ލައިފްސްޓައިލް

ކެންސަރު ޖެހި އުއްމީދު ކަނޑާލި މީހަކު ބަލިން ފަސޭހަވެއްޖެ

އިނގިރޭސި ވިލާތުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅު މީހަކަށް ކެންސަރު ޖެހި ޑޮކްޓަރުން އުއްމީދު ކަނޑާލާފައި ވަނިކޮށް އޭނާގެ ގައިން ކެންސަރުގެ އަސަރު މުޅިން ފިލައިގެން ގޮއްސި އެވެ.

އުމުރުން 51 އަހަރުގެ ޖޭސްމީން ޑޭވިޑްގެ ހަށީގަނޑުން ކެންސަރުގެ އަސަރު މުޅިން ފިލައި ދިޔައީ ޑްރަގް ޓްރަޔަލްއެއްގައި ބައިވެރިވެ ހޯދި ފަރުވާއެއް ކާމިޔާބު ވެގެންނެވެ.

މީގެ އަހަރުތަކެއް ކުރިން ޖޭސްމީނަށް ކެންސަރު ޖެހި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ބަލި ފެތުރެން ފެށުމުން ޑޮކްޓަރުން ލަފާ ކޮށްފައިވަނީ އޭނާ އަށް ދެން ދުނިޔޭގައި ހުރެވޭނީ ދެ ތިން މަހު ކަމަށެވެ. އަދި ޔޫކޭގެ ހޮސްޕިޓަލެއްގައި ކުރިއަށް ދިޔަ މި ކްލިނިކަލް ޓްރަޔަލްގައި ޖޭސްމީން ބައިވެރިވެ އެ ފަރުވާ ހޯދަމުންދާތާ ދުވަސްކޮޅެއް ފަހުން ޑޮކްޓަރުން ބުނެފައިވަނީ ޖޭސްމީންގެ ހަށިގަނޑުގައި އުރަމަތީގެ ކެންސަރުގެ އެއްވެސް އަސަރެއް މިހާރު ނެތް ކަމަށެވެ.

ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)ގެ ޓްރަޔަލް ކާމިޔާބުވުމުން ޖޭސްމީން މިހާރު ތައްޔާރުވަމުންދަނީ ކައިވެންޏަށް 25 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށެވެ.

މި ޓްރަޔަލްގައި ބައިވެރިވި އަޖުމަ ބެލުމުގެ ގޮތުން ދެމުންދިޔަ ފަރުވާތައް ފާއިތުވީ ދެ އަހަރެއްހާ ދުވަހު ޖޭސްމީން ގެންދިޔައީ ބޭނުންކުރަމުންނެވެ. މި ޓްރަޔަލްގައި ޖޭސްމީން އަށް ދީފައިވަނީ އައިވީގެ ޒަރިއްޔާއިން ދޭ އެޓެޒޮލިޒުމަބް ކިޔާ އިމިއުނޯތެރަޕީ ބޭހަކާއި އަލަށް އުފެއްދި އެކްސްޕެރިމެންޓަލް ޑްރަގެއް އެއްކޮށްގެންނެވެ.

ޖޭސްމީންގެ ގައިން ކެންސަރުގެ އަސަރު މުޅިން ނައްތާލެވިފައިވިޔަސް އަދިވެސް ކޮންމެ ތިން ހަފުތާއަކުން އޭނާ ގެންދަނީ މި ފަރުވާ ހޯދަމުންނެވެ.

"އަހަރެންނަށް ފުރަތަމަ ކެންސަރު ޖެހިގެން ހޯދި ފަރުވާއިން ބަލި މުޅިން ފަސޭހަވި. އެކަމަކު 15 މަސް ރަނގަޅަށް ހުރެފައި ބަލި އަލުން އަނބުރާ އައިއިރު ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ހުރީ ފެތުރިފައި. އަދި ދެވަނަ ފަހަރަށް ޑޮކްޓަރުން މުޅިން އުއްމީދު ކަނޑާލިފަހުން ޓްރަޔަލްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ. އޭރު އަހަރެންނަށް ޔަގީނެއް ނޫން މި ބޭސް ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް. ނަމަވެސް ދުނިޔެއާ ވަކިވެގެން ދަމުންވެސް އަހަރެންގެ ހަށިގަނޑުގެ ބޭނުންކޮށްގެން ކުރިއަށް އޮތް ޖެނެރޭޝަންތަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމުގެ އުއްމީދުގައި ޓްރަޔަލްގައި ބައިވެރިވީ،" ޖޭސްމީން ބުންޏެވެ.

