އިންޓަނެޓުން ގިނައިން ފެންނަނީ ވަރަށް ނެގެޓިވް ވާހަކަ ތަކެވެ. ނަމަވެސް އިއްޔެ ދައުރުވެފައިވާ މި ވާހަކައަކީ ވަރަށް ޕޮޒިޓިވް އެހާމެ ހިތްވަރު އާލާވާ ކަހަލަ ވާހަކަ އެކެވެ. ވަރަށް ހީނުކުރާ ފަދަ ހާލަތްތަކުގައި ވެސް އެހީތެރިވާނެ މީހަކު ލިބި ދިރިއުޅުމުގެ ދެވަނަ ފުރުސަތެއް ލިބިދާނެ ކަމެވެ.
އިނގިރޭސިވިލާތުގެ ކޭފިލީގައި ދިރިއުޅޭ 44 އަހަރުގެ ލޫސީ ހަމްފެރީ އަކީ ފާއިތުވީ 15 އަހަރުއްސުރެ ލޫޕަސް ކިޔާ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެކެވެ.
މި ބަލީގެ ސަބަބުން އޭނާގެ ދެ ކިޑްނީ ފެއިލްވެ ކިޑްނީ ޓްރާންސްޕްލާންޓް ނުކޮށް ފަސް ވަރަކަށް އަހަރުވެސް ދުނިޔޭގައި ނުހުރެވޭނެކަމުގެ އިންޒާރުވެސް ޑޮކްޓަރުން އޮތީ ލޫސީ އަށް ދީފަ އެވެ.
ކޮންމެވެސް ދުވަހަކުން ކިޑްނީއެއް ލިބޭނެ ކަމަށް އޭނާ އުންމީދުގައި، ކިޑްނީއެއްގެ އިންތިޒާރުގައި ލޫސީ ދިރިއުޅެމުން ދިޔަ އެވެ.
ކިޑްނީ ނުލިބި ވަރަށް މާޔޫސްވެފައި އޭނާ ހުއްޓާ، މިކަމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާ އޮޅުކޮށްގެން ގެންގުޅޭ ޑޯބާމަން އިންޑީ ކުއްތާ އަށް ވެދާނެ ކަމަށް ލޫސީ އަށް ޚިޔާލަކަށް ވެސް ނާދެ އެވެ. ނަމަވެސް އޭނާ ހީކުރި ގޮތާ ޚިލާފަށް ވަރަށް ގުޅޭ ކިޑްނީއެއް ހޯދުމުގައި އޭނާއަށް އެހީތެރިކަން ލިބުނީ މި ކުއްތާގެ ފަރާތުންނެވެ.
ޔޫކޭގެ 'ދަ މިރާ' ނޫހުގައިވާ ގޮތުން 2021 ވަނަ އަހަރުގެ ދުވަހެއްގައި ލޫސީ އާއި އޭނާގެ ލޯބިވެރިޔާ ސެނީޑް އޮވެން، ސައުތު ވޭލްސްގެ ބެރީގެ ބީޗަކަށް އެމީހުންގެ ކުއްތާ ގޮވައިގެން ދިޔަ އެވެ.
އެ ދުވަހު ބީޗަށް ގޮސް އުޅުނުއިރު ބީޗުގައި އުޅުނު ކެޓީ ޖޭމްސް ނަމަކަށް ކިޔާ 40 އަހަރުގެ އަންހެނަކާ މި ކުއްތާ ގަޔާވެއްޖެ އެވެ. އެމީހާ ފަހަތުން ނައްޓާނުލައި ކުއްތާ އަބަދު އެމީހާ ކައިރީގައި އޮތެވެ. މީގެ ކުރިން ދުވަހަކުވެސް ކުއްތާއަށް ކެޓީއާ ބައްދަލުވެފައި ނެތަސް ކުއްތާ އެ ދުވަހު ކެޓީ ދެކެވީ މާވަރުގަދަ ލޯތްބެކެވެ. އެއްގޮތަކަށް ވެސް އޭނާއާ ދުރަށް ދާކަށް ބޭނުމެއް ނުވި އެވެ.
ކުއްތާގެ ހިތުގައި ކެޓީ އަށް އުފެދުނު ޚާއްސަ ލޯތްބެއްގެ ސަބަބުން އެއްގޮތަކަށް ވެސް އޭނާއާ ދުރަށް ނުގޮސް އޭނާގެ ކައިރީގައި އުޅޭތީ ލޫސީ އާއި އޭނާގެ ލޯބިވެރިޔާ ވެސް އެތަނަށް ގޮސް ކެޓީއާ ވާހަކަ ދައްކަން ފެށި އެވެ. މި ވާހަކަތަކުގެ ތެރޭގައި ކިޑްނީ ޑޮނޭޓްކުރާ މީހުންގެ ރަޖިސްޓްރީގައި ކެޓީގެ ނަން ދާދިފަހަކުން ހިމަނާފައިވާކަން ކެޓީގެ ފަރާތުން އެމީހުންނަށް އެނގުނެވެ. އަދި ލޫސީ އަށް ކިޑްނީއެއް ބޭނުންވެފައިވާކަން ކެޓީ އަށް އެނގުމުން ދެ މީހުންގެ ފޯނު ނަންބަރު ބަދަލުކޮށް ޑޯނާ ކޯޑިނޭޓަރާ ވާހަކަ ދައްކަން ދެ މީހުން ވެސް އެއްބަސްވި އެވެ.
