އިނގިރޭސި ވިލާތުގެ 34 އަހަރުގެ މި އަންހެންމީހާ އޭނާގެ ހަޔާތުގެ ފާއިތުވީ ދުވަސްތަކުގައި އެއްގޮތަކަށް ވެސް ތަރުކާރީ ކައެއް ނޫޅެ އެވެ. އޭނާ ބުނާ ގޮތުގައި ތަރުކާރީ ނުކަނީ ގަންނަ ބިރަކުންނެވެ.
ނޯތު ޔޯކްޝަޔާގައި ދިރިއުޅޭ ޝާލީ ވިޓްލް އޭނާގެ މި ބިރާ ބެހޭ ގޮތުން ވާހަކަ ދެއްކީ ޓީވީ ޝޯ "އެކްސްޓްރީމް ފުޑް ފޯބިކްސް" ގެ އެންމެ ފަހުގެ އެޕިސޯޑުގަ އެވެ.
މި ޝޯގައި އެކިއެކި އެއްޗެތި ދެކެ އާދަޔާޚިލާފަށް ބިރުގަންނަ ނުވަތަ ފޯބިއާ ހުންނަ މީހުން ބައިވެރިކޮށް އެމީހުން އެ ބިރުން ސަލާމަތް ކުރަން މަސައްކަތް ކުރުމުގައި އެހީތެރިވެ ދެއެވެ. އެގޮތުން ޝާލީ ބައިވެރިވެ އެޕިސޯޑު ޝޫޓް ކުރި ތަނަށް އޭނާ ވަދެގެން ދިޔައިރު އެ ތަން ފުރެންދެން ކަހަލަ ގޮތަކަށް އޮތީ ބްރޮކޮލީ އެވެ. މި ތަރުކާރީތައް ފެނުމާއެކު ޝާލީ ބިރުން ގޮސް ތުރުތުރު އަޅައިގެން ތަން ޝޯ ބެލި މީހުންނަށް ވަނީ ފެނިފަ އެވެ.
އިނގިރޭސި ވިލާތުގެ "ދަ ސަން" ގައިވާ މި ރިޕޯޓުގައިވާ ގޮތުން ވަރަށް މަދު ފަހަރަކު ޝާލީ ވަނީ ތަރުކާރީ ކެވޭތޯ ހިތްވަރާއެކު މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ތަރުކާރީ ކާ ކޮންމެ ފަހަރަކު ވަރަށް ގިނައިން ހޮޑުލެވި އަދި އެ ނޫން އާ ވައްތަރުތަކުގެ ކާއެއްޗެތި ދެކެ ވެސް ބިރުގަންނަން ފަށާތީ އިތުރަށް ތަރުކާރީ ކެވޭތޯ މަސައްކަތް ކުރާކަށް އޭނާއަކަށް ނުކެރެ އެވެ.
ޝާލީ ބުނި ގޮތުގައި ތަރުކާރީ ކާން އެންމެ ފަހުން މަސައްކަތް ކުރި ފަހަރު އޭނާ ސޯސް އާއި މިލްކް ޝޭކް ފަދަ އޮލަކޮށް ހުންނަ އެއްޗެތި ދެކެ ބިރުގަންނަން ފެށި އެވެ.
ޝާލީ ވަރަށް ކުޑައިރުއްސުރެ އޭނާގެ މި ފޯބިއާ ހުރިކަން އޭނާގެ މަންމައަށް ފާހަގަ ކުރެވުނަސް ދުވަހަކުވެސް އޭނާ ގޮވައިގެން ޑޮކްޓަރަށް ނުދާ ކަމަށް ވެއެވެ. ބޮޑުވާ ވަރަކަށް މި ބިރު ކެނޑޭނެ ކަމަށް ހީކޮށްފަ އެވެ. އަދި ޝާލީގެ މަންމަ ކުރާ ކަމަކީ ހޮޓްޑޯގްސް އާއި ޗިކަން ނަގެޓްސް ފަދަ ޝާލީ އަށް ކެވޭ އެއްޗެތި ކާން ދީގެން ބަނޑުފުރާފައި ބަހައްޓަނީ އެވެ.
އުމުރުން 18 އަހަރުގައި ވަޒީފާއެއް ހޯދައގެން މަންމަ އާ ވަކިން އެކުވެރިން ތަކަކާއެކު ޝާލީ ދިރިއުޅެން ފެށުމާއެކު އޭނާގެ މި ފޯބިއާ އެކުވެރިންނަށް އެނގި އެމީހުން އެންމެން ވަރަށް ޖޯކު ޖަހާ ކަމަކަށް މިކަން ވިއެވެ. އަދި ޝާލީ މަސައްކަތްކުރާ އޮފީހުގެ ވެރިމީހާ އެ އޮފީހުގެ ހުރިހާ މީހުންނަށް ކާއެއްޗެތި ފޯރުކޮށް ދިން ނަމަވެސް ޝާލީ އެދިގެން އޭނާ ކާން ބޭނުންވާ އެއްޗެތި ތައްޔާރު ކުރަނީ އަމިއްލައަށެވެ. އޮފީހުގެ އެންމެން މަޖާކޮށް މީރު އެއްޗެތިތައް ކާއިރު ޝާލީ ކާލަނީ މަސްފޮއްޗެއް ލާފައި އޮންނަ ސޭންޑްވިޗެކެވެ.
ޝާލީ ބުނި ގޮތުގައި އޭނާ ކާ އެއްޗެތީގެ ޓެމްޕްރޭޗަރު ވެސް ހުންނަން ޖެހެނީ ވަރަށް މިންވަރަކަށެވެ. އަދި ކާއެއްޗެތި ސާވް ކުރާއިރު ވެސް ހުންނަން ޖެހެނީ ވަކި ގޮތަކަށެވެ. އެހެންނޫންނަމަވެސް އޭނާއަކަށް ނުކެވެ އެވެ.
ޓީވީ ޝޯ އެކްސްޓްރީމް ފުޑް ފޯބިކްސްގެ ޓީވީ ޕްރެޒެންޓާ ޑރ. ރަންޖް ސިންގް އެ ޝޯގައި ކިޔައިދިން ގޮތުގައި ޝާލީގެ ހަށިގަނޑުގައި ވިޓަމިން ސީގެ ބައި އިންތިހާއަށް މަދެވެ. މިކަމުގެ ސަބަބުން ވަރުބަލިވުމާއި ހިރުގަނޑުން ލޭ އައުން އަދި އެއްވެސް ކަމެއް ކުރާހިތްނުވާ މޫޑެއްގައި އޭނާއަށް އަބަދުވެސް އިނދެވެ އެވެ.
މި ޝޯގައި ބައިވެރިވާން ފެށިފަހުން ޝާލީގެ ކެއުމުގެ އާދައަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އަތުވެއްޖެ އެވެ. އޭނާ ބުނި ގޮތުގައި ސޯސް އާއި މޭބިސްކަދުރާއެކު ޕާސްތާ ކޮޅެއް ކެވޭތޯ އޭނާ މަސައްކަތް ކޮށްފައި ވެއެވެ. އަދި ޕިއްޒާ އާއި ސީރިއަލް ވެސް ކެއުމުގައި ހިމަނަން މަސައްކަތް ކުރަމުންދާކަމަށް އޭނާ ބުންޏެވެ.
ޝާލީގެ ހުވަފެނަކީ އެއްވެސް ބިރެއް ނެތި އެކުވެރިންނާއެކު މަޖާކޮށް ކާލަން އިނދެވޭނެ ދުވަހެއް ފެނުމެވެ.