ލައިފްސްޓައިލް

"މައި ޑެޑް ބޮޑީ" އިންސާނިއްޔަތަށް ހަށިގަނޑު ހަދިޔާކުރި މީހެއްގެ ވާހަކަ

ޗެނަލް 4 އިން ދެއްކި އާ ޑޮކިއުމެންޓްރީއެއްގައި ފުރަތަމަ ފަހަރަށް މަރުވެފައިވާ މީހަކު ފަޅާ ކުދި ކުރާ މަންޒަރުތައް ދައްކަން ހަމަޖެހިފައިވާ ކަމަށް އެ ޗެނަލުން ބުނެފި އެވެ.

މި ޝޯގައި ޑިސެކްޝަން (ފަޅަން) ހަމަޖެހިފައިވަނީ މަރުވުމުގެ ކުރިން އިންސާނިއްޔަތަށް އޭނާގެ ހަށިގަނޑު ހަދިޔާކުރި ޒުވާން އަންހެނެކެވެ.

ދެ ދަރިންގެ މަންމަ ޓޯނީ ކްރޫޒް އުމުރުން އެންމެ 30 އަހަރުގައި މަރުވެފައިވަނީ އޮގަސްޓް 2020 ގައެވެ. އޭނާ މަރުވީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ކެންސަރެއް ލޮލަށް ޖެހިގެންނެވެ.

ކްރޫޒް މަރުވުމުގެ ކުރިން އޭނާގެ ހަށިގަނޑު އިންސާނިއްޔަތަށް ހަދިޔާކުރަން ވަނީ އެއްބަސްވެފަ އެވެ. އަދި އެންމެންނަށް ފެންނަ ގޮތަށް އެ ހަށިގަނޑު ޑިސްޕްލޭ ކުރަންވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.

ޗެނަލް 4ގެ ޑޮކިއުމެންޓްރީ "މައި ޑެޑް ބޮޑީ"ގައި ދައްކަނީ ކްރޫޒްގެ ހަޔާތުގަ ވާހަކަ އޭނާ ކިޔައިދޭ ތަނެވެ. އޭނާގެ އަޑު އަޅާފައިވަނީ އެހެން މީހެކެވެ.

މި ޑޮކިއުމެންޓްރީއަށް ކްރޫޒް ކިޔައިދޭ ކަމަށް ދައްކާފައިވާ ވާހަކަ ތަކަކީ އޭނާ ލިޔެފައިވާ ޑައިރީތަކުންނާއި އާއިލާގެ އެކި މީހުންނަށް ލިޔެފައިވާ ސިޓީތަކުން ނަގާފައިވާ ހަގީގީ ވާހަކަ ތަކެވެ.

މި ޑޮކިއުމެންޓްރީގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑު (ކްރޫޒްގެ ހަށިގަނޑު) ޑިސެކްޓްކުރާ ތަން ދައްކާނެ އެވެ. މިއީ އެއްވެސް ޓީވީ ޗެނަލަކުން މިހާތަނަށް ދައްކާފައި ނުވާ މުޅިން އާ މަންޒަރު ތަކެކެވެ.

ކްރޫޒް އަކީ ޔޫކޭގައި ޑިސްޕްލޭކޮށް ދައްކަން ބާއްވާފައިވާ ފުރަތަމަ ގަބުރެވެ. އަދި އެ ގަބުރެއް ފަޅާ ކުދި ކުރާތަން ޓީވީން ދައްކާ ފުރަތަމަ ގަބުރު ކަމަށް ބްރޯޑްކާސްޓަރުން ބުނެފައިވެ އެވެ.

މި ޑޮކިއުމެންޓްރީގައި ދައްކާނީ ބްރައިޓަން އެންޑް ސަސެކްސް މެޑިކަލް ސްކޫލްގެ ހެޑް އޮފް އެނަޓޮމީ ޕްރޮފެސާ ކްލެއާ ސްމިތު އާއި އޭނާގެ ޓީމުން ކްރޫޒްގެ މަރުވެފައިވާ ގަބުރު ޑިސެކްޓްކުރާ ތަނެވެ. އަދި އޭނާއަށް ޖެހިފައިވާ ބައްޔާއި އެ ބަލީގެ ސަބަބުން ހަށިގަނޑަށް ލިބިފައިހުރި ގެއްލުންތަކާއި ބަލި ޖެހުނުތާ ހަތަރު އަހަރު ފަހުން އޭނާ މަރުވާން ދިމާވި ސަބަބު މި ޑޮކިއުމެންޓްރީގައި ފެންނާނެ އެވެ.