ލޫސީ އަށް ކިޑްނީ ހަދިޔާ ކުރުމުގައި ކެޓީގެ އެއްވެސް މައްސަލައެއް ނެތެވެ. އަދި ހޮސްޕިޓަލަށް ގޮސް ދެ މީހުން ޓެސްޓްތައް ހެދިއިރު ކެޓީގެ ކިޑްނީ ލޫސީއާ ވަރަށް ފުރިހަމައަށް މެޗްވެ އެވެ.
ބީބީސީ އަށް ދިން އިންޓަވިއު އެއްގައި ލޫސީ ބުނީ އާއިލީ އެއްވެސް ގުޅުމެއް ނެތް މީހެއްގެ ފަރާތުން މިހާވަރަށް މެޗްވާ ޑޯނަރެއް ހޯދުމަކީ 22 މިލިއަނަކުން އެއް ފަހަރު ލިބޭނެ ފުރުސަތެއް ކަމަށް އެމީހުން ޓެސްޓްތައް ހެދި ހޮސްޕިޓަލުގެ ސާޖަނުން ބުނެފައިވާ ކަމަށެވެ. އަދި ލޫޕަސްގެ ސަބަބުން ކިޑްނީއެއް އޭނާއަށް ކޮންމެހެން ބޭނުން ވެފައިވާ މި ދަނޑިވަޅުގައި ކެޓީގެ ކިޑްނީ ދިމާވުމަކީ ވަރަށް އަޖައިބުވީ ކަމެއް ކަމަށެވެ.
ކާޑިފްގެ ޔުނިވަސިޓީ ހޮސްޕިޓަލް އޮފް ވޭލްސްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މި ޓްރާންސްޕްލާންޓް ވަނީ ވަރަށް ކާމިޔާބު ކަމާއެކު ހަދާފަ އެވެ.
ޓްރާންސްޕްލާންޓަށްފަހު ކެޓީ ބުނީ ލޫސީއާ ރައްޓެހިވެވުނީ އަޖައިބު އިއްތިފާގަކުން ނަމަވެސް ބައްދަލު ވެވި އެހީތެރިކަން ފޯރުކޮށްދެވުނީތީ ވަރަށް ހިތްހަމަޖެހި އުފާވި ކަމަށެވެ. އަދި ލޫސީ އަށް ދިރިއުޅުމުގެ ދެވަނަ ފުރުސަތެއް ލިބުމުގެ މެދުވެރިއަކަށް އޭނާ ވީތީ ލޫސީ ހުރީ ވަރަށް އުފަލުންނެވެ.
"އަހަރެމެން މި ވާހަކަ ޝެއާ ކޮށްގެން ދުނިޔެއަށް ދައްކަން ބޭނުންވީ ކޮންމެ މީހަކަށް ވެސް އުންމީދެއް އޮތިއްޔާ ކޮންމެވެސް މަގެއް ފެނިދާނޭ. ހިތްވަރު އެލުވާނުލާ މަސައްކަތް ކުރާށޭ. ސަބަބަކީ އަހަރެމެންނަށް ބީޗަށް ދިޔަ ދުވަހަކު ކުއްލިއަކަށް ދިމާވި މީހެއްގެ ފަރާތުން އެހީތެރިކަން ލިބުނުއިރު އެހެން މީހަކަށް ކޮންމެވެސް އެހެން ހާލަތެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ހަމަ ވެދާނެ. ދުނިޔޭގައި ރަނގަޅު މީހުން ވެސް ވަރަށް ގިނައިން އުޅޭ،" ލޫސީގެ ލޯބިވެރިޔާ ބުންޏެވެ.
ދުނިޔޭގައި އުޅޭއިރު އާ މީހުންނާ އެކުވެރިކަން ގާއިމްކޮށް ހެދުމުގެ މުހިއްމުކަން ވެސް ލޫސީ އާއި ކެޓީގެ ވާހަކައިން ޔަގީން ކުރެވެ އެވެ. އަދި ޖަނަވާރުން އެސޮރުމެން ގެންގުޅޭ މީހުން ދެކެ ވާ ލޯތްބާއި އިންސާނުންނަށް އިހްސާސް ނުކުރެވޭ ބައެއް ކަހަލަ ކަންކަން ޖަނަވާރުންނަށް ދެނެގަނެވުމުގެ ގާބިލްކަން ހުންނަ ކަން ވެސް މި ވާހަކައިން ހާމަވާ ކަމަށް ލޫސީ ބުންޏެވެ.