އަޔަލެންޑްގެ އަންހެނެއްގެ ބަނޑުން 55 ބުރި ބެޓެރި ނަގައިފި އެވެ. އެ ގައުމުގެ ޑޮކްޓަރުން ސާޖަރީ ހަދައިގެން ނެގި މި ބެޓެރީތަކުގައި ހިމެނޭ އޭއޭ އަދި އޭއޭއޭ ބެޓެރި އެވެ.
އައިރިޝް މެޑިކަލް ޖާނަލްގައި މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ މި ޚަބަރު ބުނާ ގޮތުން ޑަބްލިންގައި ހުންނަ ސެންޓް ވިންސެންޓްސް ޔުނިވަސިޓީ ހޮސްޕިޓަލުގައި 66 އަހަރުގެ މި އަންހެން މީހާ އަށް މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ.
މި ހުރިހާ ބެޓެރީ އަންހެންބމީހާ ބަނޑުގައި ހުއްޓާ ފެނުނީ އެކްސް-ރޭ އިންނެވެ. ޑޮކްޓަރުން އެންމެ ހައިރާންވީ މިހާ ގިނަ ބެޓެރީ އަންހެން މީހާ ކައިފައި ހުއްޓަސް އޭގެން އެއްވެސް ބެޓެރިއަކުން އެމީހާގެ ގޮހޮރުގެ ނިޒާމަށް ގެއްލުމެއް ވެފައި ނެތީމަ އެވެ. އަދި ބެޓެރިތަކަށް ވެސް އެއްވެސް ވަރެއްގެ ގެއްލުމެއް ވެފައި ނުވާތީ އޭގެން އެއްވެސް ވަރަކަށް ލީކެއް ވެފައެއް ނެތެވެ.
އެންމެ ކުރިން ޑޮކްޓަރުން ހީކުރީ އެ އަންހެންމީހާ ބޮޑުކަމުދާ އެއްޗިއްސާއެކު ބެޓެރިތައް ފައިބާނެ ކަމަށެވެ. ނަމަވެސް ސްކޭން ހެދުމުން ބެޓެރިތައް ހުރީ މާ ބޮޑަށް ބަނޑުގެ ތިރިއަށް ފައިބައި ހަމަޖެހިފައި ކަމުން އެހާ ފަސޭހައިން އެ އެއްޗެތި ނުފައިބާނެކަން ޔަގީންވި އެވެ.
"ބެޓެރިތައް ބަރުކަމުން އެ އެއްޗެތި ހުރީ ތިރިއަށް ގޮސް އަންހެންމީހާގެ ޕެލްވިކް ބޯން އާ ހަމައިގައި. އެހެންވެ އެހާ ފަސޭހައިން ބޮޑުކަމުދާ ނިޒާމުން ނުފައިބާނެކަން ޔަގީންވުމުން ސާޖަރީ ހަދަން ޖެހުނީ،" ރިޕޯޓުގައި ވެއެވެ.
މި މީހާގެ ސާޖަރީ ހެދި ޑޮކްޓަރުންނަށް އޮޕަރޭޝަންކުރުމުގެ ތެރޭގައި އެމީހާގެ ބަނޑުން ނެގުނީ 46 ބުރި ބެޓެރި ކަމަށް "ލައިވް ސައިންސް"ގައިވާ ޚަބަރެއްގައި ވެއެވެ. ބާކީ ހުރި ބެޓެރިބުރިތައް އެމީހާގެ ބޮޑުގޮހޮރުގައި ތާށިވެފައި ހުރުމުން އެ ނެގޭ ގޮތެއް ނުވި އެވެ. މި އެއްޗެތި ނެރެން ޖެހުނީ އެމީހާގެ ބޮޑުކަމުދާ ނިޒާމުންނެވެ.
ޑޮކްޓަރުން ބުނި ގޮތުގައި މިހާގިނަ ބެޓެރިބުރި ދުވަހަކުވެސް މީހެއްގެ ހަށީގަނޑުގައި ހުއްޓާ ފެނިފައެއް ނުވެ އެވެ. މިއީ އަމިއްލަ ހަށީގަނޑަށް ގެއްލުން ދިނުމުގެ ނިޔަތުގައި އެމީހާ ގަސްތުގައި ކޮށްފައިވާ ކަމެކެވެ.