ލައިފްސްޓައިލް

އިނގިރޭސި ޝާހީ އާއިލާއަށް ލޮނުމެދު ކެއުން މަނާ!

އިނގިރޭސި ޝާހީ އާއިލާގެ މެމްބަރަކަށް ވުމުން ދުނިޔޭގެ ކުރިމަތީގައި އެމީހެއްގެ ހައިބަތާއި ގަދަރު ވަރަށް މަތިވެރިވެ އެވެ. ޝާހީ އާއިލާގެ މެމްބަރުންނަށް އެންމެންވެސް އިހުތިރާމްކޮށް ކަމޭ ހިތަ އެވެ. ނަމަވެސް ޝާހީ އާއިލާގެ މެމްބަރަކަށް އުފުލަން ޖެހޭ ތަކުލީފުތައް ވެސް މަދެއް ނޫނެވެ. އާދައިގެ މީހުންނަށް ކުރެވޭ ވަރަށް ގިނަ ކަންތައްތައް އެ ބޭފުޅުން ކުރުން މަނާ ވާނެ އެވެ.

އާދައިގެ މީހުން ހެދުންއަޅާ ގޮތަށް ހެދުމެއް ނޭޅޭ އެވެ. އެ ބޭފުޅުން ހެދުން އަޅަން ވަކި ގޮތެއް، ހިނގަން ވަކިގޮތެއް، އަތް ދަބަހުގައި ހިފަން ވަކިގޮތެއް، ކެއުމަށް ވަކި ގޮތެއް އަދި މީހުންނާ ބައްދަލު ކުރަން ވެސް ވަކި ގޮތްތަކެއް ކަނޑައަޅާފައި ހުރެ އެވެ.

މީގެ ތެރެއިން ވެސް ކެއިން ބުއިމުގައި އެ ބޭފުޅުން ކަންކަން ކުރަން ޖެހޭ ގޮތް މިއީ ވެސް ވަރަށް ފާހަގަ ކޮށްލެވޭ ކަމެކެވެ. އިނގިރޭސި އާއިލާގެ މެމްބަރުންނަށް ލޮނުމެދާއި ފިޔާ ކެއުން މުޅިން މަނަލެވެ.

ސްކޮޓިސް ޑެއިލީ އެކްސްޕްރެސްގައިވާ ރިޕޯޓެއްގައިވާ ގޮތުން އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސް އަށް ލޮނުމެދު ވެއްދުން ވެސް މުޅިން މަނަލެވެ. އެއީ ކޮންމެހެން އޭގައި ގޯހެއް ހުރެގެނެއް ނޫނެވެ. އިނގިރޭސި ރާނީ މާ ފޫހިފުޅުވާ އެއްޗަކަށް ވާތީ އެވެ.

މާސްޓާ ޝެފް އޮސްޓްރޭލިޔާގެ އެޕިސޯޑެއްގައި އިނގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް ޗާލްސްގެ އަނބިކަނބަލުން ޑަޗަސް އޮފް ކޯންވޯލް ކެމީލާ ޕާކާ ބައިވެރިވެ ވަޑައގެން ވާހަކަފުޅު ދައްކަވަމުން މި ވާހަކަ ވަނީ ޔަގީންކޮށް ދެއްވާފަ އެވެ.

ޝާހީ އާއިލާގައި ކެއުން މަނާ އެއްޗިއްސާ ބެހޭ ގޮތުން ސުވާލު ކުރުމުން އެކަމަނާ ވިދާޅުވީ ލޮނުމެދު ކެއުން މުޅިން މަނާކޮށްފައި އޮންނަ ކަމަށެވެ. ޝާހީ އާއިލާގެ ޝެފަކު މީގެ 15 އަހަރު ކުރިން ވެސް މި ގަވާއިދުގެ ވާހަކަ ދައްކާފައި ވެއެވެ. އޭނާ ބުނި ގޮތުގައި ޝާހީ ގަނޑުވަރުގައި ތައްޔާރުކުރާ އެއްވެސް މެނޫއެއްގައި ލޮނުމެދު އަޅައިގެން ހަދާ އެއްވެސް ކެއުމެއް ނުހުންނާނެ ކަމަށެވެ.

ލޮނުމެދުގެ ކުޑަ މިންވަރެއް ނަމަވެސް އެކުލެވޭ އެއްވެސް އެއްޗެއް ގަނޑުވަރުގައި ކާން ދިނުން މަނަލެވެ. އަދި ފިޔާ ވެސް އަޅަން ޖެހޭނީ ނަމަކަށެވެ.

ވަރަށް ގިނަ މީޑިއާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ރާނީގެ ގަނޑުވަރުގައި ލޮނުމެދު ކެއުން މަނާކޮށްފައި ވަނީ އެ ބޭފުޅުންނަކީ އަބަދު ވެސް ވަރަށް ގިނަ ބަޔަކާ ބައްދަލުކޮށް ވާހަކަ ދައްކަން ޖެހޭ ބޭފުޅުންނަށް ވާއިރު މީހުންނާ ވާހަކަދައްކާއިރު ލޮނުމެދުގެ ނުބައި ވަސް އަނގައިން ދުވާފާނެތީ އެވެ.