކެނޑުނީ އެވެ. މި ކާޑުން އަންޑަ ގްރައުންޑް ރެއިލްވޭ އާއި ބަހުގައި ވެސް ދަތުރު ކޮށްލެވޭނެ އެވެ. ލަންޑަން އަންޑަ ގްރައުންޑްގައި ވަރަށް ގިނައިން ކަރަންޓު ސިޑި ހުންނާނެ އެވެ. މި ތަންތަން ބޭނުން ކުރުމުގައި ހަނދާން ކުރަން ޖެހޭނީ ސިޑީގެ ވާތް ފަރާތުގައި ހުއްޓި ހުރުމެވެ. ކަނާތް ފަރާތް ބޭނުން ކުރާނީ އަވަހަށް އަރާ މީހުންނަށެވެ.

ޝޮޕިން އަށް އޮކްސްފޯޑް ސްޓްރީޓް ކަޑަ!

ދުނިޔޭގެ އެންމެ މުސްކުޅި އެއް ސިޓީގައި ޓޫރިސްޓު އެޓްރެކްޝަންގެ ގޮތުގައި ގިނަ އަދަދެއްގެ ތަންތަން ހުރެ އެވެ. މި ލިސްޓުގައި ބަކިންހަން ޕެލަސް އާއި ލަންޑަން ބޮޑު ގަޑި އަދި ލަންޑަން އައި އާއި ޓަވާ އޮފް ލަންޑަންގެ އިތުރުން ރިވާތީމް އަދި ހައިޑް ޕާކް ފަދަ ގިނަ ތަންތަން ހިމެނެ އެވެ. މި ތަނަށް އަންނަ ގިނަ މީހުން އަވަސްވެ ގަންނަނީ އޮކްސްފޯޓް ސްޓްރީޓަށް ދިއުމަށެވެ. ހާއްސަކޮށް ޝޮޕިން އަށްދާ ގިނަ މީހުން ހިޔާރު ކުރަނީ މި ތަނެވެ. އެކަމަކު މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މީގެ ބަދަލުގައި "ވެސްޓް ފީލްޑް " އާއި "ވަން ނިއު ޗޭންޖް" އަދި "އީސްޓް ޝޮޕިން ސެންޓަރު" ފަދަ ތަންތަން ހިޔާރު ކުރެވިދާނެ އެވެ. މާ ސިންގަހަ މި ފިހާރަތަކުގެ ތެރޭގައި ނުލިބޭނެ އެއްޗެއް ނުހުންނާނެ އެވެ. ކެއުމަށް ހާއްސަ ތަންތަނުން ފެށިގެން އަންނައުނާއި ރީތިވާ ސާމާނު ވިއްކާ ބިޔަ ފިހާތައް ނަން ހުސްކޮށް ހުންނާނެ އެވެ.

ވަޅި ޖަހާ މީހުންނަށް ސަމާލުވާތި!

ފުރަތަމަ ކަމަކީ ސަލާމަތްތެރި ކަމެވެ. ރައްކާވެ، ތިބިއްޔާ ދަތުރޭ ބުނާ ގޮތަށެވެ. މަޖާކޮށްލަން ނަމަވެސް މިތަނަށް އަންނަން ވިސްނާއިރު މި ކަމާ މެދު ވެސް ވިސްނުން ބެހެއްޓުން މުހިންމު ކަމަށް ފެނެ އެވެ. މިއީ ވަޅި ހެރުމުގެ މައްސަލަތައް އެންމެ ގިނަ އެއް ސިޓީ އެވެ. މި އަހަރުގެ އޮކްޓޫބަރުގެ އެކަނި ފަސް މީހަކު ވަޅީގެ ހަމަލާތަކުގައި މަރާލާފައިވެ އެވެ. އަދި ވަޅީގެ ހަމަލާތަކުގައި މަރުވި މީހުން އަދަދު މި އަހަރު ވަނީ 118 އަށް އަރާފަ އެވެ. މީގެ އިތުރުން ފޭރުމަކީ ލަންޑަންގެ ބައެއް ހިސާބުތަކުގައި ހިނގާ ކަންކަމެވެ. އެހެންވެ މި ތަނަނަށް އަންނައިރު، މިއީ ސަމާލުވާން ޖެހޭ ކަމެކެވެ.

