ފިޔައާއި ލޮނުމެދަކީ އެ އެއްޗިއްސާ ނުލާ އެއްވެސް ކާއެއްޗެއް ތައްޔާރު ކުރަން އުނދަގޫ ދެ ބާވަތެވެ. ކޮންމެ ކާނާއެއްގައި ވެސް މީރު ރަހަ ލައްވާލަން ބޭނުންނަމަ ފިޔައެއް އަދި ލޮނުމެދެއް އެ އެއްޗެއްގައި ހިމަނާލުން ކޮންމެހެން މުހިއްމެވެ. މިއީ ރަހަ މީރުކޮށްލަދިނުމުގެ އިތުރުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ވެސް ލިއްބައިދޭ ދެ ބާވަތެވެ.
ލޮނުމެދާއި ފިޔައިގައި ފައިދާ ހުންނަނީ ހަމައެކަނި އޭގެ އެތެރެ ބަޔަކު ނޫނެވެ. ބޭރުން ލެވިފައިވާ ހަރު ތޮށީގައި ވެސް ވަރަށް ގިނަ ފައިދާ އެކުލެވިގެން ވެއެވެ.
ފިޔައާއި ލޮނުމެދު ބޭނުންކުރާ މީހުން އާއްމު ގޮތެއްގައި އޭގެ ތޮށިތައް އުކާލަނީ އެވެ. ނަމަވެސް މިއީ އެއްގޮތަކަށް ވެސް އުކާލަން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ. އެއަށް ވުރެ ފިޔަލުގެ ތޮއްޓާއި ލޮނުމެދު ތޮށީގެ ފައިދާ މާބޮޑެވެ. މި ތޮށިތައް ފުރިފައިވަނީ ސިއްހަތަށް ފައިދާ ލިބޭ އެތައް ބައިވަރު މާއްދާ ތަކަކުންނެވެ.
ތަރުކާރީގެ މި ދެ ބާވަތުގެ ބޭރު ތޮށީގައި ވިޓަމިން އޭ، ސީ، އީ އަދި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް އެކުލެވިގެން ވެއެވެ. އަދި މިއީ ފްލޭވޮނޮއިޑްސް ވެސް ހިމެނޭ އެއްޗިއްސެވެ.
ފިޔައާއި ލޮނުމެދު ތޮށީގެ ފައިދާ ކިޔާލާށެވެ. އަދި ދެން ފަހަރަކުން މި ތޮށިތައް އުކާނުލަން ހަނދާން ކުރާށެވެ.
ހަންގަނޑުގެ އުޖާލާކަމަށް ވެސް މިވަރެއް ނެތް
މިޒަމާނުގައި އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ ކެއުމުގެ އާދަތައް ހުންނަ ގޮތުން ވަރަށް އަވަހަށް ހަންގަނޑުގައި ލައް ޖަހާގޮތް ވެއެވެ. މިގޮތަށް ޖަހާ ލައްތައް ފޮހެލުމަށް މި ތޮށިތައް ބޭނުން ކުރެވިދާނެ އެވެ. މިކަމަށް ބޭނުންވަނީ ފިޔާގެ ތޮއްޓެވެ. ކުޑަކޮށް ތެތް ތޮށިކޮޅަކާ އެކު ރަނގަޅަށް ހިމުންކޮށްލާށެވެ. ދެން ރީނދޫކޮޅެއް އެއްކޮށްލާފައި ލައްތަކުގައި ހާކާށެވެ. ރީތިކޮށް ހިކުނީމަ ފެނުން ދޮންނާށެވެ. މަދު ދުވަސްކޮޅަކު ބޭނުންކޮށްލުމުން ވަރަށް އެދެވޭ ނަތީޖާ ފެންނާނެ އެވެ.
ކޮލެސްޓްރޯލް ކޮންޓްރޯލް ވާނެ
ފިޔައާއި ލޮނުމެދުގެ ތޮއްޓަކީ ކޮލެސްޓްރޯލް ދަށްކޮށްލަން ބޭނުން ކުރެވިދާނެ އެއްޗެކެވެ. ފިޔާތޮށިތައް ރޭގަނޑު ފެން ތައްޓަކަށް އަޅާފައި ބަހައްޓާށެވެ. އަދި ހެނދުނު ހޭލައިގެން އެ ފެންފޮދު ބޯލާށެވެ. ހުސް ފެން ބޯން އުނދަގޫނަމަ މާމުއިކޮޅެއް ޖަހާލައިގެން ބޯލާށެވެ.
ހަމުގެ އެލާޖީ އަށް ރަނގަޅު
ހަމުގެ އެލާޖީ މައްސަލަތައް ހުންނަނަމަ ފިޔާ އަދި ލޮނުމެދު ތޮށިތައް އެއްރޭ ފެނުގައި ބަހައްޓާފައި ހެނދުނު ގައިގައި އުނގުޅާށެވެ. އަދި ދުވަސްކޮޅަކު މިގޮތަށް ތަކުރާރުކުރާށެވެ. ހީނުކުރާ ވަރުގެ ނަތީޖާ ފެންނާނެ އެވެ.
އިސްތަށިގަނޑަށް ފައިދާ ލިބޭ
ފިޔައާއި ލޮނުމެދު ތޮއްޓަކީ އިސްތަށިގަނޑު ވަރުގަދަ ކުރަން ކޮންޑިޝަނާ އެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. ރޭގަނޑު ފެނަށް އަޅާފައި ބަހައްޓާފައި ހެނދުނު ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮވެފައި ކޮންޑިޝަނާގެ ބަދަލުގައި މި ފެނުން ދޮންނާށެވެ. ވަރަށް އަވަހަށް ނަތީޖާ ލިބޭނެ އެވެ.