ޖޭސްމީން ބުނި ގޮތުގައި ޓްރަޔަލްގައި ފުރަތަމަ ބޭސްތައް ދޭން ފެށުމާއެކު އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑެތި ސައިޑް އިފެކްޓްސް ތަކާ ކުރިމަތިވި އެވެ. ގަދަޔަށް ބޮލުގައި ރިއްސުމާއި ކުއްލިއަކަށް ހުރެފައި ވަރަށް ގަދަޔަށް ހުން އައުން ފަދަ ކަންކަން މެދުވެރިވި އެވެ. އެހެންވެ ވަރަށް ގިނައިން އޭނާއަށް ހޮސްޕިޓަލުގައި އޮވެގެން ފަރުވާ ހޯދަން ޖެހުނެވެ. ނަމަވެސް މަޑުމަޑުން ބޭހަށް ހަށިގަނޑު ހޭނެން ފަށައި އޭނާގެ ހާލަތު ރަނގަޅު ވާން ފެށީ ކަމަށް ވެސް ޖޭސްމީން ބުންޏެވެ.

ބޮޑެތިވެފައިވާ ދެ ކުދިންގެ މަންމަ ޖޭސްމީން ބަލިވިއިރު އޭނާ މަސައްކަތް ކުރަމުންދިޔައީ މުސްކުޅިން ބަލަހައްޓާ ފެސިލިޓީއެއްގަ އެވެ.

އޭނާގެ އުރަމަތީގައި ލަމްޕެއް އިންކަން ޖޭސްމީންއަށް ފުރަތަމަ ފާހަގަކުރެވުނީ 2017ގެ ނޮވެމްބަރު މަހު އެވެ. އަދި ޑޮކްޓަރަށް ދެއްކުމުން އޭނާއަށް ޖެހިފައިވަނީ ވަރަށް ވަރުގަދައަށް ފެތުރޭ ޓްރިޕްޕް-ނެގެޓިވް ބްރެސްޓް ކެންސަރެއްކަން އެނގުނެވެ.

މެސެސެކްޓަމީ ހަދައި ބަލި ހުރި ބައިތައް ސާޖަރީގެ ޒަރިއްޔާއިން ނެގުމަށްފަހު ހަމަސް ވަންދެން ކީމޯ ތެރަޕީ އާއި 15 ސައިކަލްސްގެ ޜޭޑިއޭޝަން ތެރަޕީ އޭނާ ނެގުމުން އޭނާގެ ހަށިގަނޑުން ކެންސަރު މުޅިން ނައްތާލެވުނެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން 2019ގެ އޮކްޓޯބަރުގައި ހެދި ސްކޭނުން މުޅި ހަށިގަނޑުގެ އެކި ބައިތަކަށް ބަލި ފެތުރިފައިވާކަން ޔަގީންވި އެވެ.

އޭނާގެ ފުއްޕާމެއާއި މޭ ކަށިތަކަށް އަދި ލިމްޕް ނޫޑްސްތަކަށް ކެންސަރު ފެތުރިފައިވާތީ ދިރިއުޅުމުގެ އުންމީދު އޮތީ އެންމެ ދެ ތިން މަހަށް ކަމަށް ޑޮކްޓަރުން އޭނާ ކައިރީގައި ބުނުމުން ޖޭސްމީންގެ ހިތް ކުދިކުދިވެގެން ދިޔަ އެވެ. އޭނާއަށް ކްލިނިކަލް ޓްރަޔަލްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ އޭގެ ދެ މަސް ފަހުންނެވެ.

ޓްރަޔަލްގައި ދިން ބޭސްތައް ބޭނުންކުރަމުން ގޮސް އޭނާގެ ގައިން ކެންސަރުގެ އަސަރު މުޅިން ނައްތާލެވުނުކަން ޔަގީންވީ ޖޫން 2021 ގައެވެ. ނަމަވެސް 2023ގެ ޑިސެމްބަރުގެ ނިޔަލަށް މި ކްލިނިކަލް ޓްރަޔަލް ކުރިއަށް ގެންދާއިރު ޖޭސްމީން ވެސް ގަވާއިދުން އެ ޓްރަޔަލްގައި ދޭ ބޭސްތައް ބޭނުންކުރާނެ އެވެ.

މި ކްލިނިކަލް ޓްރަޔަލްގައި އިސްކޮށް މަސައްކަތް ކުރައްވާ ދަ ކްރިސްޓީ ހޮސްޕިޓަލުގެ މެޑިކަލް އޮންކޮލޮޖިސްޓް އަދި ކްލިނިކަލް ޑައިރެކްޓަ ޕްރޮފެސާ ފިއޮނާ ތިސްލެތުވެއިޓް ވިދާޅުވީ ޖާސްމީންގެ ނަތީޖާއިން އޭނާ ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި މި ބޭހުން އިތުރު މީހުންގެ ބަލި ފަސޭހަވޭތޯ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.