ޗެނަލް 4އިން ބުނެފައިވާ ގޮތުގައި ހަށިގަނޑުގެ ބައިތައް ޑިސެކްޓްކުރާ ތަން ދައްކަނީ ކެންސަރާ މެދު ސައިންސް ދެކޭ ގޮތާއި ކެންސަރު ޖެހުމުން އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ދިމާވާ މައްސަލަތައް ބެލުންތެރިންނަށް އޮޅުންފިލުވައިދީ ކަމާ ގުޅޭ އިލްމު އުނގަންނައިދިނުމަށެވެ. އަދި މިއީ އެޑިޔުކޭޝަނަލް ވޯކްޝޮޕެއް ގޮތަށް ގެންދާ ސީރީޒްއެއް ކަމަށްވެސް ބުންޏެވެ.

މި ޑޮކިއުމެންޓްރީ ރިލީޒްކުރުމާ ދިމާކޮށް ޕްރޮފެސާ ސްމިތު ވިދާޅުވީ މި ޑޮކިއުމެންޓްރީ ތައްޔާރުކުރިއިރު 1000 އަށް ވުރެ ގިނަ ދަރިވަރުންނަށް ދައުވަތު ދީގެން ގެނެސް މި މަންޒަރުތައް ލައިވްކޮށް ދެއްކި ކަމަށެވެ. ދައުވަތު ދީގެން ގެނައި ދަރިވަރުންގެ ތެރޭގައި ނަރުހުންނާއި ފާމަސިސްޓުން އަދި ނިއުރޯސައިންޓިސްޓުން ހިމެނޭ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

ކެންސަރު ޖެހިގެން މަރުވެފައިވާ ކްރޫޒް އަށް ޖެހިފައިވާ ކެންސަރަކީ މިލިއަނަކުން އެކަކަށް ޖެހޭ ވަރަށް މަދު ވައްތަރެއްގެ ކެންސަރަކަށް ވެފައި މި ތަނަށް ދައުވަތު ދިން 1000 ހެލްތު ޕްރޮފެޝަނަލުންނަށް މިފަދަ ކަމެއް ދަސްކުރުމުގެ ފުރުސަތު ލިބިފައި ނުވާނެކަން ޔަގީންކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

ޓޯނީ ކްރޫޒް "އިންސާނިއްޔަތަށް ކުރި މި ބޮޑު ހަދިޔާ" ހަމައެކަނި މި ޑޮކިއުމެންޓްރީއާ ހިސާބަކުން ނުނިމެ އެވެ. ޕްރޮފެސަރު ވިދާޅުވީ ޑޮކްޓަރީކަން ކިޔަވާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ކެންސަރާ ބެހޭ މައުލޫމާތުތައް އުނގަންނައިދިނުމަށް މި ހަށިގަނޑު ކުރިއަށް އޮތް އެތައް އަހަރަކު ބޭނުން ކުރަމުން ގެންދާނެ އެވެ.

ކްރޫޒްގެ އާއިލާގެ މީހުންގެ އިންޓަވިއުތައް ވެސް މި ޑޮކިއުމެންޓްރީގައި ދައްކާނެ އެވެ. ކްރޫޒް އަށް ކެންސަރު ޖެހިގެން ފާއިތުވީ ހަތަރު އަހަރު އޭނާ އެ ބައްޔާ ދެކޮޅަށް ކުރި ހިތްވަރުގަދަ ހަނގުރާމަ އާއި އޭނާގެ ކެތްތެރި އަދި މަޖާ ކެރެކްޓާ ވަރަށް ރީއްޗަށް އާއިލާގެ މީހުން ސިފަކޮށްދޭނެ އެވެ.