ލަންޑަންއަކީ ޗުއްޓީ ހޭދަކޮށްލަން ރަނގަޅު ތަނެކޭ ބުނެވިދާނެ އެވެ. އެކަަމަކު ލަންޑަންއަކީ ތިޔަ ހީކުރާ ކަހަލަ ތަނެއް
ނޫނެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މާހިރު

މާކުންބޭގެ ވާހަކަ ލިޔެބަލަ އޭވެސް ތިކަހަލަ ވާހަކައެށް

މުޙައްމަދު އަފްރާހަށް

ލަންޑަނަށް ވަރަށް ދާހިތްވެއްޖެ އެވެ. ބޭފުޅާ، ދެންފަހަރަކުން ލަންޑަނަށް ފުރުމުގެ ކުރިން އަވަސް ނޫސް މެދުވެރިކޮށް އަންގާލައްޗޭ!

ަދައްތަ

އަޅުގަނޑުމެން ހީކުރަނީ ކިހިނެތްކަމެއް ކިހިނެތްތޯ އިން ޖެނެރަލް އަވަސް އަށް އެނގުނީ؟؟؟ މޮޅު ސުރުހީއެއް ލިޔެލީދޯ؟ ހެެހެހެ

ކައުންސެލަރު

ކިޔުންތެރިޔާ އަށް ވެދުންސަލާމަށްފަހު ދަންނަވަމެވެ. ހީވާގޮތުން ނޫސްވެރިންދޭނީ ކަން އޮންނަ ގޮތުގެ ޚަބަރެވެ. މަށަށްވެސް ކުރިން ހީކުރެވިފައި އޮންނަގޮތުގައި އިނގިރޭސިވިލާތަކީ / ލަންޑަނަކީ ވަރަށް އަމާން ރައްކާތެރި ތަނެއްކަމަށް. އެންމެފަހުގެ އަރިމަތި ސުރުޚީގައި އެއޮތީ ސަމާލުވާންޖެހޭ ކަންތައް. އެއީ އެބުނާ (ތިޔަހީކުރާ ކަހަލަ ތަނެއްނޫނެވެ) އެބުނާ ސަބަބަކީ. ދޮގެއްތޯ؟

ހިހި

އައި ސްޓަަޑީ ދެއަރ :)

އަސްލަމް

އަވަސްއިން ކީއްތޯ ވާނީ ޓްރެވަލް ފެށުން

ލލ

ވަފާތެރި ކެހިވެރި ތަނެއް!

ކިޔުންތެރިޔާ

މުޅި އާޓިކަލް ކިޔާ ނިމުންއިރުވެސް "ލަންޑަންއަކީ ތިޔަ ހީކުރާ ކަހަލަ ތަނެއް ނޫނެވެ." ބުނާ ސަބަބެއް ނުވަތަ ލިޔުންތެރިޔާ ދޭން ބޭނުންވާ މެސެޖެއް މުޅިން ސާފެއް ނުވޭ..

ކިޔުންތެރިޔާ

ތަކަހޮޅި އަށް... އަސްލުބުނަން އުޅެނީ ތިހެންކަން އެނގޭ... އެކަމުވެސް ލިޔުންތެރިޔާއަށް މުޅިން މަޤްޞަދު ހާސިލުކުރެވިފައެއް ނެތް ... ދާންވީ މަންޒިލަށް ދަތުރުކޮށްފަ އޮތީ މާ ދުރުދުރުން.. އެވާހަކަ އަޅުގަނޑުގެ ކޮމެންޓްގަ އެ އޮތީ.. ވ ވެދުން

ތަކަހޮޅި

އަމާންތަނެއްނޫނޭ. ބާޒާރުކޮށްލަން އަގުހެޔޮތަނެއްނޫނޭ. ކިޔުގަނުޖެހި ފަސޭހައިން ކަންތައްތައް ނިމޭ ތަނެއްނޫނޭ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345