ލައިފްސްޓައިލް

އިނގިރޭސި ރާނީގެ ސަންދޯކުގައި ފައިދިގުމަކުނެއް

އިނގިރޭސި ވިލާތު ރައްޔިތުން އެމީހުންގެ އެންމެ ލޯބިވާ ރާނީއަށް ކަރުނައިގެ އަލްވަދާއެއް ހޯމަ ދުވަހު ވަނީ ކިޔާފަ އެވެ.

ރަސްމީ އިއްޒަތުގައި ރާނީ ފަސްދާނުލާފައިވާއިރު ރާނީގެ ޖަނާޒާގެ ތެރެއިން ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ އެކަމަނާގެ ސަންދޯކުގައި ބަހައްޓާފައިވާ މާތަކުގެ ތެރޭގައި އިން ހުދުކުލައިގެ ސިޓީއުރައެއްގެ މަތީގައި އިން ފައިދިގު މަކުނަކަށެވެ.

ފައިދިގުމަކުނު އިނީ ރާނީގެ ދޮށީ ދަރިކަލުން އަދި މިހާރު އިނގިރޭސި ވިލާތުގެ ރަސްކަމުގައި ހުންނަ ކިންގް ޗާލްސްގެ އަތްޕުޅުން އެމަނިކުފާނުގެ މަންމާފުޅަށް ލިޔުއްވާފައިވާ އަސަރުގަދަ ސިޓީފުޅުގަ އެވެ.

ސިޓީފުޅުގެ މަތީގައި ފައިދިގުމަކުނު ހިނގާ މަންޒަރުގެ ފޮޓޯތަކާއި ވީޑީއޯތައް މިހާރު އިންޓަނެޓުގައި ވަނީ ވައިރަލް ވެފަ އެވެ.

ގާތްގަނޑަކަށް ފަސް ވަރަކަށް ސިކުންތަށް އެންމެންގެ ސަމާލުކަން ހޯދުމަށްފަހު އެ ފައިދިގުމަކުނު ވަނީ ސަންދޯއްމަތީގައި ހުރި މާތަކުގެ ތެރެއަށް ވަދެ ގެއްލިފަ އެވެ.

އިނގިރޭސި ރާނީގެ ސަންދޯކުގެ މަތީގައި 3000 ޑައިމަންޑް ޖަހާފައިވާ އެކަމަނާގެ އަގުބޮޑު ތާޖުކޮޅު ވެސް ބަހައްޓާފައި ހުއްޓެވެ. ނަމަވެސް އެއަށްވުރެ މަދު ސިކުންތުކޮޅަކަށް ފެނިލި ފައިދިގުމަކުނަށް ލިބުނު ސަމާލުކަން މާބޮޑެވެ.

އުމުރުފުޅުން 96 އަހަރުގައި ރާނީ އަވަހާރަވީ މިމަހުގެ އައްވަނަ ދުވަހު އެވެ.